Roadha Mihaaru
ރެއާލްގެ ކުޅުންތެރިންނަށް ސްޕެއިންއިން ޖާގައެއް ނެތް

ރެއާލްގެ ކުޅުންތެރިންނަށް ސްޕެއިންގެ ޓީމުން ޖާގައެއް ނެތް

24 މެއި 2021

މެޑްރިޑް (24 މެއި) - ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިޔަކަށް ފުރުސަތު ނުދީ، އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިންގެ ސްކޮޑު އެކުލަވައިލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (24 މެއި) - ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިޔަކަށް ފުރުސަތު ނުދީ، އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިންގެ ސްކޮޑު އެކުލަވައިލައިފި އެވެ.

ސްޕެއިންގެ ސްކޮޑުން ފުރުސަތު ލިބޭނެ ކަމަށް ބެލެވުނު، ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށްވެސް ޔޫރޯއަށް ނެގި 24 ކުޅުންތެރިންގެ ސްކޮޑުން ޖާގައެއް ނެތެވެ. މި އަހަރު ރެއާލްގެ ޓީމަށް އޭނާ ކުޅެފައި ހަތް މެޗެވެ. އަނިޔާގެ ސަބަބުން ލީގުގައި އެންމެ ފަހު ކުޅުނު މެޗުތަކުގައި ރާމޯސް ކުޅެފައެއް ނުވެ އެވެ. މިހާރު ވެސް އޭނާ ހުރީ އަނިޔާވެފަ އެވެ.

ޔޫރޫ 2008، ވޯލްޑް ކަޕް 2010 އަދި ޔޫރޯ 2012 ސްޕެއިންއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ރާމޯސް އަށް ސްޕެއިންގެ ސްކޯޑުން ފުރުސަތު ގެއްލުމުން، މިފަހަރު ޔޫރޯ ގައި ސްޕެއިންގެ ކެޕްޓަން ކުރާނީ ބާސެލޯނާގެ ވައިސް ކެޕްޓަން ސާޖިއޯ ބުސްކެޓްސް އެވެ. މިއީ ބޮޑު މުބާރާތަކަށް ރެއާލްގެ ކުޅުންތެރިޔަކު ނުހިމަނައި ސްޕެއިންގެ ޓީމު ކުރިމަތިލާ ފުރަތަމަ ފަހަރެވެ.

ބްރެޒިލްގައި 1950 ގައި ބޭއްވި ވޯލްޑް ކަޕަށް އެކުލަވާލި ސްޕެއިންގެ ސްކޮޑްގައި ހިމެނުނީ ރެއާލްގެ އެންމެ ކުޅުންތެރިޔެކެވެ. އެއި ކުރީގެ މިޑްފީލްޑާ ލުއިސް މޮލޯނީ އެވެ. ރެއާލް އަށް ކުޅެ އެ ޓީމުގެ ކޯޗް ކަން ކުރި މޯލޯނީ މަރުވީ 2010 ގަ އެވެ.

ލީގުގެ ފަހު ކޮޅުގައި ރެއާލްގެ ޑިފެންޑަރު ނަޗޯ ފެނާންޑޭޒް މޮޅު ކުޅުމެއް ދެއްކި، އެވެ. މެޑްރިޑްގެ ވާދަވެރި ބާސާއަށް ކުރިން ކޯޗް ކޮށްދިން ސްޕެއިންގެ ގައުމީ ޓީމު މިހާރުގެ ކޯޗް ލުއިސް އެންރީކޭ ސްކޮޑުން ނަޗޯއަށް ފުރުސަތެއް ނުދެ އެވެ.

ކުރިން ފްރާންސްގެ އުމުރުފުރާތަކުގެ ގައުމީ ޓިމަށް ކުޅުނު ޑިފެންޑަރު އައިމެރިކް ލަޕޯޓްއަށް، ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމުގެ ހުއްދަ ލިބުމުން، އެންރީކޭ ވަނީ އޭނާ ޓީމަށް ނަގައިފަ އެވެ.

ފްރާންސަށް އުފަންވި ނަމަވެސް ސްޕެއިންގެ ޓީމަށް ކުޅެން ލަޕޯޓް ޝަރުތު ހަމަވާނީ އޭނާގެ މުނި މާމަ އާއި މުނި ކާފަ އަކީ ސްޕެއިންގެ ރައްޔިތުން ކަމަށްވާތީ އެވެ. ވަރަށް ޒުވާން އުމުރުގައި ލަޕޯޓް ވަނީ ސްޕެއިން އަށް ބަދަލުވެ އެތުލެޓިކް ބިލްބާއޯގެ ޔޫތު ޓީމަށް ކުޅެން ފަށައިފަ އެވެ. ބިލްބާއޯ ދޫކޮށް ސިޓީއަށް އޭނާ ބަދަލުވީ 2018 ގަ އެވެ.

ފްރާންސްގެ 17 އަހަރުން ދަށް، 18 އަހަރުން ދަށް، 19 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ލަޕޯޓް ފްރާންސްގެ ސީނިއާ ޓީމަށްވެސް ނެގި އެވެ. ނަމަވެސް މެޗެއް ނުކުޅެ އެވެ. އިންޓަނޭޝަނަލް މެޗެއްގައި ސީނިއާ ޓީމަށް ނުކުޅޭނަމަ ގައުމީ ޓީމު ބަދަލު ކުރުމުގެ އުސޫލެއް ފީފާގެ ގަވާއިދުގެ ތެރޭގައި އޮވެ އެވެ.