Roadha Mihaaru

ރެއާލުން އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއް ނެތް: އަންޗެލޮޓީ

ރެއާލް މެޑްރިޑުން އޭނާ ވަކިކޮށް އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއް ނެތް ކަމަށް ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

"ރެއާލުން އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއް ނެތް"

ރެއާލް މެޑްރިޑުން އޭނާ ވަކިކޮށް އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއް ނެތް ކަމަށް ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ދެ ލެގުގެ އެގްރިގޭޓުން އާސެނަލް އަތުން 5-1 އިން ބަލިވެ ރޭ ރެއާލް ކެޓުމުން އަންޗެލޮޓީ އަށް މަގާމު ގެއްލޭނެކަން ވަނީ ވަރަށް ބޮޑަށް ޔަގީންވެފަ އެވެ. ކުރިން ވެސް ރެއާލުން ދިޔައީ އަންނަ ސީޒަނަށް އާ ކޯޗަކަށް ބަލަމުން ކަމަށްވެ އެވެ. އެކަމަކު، މި ނަތީޖާއާ އެކު، އަދި އަމުދުން ސްޕެނިޝް ލީގު ހޯދުމުގެ ފުރުސަތު ބާސެލޯނާއާ ވާދަކޮށް ހަނިވެފައިވާތީ އަންޗެލޮޓީ އަށް މަގާމުން ގެއްލުމުގެ ފުރުސަތު ބޮޑުވީ އެވެ.

"ކްލަބުން ކޯޗު ބަދަލުކުރުން އެކަށީގެންވޭ. އެކަން މި އަހަރު ކުރުން ވެސް އެކަށީގެންވޭ. ނޫނީ އަހަރެންގެ ކޮންޓްރެކްޓް ހަމަވީމާ އެކަން ކުރުން ވެސް އެކަށީގެންވޭ. އެކަމާ އެއްވެސް މައްސަލައެއް،" އަންޗެލޮޓީ ބުންޏެވެ.

"އަހަރެން މިތަން ދޫކޮށްލާ ދުވަހަކު އަހަރެން ކުރާނެހާ ވެސް ކަމަކީ ޝުކުރުއަދާކުރުން."

އަންޗެލޮޓީ ބުނީ ކޮންޓްރެކްޓް ހަމަވުމުން، ނުވަތަ އޭގެ ކުރިން ކްލަބުން އޭނާ ދޫކޮށްލިޔަސް ވެސް އެއްވެސް ޝަކުވާއެއް ނޯންނާނެ ކަމަށެވެ.

ރެއާލުން ޝައުގުވެރިވާ ކޯޗުގެ ތެރޭގައި އެ ކްލަބުގެ ކުރީގެ މިޑްފީލްޑަރު އަދި މިހާރު ޖަރުމަނުގެ ބެޔާ ލެވަކޫސަންއާ އެކު ކާމިޔާބު ހޯދަމުން އަންނަ ޒަބީ އޮލޮންސޯ ހިމެނެ އެވެ. އަދި ލިވަޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް އަށް ވެސް ރެއާލުން މިހާރު ޝައުގުވެރިވާ ކަމަށްވެ އެވެ.

އާސެނަލް އަތުން ފުރަތަމަ ލެގުން 3-0 އިން ރެއާލް ބަލިވުމުން އެ ޓީމު ރޭ ނުކުތީ އެ ނަތީޖާ އަނބުރާލުމުގެ ވަރުގަދަ އަޒުމެއްގަ އެވެ. އެކަމަކު، ނިމުނީ 2-1 އިން ބަލިވެގެންނެވެ. އަންޗެލޮޓީ ބުނީ އޭނާގެ ކުޅުންތެރިން މެޗަށް ނުކުތީ ރަނގަޅު ވިސްނުމުގައި ކަމަށާއި، އެކަމަކު ބޭނުންވި ނަތީޖާ ހާސިލްނުވީ ކަމަށެވެ.

"ތެދަށް ބުނަންޏާ އާސެނަލުން ވަރަށް ރަނގަޅަށް ދިފާއުކުރި. އަހަރެމެންނަށް އެޓޭކްކުރަން ލިބުނީ މަދު ހުސް ޖާގައެއް،" އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ އަކީ ފަހަކަށް އައިސް ރެއާލުގެ އެންމެ ކާމިޔާބު ކޯޗެވެ. ދެ ފަހަރެއްގެ މަތިން އެ ޓީމަށް ކޯޗުކޮށްދީ އޭނާ އެ ޓީމަށް ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްދިނެވެ. އަންޗެލޮޓީ ވަނީ އޭގެ ކުރިން އޭސީ މިލާނާއި، ޗެލްސީ އާއި، ބެޔާން މިއުނިކާ އެކު ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އޭނާ މިހާރު ހުރީ ރިޓަޔާމަންޓާ ގާތުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ރެއާލުން ވަކިވެއްޖެ ނަމަ ބަދަލުވުން ގާތީ ބްރެޒިލް ގައުމީ ޓީމާ، ނުވަތަ އިޓަލީގެ އޭއެސް ރޯމާއާ އެވެ. ބްރެޒިލުން އަންނަނީ އޭނާ ގެންދެވޭތޯ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން އަންޗެލޮޓީ ވަނީ އޭނާ ކުރިން ކުޅުނު ރޯމާ އަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ.