Roadha Mihaaru
ރެއާލާ ދެކޮޅަށް ކުޅޭއިރު ތާރީހު ހަނދާނުން ފޮހެލަންޖެހޭ

ރެއާލްއާ ދެކޮޅަށް ނުކުންނައިރު ތާރީހު ހަނދާނުން ފޮހެލަން ޖެހޭ: ގާޑިއޯލާ

26 އެޕްރީލް 2022

މެންޗެސްޓާ (އޭޕްރީލް 26) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ މެންޗެސްޓާ ސިޓީން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ދެ ޓީމުގެ މެދުގައި، މި މުބާރާތުގެ ތާރީހުގައި އޮތް ފަރަގުގެ މަތިން ހަނދާން ނައްތާލަން ޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (އޭޕްރީލް 26) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ މެންޗެސްޓާ ސިޓީން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ދެ ޓީމުގެ މެދުގައި، މި މުބާރާތުގެ ތާރީހުގައި އޮތް ފަރަގުގެ މަތިން ހަނދާން ނައްތާލަން ޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރެއާލް މެޑްރިޑުން މިހާތަނަށް 13 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު މެންޗެސްޓާ ސިޓީގެ ފުރަތަމަ ފައިނަލުގައި މިދިޔަ އަހަރު ބަލިވީ ޗެލްސީ އަތުންނެވެ.

"އަހަރެމެން އެ މީހުންގެ (ރެއާލްގެ) ތާރީހާ ވާދަކުރަން ވެއްޖެ ނަމަ އަހަރެމެންނަށް ކުރިއެރޭނެ ފުރުސަތެއް ނެތް. އަހަރެމެން ވަރަށް ޝައުގުވެރިވޭ އެ މީހުނާ ދެކޮޅަށް ކުޅެން. ރެއާލާ ދެކޮޅަށް ކުޅުމަކީ އިމްތިހާނެއް. އަހަރެމެން ބޭނުން މަސައްކަތް ކުރަން،" ކުރިން ބާސެލޯނާއަށް ކޯޗު ކޮށްދިން ގާޑިއޯލާ ބުންޏެވެ.

"މި ފުރުސަތު (ރެއާލްއާ ދެކޮޅަށް ކުޅެން) ލިބޭހާ ހިނދަކު ކޮންމެ ނަތީޖާއެއް ނުކުތަސް ޓީމެއްގެ ގޮތުގައި އެންމެ ރަނގަޅަށް އެބަ ޖެހޭ ޕާފޯމް ކުރަން. ތާރީހެއް އެބަ އޮތް. އެކަން އަހަރެމެންނަށް ބަދަލެއް ނުކުރެވޭނެ. އެކަމަކު މެޗުގައި ކަން ވާނެ ގޮތް ނިންމާނީ ކުޅެން އަރާ ތިބޭ ކުޅުންތެރިން."

2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ސިޓީން ރެއާލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ތެރެއިން.-- ފައިލް ފޮޓޯ: އޭއެފްޕީ

2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ސިޓީން ރެއާލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ތެރެއިން.-- ފައިލް ފޮޓޯ: އޭއެފްޕީ

މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަކީ ގާޑިއޯލާގެ ނުވަ ވަނަ ޗެމްޕިއަންސް ލީގު ސެމީ ފައިނަލެވެ. އަދި އޭނާވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އެންމެ ގިނަ ފަހަރު ސެމީ ފައިނަލަށް ދަތުރުކުރި ކޯޗަށެވެ. އޭނާ ބާސެލޯނާއާ އެކު ދެ ފަހަރު މުބާރާތް ކާމިޔާބުކުރި ނަމަވެސް ބެޔާން މިއުނިކުގައި ހޭދަކުރި ތިން ސީޒަނުގައި ވެސް ސެމީ ފައިނަލުން ވީ ބައްޔެވެ. ތިން ސީޒަނުގައި ސެމީން ބަލިވީ ރެއާލް އާއި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑް އަތުންނެވެ.

މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ސިޓީ އަށް އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. ސަސްޕެންޝަނުގެ ސަބަބުން ޑިފެންޑަރު ޔާއޯ ކަންސެލޯ އަށް މެޗުގައި ނުކުޅެވޭ އިރު އަނިޔާގައި ތިބި ޖޯން ސްޓޯންސް އާއި ކައިލް ވޯކާ އަށް މެޗުގައި ކުޅެވޭނެ ކަމުގެ ޔާގީންކަމެއް ގާޑިއޯލާގެ ނެތެވެ. އަދި ނަތަން އަކޭ އާއި ކެވިން ޑިބްރޭނާ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ކުޅުނީ އަނިޔާގައި ހުރެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީގެ މިއީ އަށްވަނަ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެވެ. އަންޗެލޮޓީ ވަނީ ދެ ފަހަރު އިޓަލީގެ އޭސީ މިލާނާ އެކު މުބާރާތް ކާމިޔާބުކޮށް، 2014 ވަނަ އަހަރު ރެއާލް އަށް 10 ވަނަ ޗެމްޕިއަންސް ލީގު ހޯދައިދީފަ އެވެ. އެ ފަހަރު އަންޗެލޮޓީގެ ރެއާލް އިން ވަނީ ގާޑިއޯލާއާ އެކު ނުކުތް ބެޔާން މިއުނިކް 5-0 ގެ އެގްރިގޭޓް ނަތީޖާއިން ސެމީ ފައިނަލުގައި ބަލިކޮށްފަ އެވެ.

މިދިޔަ ދެ ސީޒަނުގައި ވެސް ރެއާލް މެޑްރިޑް މުބާރާތުން ކެޓީ އިނގިރޭސި ކުލަބުތަކާ ކުޅެގެންނެވެ. މިދިޔަ ސީޒަނުގެ ސެމީގައި ޗެލްސީ އަތުން ބަލިވިއިރު އޭގެ ކުރީ ސީޒަނުގެ ގަދަ 16 އާ ހިސާބުން ކެޓީ ދެ ލެގުން ވެސް މެންޗެސްޓާ ސިޓީ އަތްދަށުވެގެންނެވެ. ނަމަވެސް ރެއާލް އިން އެންމެ ފަހުން މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި އިނގިރޭސި ކުލަބް ލިވަޕޫލް ބަލިކޮށްފަ އެވެ. މި ސީޒަނުގެ ފައިނަލުގައި ވެސް މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނުމުގެ ފުރުސަތު އެބަ އޮތެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި.-- ފޮޓޯ: އޭއެފްޕީ

ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި.-- ފޮޓޯ: އޭއެފްޕީ

ރެއާލް އާއި ސިޓީގެ އިތުރުން ސެމީގައި ދެން ވާދަކުރާނީ ލިވަޕޫލާއި ވިޔަރެއާލް އެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން އަންޗެލޮޓީ ބުނީ ސެމީގައި މިފަހަރު ކުޅޭ ދެ ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ވިޔަރެއާލް ވެސް މުބާރާތުގެ މީހާ ހިސާބަށް ދަތުރު ކޮށްފާނެ ކަމަށް ގިނަ މީހުން ގަބޫލު ވެސް ނުކުރާނެ ކަމަށެވެ.

"މިހާހިސާބަށް އާދެވުމުން ވަރަށް އުފާވޭ. އެކަމަކު ނަތީޖާ (ސެމީ ފައިނަލުގެ) ނިންމާނީ މިރޭ (ފުރަތަމަ ލެގުގައި) އެއް ނޫން. ނަތީޖާ ފައިނަލް ކުރާނީ ބާނަބައޫގައި. އަހަރެންނަށް ނުވިސްނިގެން މިއުޅެނީ މިރޭ ކުރިޔަށް އަރުވާނީ ދެ ސްޓްރައިކަރުންތޯ ނޫނީ ތިނެއް ތޯ. އެއީ ރޮޑްރިގޯ އާއި އެޑުއާޑޯ ކަމަވިންގާ ވެސް ވަރަށް ރަނގަޅު،" އަންޗެލޮޓީ ބުންޏެވެ.

ރެއާލްގެ ޑިފެންސުގައި އަނިޔާގެ ކުދިކުދި މައްސަލަ އުޅޭކަމަށް ފާހަގަކޮށް އަންޗެލޮޓީ ބުނީ ފާލަންޑް މެންޑީ ހުރީ ފިޓުކޮށް ކަމަށާއި އެކަމަކު ޑޭވިޑް އަލަބާ އާއި ކަސެމީރޯއާ މެދު ގޮތެއް ނިންމާނީ އަދި ފަހުން ކަމަށެވެ. އެހެން ނަމަވެސް އަލަބާ މި މެޗުގައި ފެނުމުގެ ފުރުސަތު ބޮޑުކަން ހާމަކުރަމުން، އަންޗެލޮޓީ ބުނީ މިރޭގެ މެޗުގައި ކަސެމީރޯ ނުފެނިއްޖެ ނަމަ ޔަގީނުން ވެސް ދެވަނަ ލެގުގައި ކުޅޭނެ ކަމަށެވެ.

މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގައި މިހާތަނަށް ހަ ފަހަރު ވާދަކޮށްފައިވާއިރު ސިޓީން ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ކުރިން ދެ މެޗު އެއްވަރުވެފައި ވާއިރު ރެއާލް ވެސް ވަނީ ދެ މެޗު ކާމިޔާބު ކޮށްފަ އެވެ. އަދި ދެ ޓީމު ވެސް ވަނީ މި ހަ މެޗުން ހަތް ގޯލު ޖަހައިފަ އެވެ.

މެންޗެސްޓާ ސިޓީގެ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ ލެގު އޮންނާނީ މިރޭ ރާއްޖޭ ގަޑިން 12 ޖަހާއިރެވެ.