Roadha Mihaaru
ރެއާލާ ވާދަކޮށް ސިޓީގެ މޮޅުކަން ދައްކަންޖެހޭ: ގާޑިއޯލާ

ރެއާލާ ވާދަކޮށް ސިޓީގެ މޮޅުކަން ދައްކަންޖެހޭ: ގާޑިއޯލާ

07 އޯގަސްޓް 2020

މެންޗެސްޓާ (އޮގަސްޓް 7) - ރެއާލް މެޑްރިޑަކީ މުއްސަނދި ތާރީހެއް އޮތް ބޮޑު ކްލަބެއް ކަމަށާއި އެކަމަކު މި ވަގުތުގެ ހާލަތަށް ބަލާއިރު އޭނާގެ ނަޒަރުގައި މެންޗެސްޓާ ސިޓީ އަކީ ރެއާލަށް ވުރެން މޮޅު ޓީމެއް ކަމަށާއި އެކަން މިރޭގެ މެޗުގައި ދައްކަން ޖެހޭ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މެންޗެސްޓާ (އޮގަސްޓް 7) - ރެއާލް މެޑްރިޑަކީ މުއްސަނދި ތާރީހެއް އޮތް ބޮޑު ކްލަބެއް ކަމަށާއި އެކަމަކު މި ވަގުތުގެ ހާލަތަށް ބަލާއިރު އޭނާގެ ނަޒަރުގައި މެންޗެސްޓާ ސިޓީ އަކީ ރެއާލަށް ވުރެން މޮޅު ޓީމެއް ކަމަށާއި އެކަން މިރޭގެ މެޗުގައި ދައްކަން ޖެހޭ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރެއާލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ސިޓީ ވަނީ 2-1 އިން މޮޅުވެފަ އެވެ. އެހެންކަމުން މިރޭ އަމިއްލަ ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ސިޓީ އަށް ކުއާޓާގެ ޖާގަ ކަށަވަރުކުރެވޭނެ އެވެ. އެހެން ނަމަވެސް ގާޑިއޯލާގެ ވިސްނުމުގައި ހުރީ މި މެޗުން މޮޅުވެ އެ ޓީމުގެ ފެންވަރު ސާބިތުކޮށްދޭށެވެ.

"ތެދެއް އަހަރެން ދެކެނީ ޓީމެއްގެ ގޮތުގައި މި ވަގުތަށް ބަލާއިރު އަހަރެމެން އެ ޓީމަށް (ރެއާލަށް) ވުރެ މޮޅު ކަމަށް. އެކަމަކު މި ވާހަކަތަކުގެ އެއްވެސް އަގެއް ނެތް އަހަރެމެންނަށް ދަނޑުގައި މަތީގައި އަހަރެމެންގެ މޮޅުކަން ދައްކައި ނުދެވިއްޖިއްޔާ. އަހަރެން މި ދައްކާ ވާހަކައިގެ ހަގީގަތް ދަނޑުމަތީގައި ދައްކައިދޭންޖެހޭ،" މިރޭގެ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު އަލުން ފުޓްބޯޅަ މެޗުތައް ފެށި ފަހުން ރެއާލްގެ ހާލަތު ވަނީ ބަދަލުވެފަ އެވެ. ރަނގަޅު ރޫހެއްގައި ކުޅެ އެ ޓީމުން ވަނީ ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. ގާޑިއޯލާ ބުނީ ސްޕެނިޝް ލީގުގައި ރެއާލަށް ލިބުނީ ހައްގު ކާމިޔާބެއް ކަމަށާއި މި ސީޒަނުގައި ތަށްޓެއް ލިބުމުގެ އިތުރުން ރެއާލަށް ދެން މި މެޗާ ކުރިމަތިލާއިރު އޮތް ހިތްހަމަ ޖެހުމަކީ މި ފަދަ މެޗުތަކުގެ ތަޖުރިބާ އެ ޓީމުގެ ރަނގަޅުވުން ކަމަށެވެ.

"އަހަރެމެންގެ ނަޒަރުގައި ރެއާލަށް އޮތް ބޮޑު އެޑްވާންޓޭޖަކީ މި މުބާރާތުގައި އެ ޓީމުގެ ތަޖުރިބާ. އެ މީހުންގެ ތަޖުރިބާއާ އެއްވަރުގެ ވިސްނުންތެރިކަމާ އެކު ފަރުވާތެރިވެގެން އަހަރެމެން ހުރިހާ ދިމާލަކުން ރަނގަޅު ކުރިމަތިލުމަކަށް ގޮސްގެން މި މެޗުން ސާބިތުކޮށްދެވޭނެ ކަންތައްތައް ގިނަ،" ގާޑިއޯލާ ބުންޏެވެ.

މި މެޗަށް ރެއާލްގެ އެޑެން ހަޒާޑް ފިޓްވުމަކީ ބިރަކަށް ވުރެން ބޮޑަށް ދެކެނީ ހިތްހަމަޖެހުމެއްގެ ގޮތުގައި ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އެއީ ފުޓްބޯޅައިގައި އަބަދުވެސް އޭނާ އެންމެ ބޭނުންވަނީ އަމިއްލަ ޓީމާއި އިދިކޮޅު ޓީމުގައި ވެސް އެންމެ މޮޅެތި ކުޅުންތެރިން ތިބުން ކަމަށާއި ހަޒާޑް ކުޅުމަކީ އެ ގޮތަށް ވިސްނާއިރު ވެސް އޮތް ހިތްހަމަ ޖެހުމެއް ކަމަށް ގާޑިއޯލާ ބުންޏެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާނަށް މި މެޗުގެ ކުރިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ މި މެޗަށް ނެގި 24 ކުޅުންތެރިންގެ ސްކޮޑުގައި ގަރެތު ބޭލް ނުހިމެނޭތީ އެވެ. ޒިދާން ބުނީ ބޭލްއާ އެކު ދެކެވުނު ވާހަކަތަކަށް ފަހު އޭނާ ނިންމީ މި މެޗުގައި ނުކުޅެން ކަމަށާއި އޭގެ ތަފްސީލަކަށް ނުދާނެ ކަމަށާއި އެއީ ކޯޗަކާއި ކުޅުންތެރިއެއްގެ މެދުގައި ދެކެވުނު ހާއްސަ ވާހަކައެއް ކަމަށެވެ. އަދި އެ ފަދަ ކަންތައްތައް މީޑިއާގައި ހިއްސާކުރަން ބޭނުންނުވާ ކަމަށް ޒިދާން ބުންޏެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗަށް ނުކުންނައިރު ރެއާލަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކާޑު ހަމަވުމުގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް މި މެޗަށް ސަސްޕެންޑްވެފައިވުމެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ޖަހާއިރު އެވެ.