Roadha Mihaaru
ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓަކީ ނޫރާ

ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓަކީ އެމިރޭޓްސްގެ ނޫރާ

07 ޖުލައި 2021

ޖައްވަށް ދަތުރުކުރާ ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓްގެ ގޮތުގައި، އެމިރޭޓްސްގެ ނޫރާ އަލް މަތުރޫޝީ، 28، ކަނޑައަޅާފައިވާކަން އެމިރޭޓްސް އިން މިއަދު އިއުލާން ކޮށްފި އެވެ.

ޖައްވަށް ދަތުރުކުރާ ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓްގެ ގޮތުގައި، އެމިރޭޓްސްގެ ނޫރާ އަލް މަތުރޫޝީ، 28، ކަނޑައަޅާފައިވާކަން އެމިރޭޓްސް އިން މިއަދު އިއުލާން ކޮށްފި އެވެ.

މިދިޔަ އެޕްރީލް މަހު އެމިރޭޓްސް އިން ފެށި ޖައްވީ ޕްރޮގްރާމްތަކުގައި ބައިވެރިވާނެ ޖައްވީ ފަޅުވެރިން (އެސްޓްރޮނޯޓުން) ތައްޔާރުކުރުމަށް ގެންދާ މަޝްރޫއުގައި ބައިވެރިވުމަށް، އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން 4305 މީހަކު ކުރިމަތިލި އެވެ. އޭގެ ތެރޭގައި 1400 އަންހެނުން ވެސް ހިމެނެ އެވެ.

އޭގެ ތެރެއިން ޖައްވީ ފަޅުވެރިންގެ ގޮތުގައި މިފަހަރު ނެގި ދެ މީހުންގެ ނަން އިއުލާން ކޮށްދެއްވީ، ދުބާއީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުބާއީގެ ވެރިޔާ އަދި އެމިރޭޓްސްގެ ނައިބު ރައީސް ޝައިޚް މުހައްމަދު ބިން ރާޝިދެވެ.

ނޫރާގެ އިތުރުން، މިއަދު އިއުލާން ކުރި އަނެއް ޖައްވީ ފަޅުވެރިއަކީ، އުމުރުން 33 އަހަރުގެ މުހައްމަދުލް މުއްލާ އެވެ. ނޫރާ އާއި މުއްލާ މިހާރު ވަނީ، އެމިރޭޓްސްގެ ފުރަތަމަ ޖައްވީ ފަޅުވެރިން ކަމަށްވާ ހައްޒާ އަލް މަންސޫރީ އާއި ސުލްތާނުލް ނަޔާދީއާ ބައިވެރިވެ، ޖައްވީ ތަމްރީންތައް ފަށަން ތައްޔާރުވެފަ އެވެ.

"އެ ދެ މީހުން ޖައްވުގައި އެމިރޭޓްސްގެ ނަން މައްޗަށް އުފުލައިދޭނެ،" ދުބާއީގެ ވެރިޔާ ވިދާޅުވި އެވެ. ޖައްވީ ފަޅުވެރިއެއްގެ ގޮތުގައި ހަމަޖެހުމާ ގުޅިގެން، ނޫރާ ބުނީ، މިއީ އޭނާ އެންމެ ޅައިރު ދުށް ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

"ޖައްވީ ފަޅުވެރިއަކަށް ވުމުގެ ހުވަފެން އަހަރެން ދެކެން ފެށީ، ކިންޑަގާޑެންގައި އުޅުނު ދުވަސްވަރު. އޭރު އެއް ދުވަހަކު ޓީޗަރު ބުނީ، ސްކޫލްގެ ގޯތި ތެރޭގައި ފޭލިގެއެއް ހަދާފައި، އެއީ ތި ކުދިން ގޮވައިގެން ހަނދަށް ދަތުރުކުރާ ޖައްވީ އުޅަނދު ކަމުގައި ހީކޮށްލާށޭ. އެ ދުވަހުން ފެށިގެން، އަހަރެންގެ ހިތުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނު ޖައްވީ ފަޅުވެރިއަކަށް ވާން،" ނޫސްވެރިންނާ ބައްދަލުކުރަމުން ނޫރާ ބުންޏެވެ.

ތެލާއި ގޭހުގެ ދާއިރާގައި އަހަރެން މަސައްކަތް ކުރާތާ ކިތަންމެ އަހަރެއް ވެއްޖެ. ނަމަވެސް ޖައްވީ ފަޅުވެރިއަކަށް ވުމުގެ ހުވަފެން ދުވަހަކު ވެސް އަހަރެންނާ ވައްކެއް ނުވޭ. މިއީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ފުރުސަތެއް. އެންމެ ޅަފަތުގައި ދުށް ހުވަފެން މިއަދު މިވަނީ ހަގީގަތަކަށް ވެފައި. މިހާރު އަހަރެން ދެކެނީ މާ ބޮޑު ހުވަފެނެއް.

ދުނިޔޭގެ އެކި ގައުމުތަކުން، 1960ގެ އަހަރުތަކުން ފެށިގެން ޖައްވީ ދަތުރުތައް ކުރަމުން އަންނަ އިރު، މިހާތަނަށް ވެސް ޖައްވީ ފަޅުވެރިންގެ ގޮތުގައި ޖައްވަށް ގިނައިން ފޮނުވާފައިވަނީ ފިރިހެނުންނެވެ. އެ ދުވަސްވަރުން ފެށިގެން 2020 ގެ ނިޔަލަށް 550 ޖައްވީ ފަޅުވެރިން ޖައްވަށް ގޮސްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އެންމެ 65 އަންހެނުންނެވެ.