Roadha Mihaaru
ގާޑިއޯލާ ބުނިގޮތަށް ގޮތް ނިންމުން ސިޓީގެ ދަނޑުގައި

ރެއާލްގެ ދަނޑުގައި އެއްވަރު، ގާޑިއޯލާ ބުނި ގޮތަށް ގޮތް ނިންމުން ސިޓީގެ ދަނޑުގައި

10 މެއި 2023

މެޑްރިޑް (މެއި 10) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި ރޭ މެންޗެސްޓާ ސިޓީ އިން 1-1 އިން ޗެމްޕިއަން ރެއާލް މެޑްރިޑާ އެއްވަރު ކޮށްފި އެވެ.

މެޑްރިޑް (މެއި 10) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި ރޭ މެންޗެސްޓާ ސިޓީ އިން 1-1 އިން ޗެމްޕިއަން ރެއާލް މެޑްރިޑާ އެއްވަރު ކޮށްފި އެވެ.

އެ ނަތީޖާއާ އެކު ފައިނަލުގެ ޖާގައެއް ލިބޭނީ އަންނަ ހަފުތާގައި ސިޓީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގްގެ މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗު އަމިއްލަ ދަނޑުގައި ކުޅޭތީ ސިޓީ އަށް އެއީ ހިތްހަމަޖެހުމެކެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލް ބަލިކުރި އެވެ.

ރެއާލްގެ ދަނޑުގައި ސެމީގެ ފުރަތަމަ ލެގު މެޗަށް ނުކުތުމުގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ، ސެމީގެ ނަތީޖާ ނެރޭނީ ސިޓީގެ ދަނޑުގައި ކުޅޭ މެޗުން ކަމަށް ލަފާ ކޮށްފަ އެވެ.

ރޭގެ މެޗު ވަރުގަދަކޮށް ފަށައި ރެއާލް ގޯލަށް ގިނަ ހަމަލާތަކެއް ސިޓީ އިން ފޮނުވައިލި އެވެ. އެކަމަކު މި ހާފުގައި ސިޓީގެ ކެވިން ޑި ބްރޭނާ އާއި ރޮޑްރީ އަދި އާލިން ބްރައުޓް ހާލަންޑް ފޮނުވާލި ހަމަލާތައް ރެއާލްގެ ގޯލްކީޕަރު ތިބައު ކޯޓުއާ މަތަކުރި އެވެ.

ވިނީޝިއަސް، ސިޓީއާ ދެކޮޅަށް ރެއާލަށް ލީޑު ނަގައިދިން ގޯލު ޖެހުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވިނީޝިއަސް، ސިޓީއާ ދެކޮޅަށް ރެއާލަށް ލީޑު ނަގައިދިން ގޯލު ޖެހުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި ރެއާލަށް ލިބުނު ހަމައެކަނި ފުރުސަތުގައި ލީޑު ނަގައިދިނީ ވިނީޝިއަސް ޖޫނިއާ އެވެ. މެޗުގެ 36 ވަނަ މިނިޓުގައި 25 ޔާޑު ބޭރުން ބްރެޒިލްގެ ޒުވާން ތަރި ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ސިޓީ އިން ނަތީޖާ ހަމަހަމަކުރީ 67 ވަނަ މިނިޓުގައި ކެވިން ޑިބްރޭނާ ޖެހި ގޯލުންނެވެ. އޭރިއާގެ ބޭރުން ޑިބްރޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. އެ ހާފުގައި ރެއާލަށް ލީޑު ނަގައިދޭން ލިބުނު ފުރުސަތުގައި އޮރޭލިއަން ޗުއަމެނީ ފޮނުވާލި ހަމަލާ ސިޓީގެ ގޯލްކީޕަރު އެޑަސަން މޯރެސް މަތަކުރި އެވެ.

"އަހަރެމެން ރަނގަޅަށް ކުޅެނިކޮށް ރެއާލުން ގޯލު ޖެހީ. ދެވަނަ ހާފުގައި ސިޓީ އިން ގޯލު ޖެހީ ރެއާލުން މޮޅަށް ކުޅެމުން ދަނިކޮށް. ޓީމުން ކުރި ހިތްވަރަށް އަހަރެން އުފާކުރަން. ދެން އޮތީ ފައިނަލެއް،" މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނިގޮތުގައި، މެޗުގެ ކުރީކޮޅު ސިޓީ އިން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނަސް އޭނާގެ ޓީމު ކަންބޮޑުވުމެއް ނެތެވެ. އެކަމަކު މެޗުގައި މޮޅަށް ކުޅެ ރެއާލަށް މޮޅެއް ހައްގު ކަމަށް އަންޗެލޮޓީ ބުންޏެވެ.

"މޮޅަ ކުޅުނީ ރެއާލް. މިއީ މޮޅުވުން ހައްގު މެޗެއް. މި މެޗުގައި ދެއްކި ކުޅުމަކީ ދެ ވަނަ ލެގަށް ދާއިރު ހިތްހަމަޖެހުމެއް. ފުރަތަމަ 20 މިނިޓް ސިޓީ އިން ބޯޅަ ހިފަހައްޓައިގެން ކުޅުނަސް ނުރައްކަލެއް ނުކުރެވުނު،" މިދިޔަ ސީޒަނުގައި ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ޗެމްޕިއަންސް ލީގު ދެ ވަނަ ސެމީގައި މިރޭ ކުޅޭނީ އިޓަލީގެ އޭސީ މިލާން އާއި އިންޓަ މިލާން އެވެ. އިޓަލީގެ ވާދަވެރި ދެ ކްލަބްގެ ފުރަތަމަ މެޗަކީ މިލާންގެ ހޯމް މެޗެވެ. ސެމީގެ ދެ މެޗު ވެސް ކުޅޭނީ ސެން ސީރޯ ސްޓޭޑިއަމްގަ އެވެ.