Roadha Mihaaru
ފިރިމީހާގެ ފޯނު ބެލުމުން އަނބިމީހާ ޖޫރިމަނާކޮށްފި

ފިރިމީހާގެ ފޯނު ބެލުމުން އަނބިމީހާ ޖޫރިމަނާކޮށްފި

30 މެއި 2021

ފިރިމީހާގެ ފޯނު ސިއްރުން ބަލައި އޭނާގެ ޕްރައިވެސީ ގެއްލުވާލި މައްސަލައެއްގައި ޔޫއޭއީގެ ކޯޓަކުން އަންހެނަކު ބުދަ ދުވަހު ޖޫރިމަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިރިމީހާގެ ފޯނު ސިއްރުން ބަލައި އޭނާގެ ޕްރައިވެސީ ގެއްލުވާލި މައްސަލައެއްގައި ޔޫއޭއީގެ ކޯޓަކުން އަންހެނަކު ބުދަ ދުވަހު ޖޫރިމަނާކޮށްފި އެވެ.

ޚަލީޖް ޓައިމްސް އިން ބުނި ގޮތުގައި މި މައްސަލާގައި ރަސް އަލް ޚައިމާގެ ސިވިލް ކޯޓުން އަންހެން މީހާ ޖޫރިމަނާކުރީ 5،431 ދިރުހަމް (1,479 ޑޮލަރު) އިންނެވެ.

ފޯނުގައި ހުރި އެއްޗެހި ބަަލައި ޕްރަވެސީ ގެއްލުވާލި މައްސަލާގައި ދައުވާކުރި ފިރިމީހާ ބުނެފައިވާ ގޮތުގައި އަނބިމީހާ ޝަައްކުކޮށް، އޭނާ އަށް ޖާސޫސްކޮށް ފޯނުގައި ހުރި ބައެއް ފޮޓޯތަކާއި ޓެކްސްޓް މެސެޖްތައް އާއިލާ މީހުންގެ މެދުގައި ދައުރު ކުރުމުގެ ސަބަބުން އާއިލާގެ މީހުންގެ މެދުގައި އަގު ވެއްޓި ނަފުސާނީ މައްސަލަޔައް ވެސް ކުރިމަތިވެފައިވެ އެވެ. އަދި މި މައްސަލާގައި ދައުވާކުރަން ޖެހުމުން ވަޒީފާ ގެއްލި، ރައްކާކޮށްފައި ހުރި ފައިސާކޮޅު ވެސް ކޯޓް ކޭހާ ގުޅިގެން ހުސް ވެފައިވާ ކަމަށް ބުންޏެވެ.

އަންހެން މީހާގެ ވަކީލު ކޯޓްގައި ވިދާޅުވެފައިވާ ގޮތުގައި ފިރިމީހާގެ ފޯނު ބަލަން މަޖުބޫރުވީ ކައިވެނީގެ ބޭރުން ލޯބީގެ ގުޅުންތަކެއް ބާއްވާކަމަށް ޝައްކުކުރެވެން ފެށުމުން ކަމަށެވެ. އަދި އެކަމަކާ ހެދި ދަރިފުޅާއި އާއިލާ ވެސް ފިރިމީހާ ހަރަދު ނުކުރާ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ދެ ފަރާތުން ދެއްކި ވާހަކަތަކާއި ލިބފައި ހުރި ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ނިންމީ ފިރިމީހާގެ ހުއްދަ ނެތި އަނބިމީހާ ފޯނު ހާވައި، އޭގައި ހުރި ބައެއް އެއްޗެހި ދައުރުކުރިކަން ސާބިތުވާތީ ޖޫރިމަނާކުރުމަށެވެ.