Roadha Mihaaru
ރޯވި ގޭގެ 10 މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

ރޯވި ގޭގެ 10 މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

10 އެޕްރީލް 2019

ގ. ރެޑްޕާލް ގޭގައި ރޯވެ އެ ގޭގެ ތިން ފްލޯގައި ވެސް މީހުންނަށް ނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާތީ އެ ގޭ އެންމެންނަށް މިހާރު ވަގުތީ ހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގ. ރެޑްޕާލް ގޭގައި ރޯވެ އެ ގޭގެ ތިން ފްލޯގައި ވެސް މީހުންނަށް ނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާތީ އެ ގޭ އެންމެންނަށް މިހާރު ވަގުތީ ހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި އެގޭގައި އުޅޭ އެންމެންނަކީ ވެސް ކުއްޔަށް އުޅޭ މީހުންނެވެ. އެ 10 މީހުން މިއަދު މާލޭގެ ގެސްޓް ހައުސް އަކަށް ބަދަލުކޮށް، އަންނަ އާދިއްތަ ދުވަހާ ހަމައަށް ހުރުމާއި ކެއުން ހަމަޖައްސައިދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެ 10 މީހުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ހަތަރު ފިރިހެނުންގެ އިތުރުން ކުޑަ ފިރިހެން ކުއްޖެކެވެ.

އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އެ ގޭގެ ހަތް މީހަކަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާދީފަ އެވެ. އެ އެންމެންގެ ހާލު ވެސް މިހާރު ރަނގަޅެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގޭގެ ސިޑި އަނދާފައި: އެ ގޭގައި މީހުންނަށް ނޫޅެވިގެން ވަނީ ވަގުތީ ހިޔާވަހިކަން ދީފައި. -- ފޮޓޯ: އެމްއެންޑީއެފް

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގޭގެ ސިޑި އަނދާފައި: އެ ގޭގައި މީހުންނަށް ނޫޅެވިގެން ވަނީ ވަގުތީ ހިޔާވަހިކަން ދީފައި. -- ފޮޓޯ: އެމްއެންޑީއެފް

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން، "މިހާރު" ވިދާޅުވީ އެ ގެޔަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލު ބެލުމަށް މިއަދު އެސެސްމަންޓްތައް ހަދަން ފަށާނެ ކަމަށެވެ. އަމަލު ކުރާނެ ގޮތެއް ދެން ނިންމާނީ އެ އެސެސްމަންޓަށް ފަހުގައި ކަމަށް ހިސާން ވިދާޅުވި އެވެ.

"އަންނަ އާދިއްތަ ދުވަހާ ހަމައަށް އެހެރީ ހުރުމާއި ކެއުން ހަމަޖައްސައިދީފައި. ދެން އިތުރަށް އަޅާނެ ފިޔަވަޅުތައް ނިންމާނީ އެސެސްމަންޓްތަކަށް ފަހުގައި،" ހިސާން ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ގ. ރެޑްޕާލް ގޭގައި ރޯވިކަމަށް ރިޕޯޓްކުރީ ރޭ މެންދަމުން އަލިވެ 3:45 ގައި ކަމަށެވެ. ރޯވީ ގޭގެ ދެވަނަ ފަންގިފިލާގައި ހުރި ލަކުޑި ސިޑިއެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ދެވަނަ ފަންގިފިލާ އާއި ތިން ވަނަ ފަންގިފިލާ އަށް އަލިފާނުގެ އަސަރުކުރި އިރު ފުރަތަމަ ފަންގިފިލާއަށް ވަނީ ފެނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ.