Roadha Mihaaru
"ސިޓީ ނުކުންނާނީ ރެއާލް ކިބައިން ބަދަލުހިފާކަށް ނޫން"

ސިޓީ ނުކުންނާނީ ރެއާލް ކިބައިން ބަދަލު ހިފާކަށް ނޫން: ގާޑިއޯލާ

09 މެއި 2023

މެޑްރިޑް (މެއި 9) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީން ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނީ ބަދަލު ހިފުމުގެގޮތުން ނޫން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މެޑްރިޑް (މެއި 9) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީން ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނީ ބަދަލު ހިފުމުގެގޮތުން ނޫން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިދިޔަ ސީޒަންގެ ސެމީ ފައިނަލްގައި ވެސް މި ދެ ޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. ސެމީ ފައިނަލްގެ ދެ ވަނަ ލެގުގެ 90 ވަނަ ވަނަ މިނިޓާ ހަމައަށް ވެސް އެގްރިގޭޓް 5-3 ގެ ނަތީޖާއަކުން ލީޑުގައި އޮތީ ސިޓީ އެވެ. ނަމަވެސް އެންމެ ފަހު ސިކުންތުކޮޅުގައި ރެއާލުން ވަނީ މުޅި ގޭމް އަނބުރާލައި އެގްރިގޭޓް 6-5 ގެ ނަތީޖާއިއަކުން މޮޅުވެފަ އެވެ.

"އަހަރެމެން މިތިބީ ބަދަލު ހިފާކަށް ނޫން. އަހަރެމެން މިތާ މިތިބީ ފުރުސަތެއް ހޯދަން. މީގެ ކުރިން ކިހިނެއް ކަންތައްތައް ވީ؟ އެކަންކަމާ ވިސްނުމަކީ ވެސް ބޮޑު ގޯހެއް. ބަދަލު ހިފުމަކީ މިދިޔަ އަހަރު އަހަރެމެންނަށް ލިބުނު ފިލާވަޅެއް ނޫން،" މިދިޔަ އަހަރުގެ ޗެމްޕިއަން ރެއާލާ ދެކޮޅަށް ނުކުތުމުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

"ލިބުނު ފިލާވަޅުން އަހަރެމެން ދަސްކުރަންވީ ހަގީގަތުގައި ވީގޮތް. އެއިން ދަސްކޮށްގެން ރަނގަޅަށް ޕާފޯމް ކޮށްގެން، މެންޗެސްޓާގައި ކުޅޭ މެޗުގައި ވެސް އަހަރެމެންނަށް ފުރުސަތު ނުގެއްލޭނެހެން ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރުން އޮތީ."

މިދިޔަ ސީޒަނެކޭ އެއްގޮތަށް މި ސީޒަންގައި ވެސް ރެއާލްގެ ކޯޗަކީ ކާލޯ އަންޗެލޮޓީ އެވެ. އަދި ދެ ޓީމުގައި ވެސް ގިނައިން ތިބީ އެއް ކުޅުންތެރިންތަކެކެވެ. ސިޓީގެ ތަފާތަކީ އެޓީމަށް މި ސީޒަންގައި ބަދަލުވި އާލިން ބްރައުޓް ހާލަންޑެވެ. އަދި ހޫލިއަން އަލްވަރޭޒް އަކީ ވެސް އިދިކޮޅު ގޯލަށް ނުރައްކާ ކުރާ ކުޅުންތެރިއެކެވެ.

މިދިޔަ ސީޒަންގެ ފުރަތަމަ ލެގު ކުޅުނީ ސިޓީގެ ދަނޑުގަ އެވެ. އެ މެޗު ސިޓީން ކާމިޔާބު ކުރީ 4-3 އިންނެވެ. ރެއާލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު މެޗުގެ ފަހު ހާފުގައި ސިޓީން ގޯލެއް ޖަހައި އެގްރިގޭޓް ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް މެޗުގެ 90 މިނިޓާއި އިތުރު ވަގުތުގައި ގޯލު ޖަހައި ރެއާލުން އެގްރިގޭޓް ނަތީޖާ އެއްވަރު ކުރި އެވެ. އަދި ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލާ އެކު ރެއާލުން ގާޑިއޯލާގެ ސިޓީ ބަލިކޮށް ފައިނަލުން ޖާގަ ހޯދި އެވެ.

ގާޑިއޯލާ ދެކޭގޮތުގައި މިއަހަރުގެ އެންމެ ބޮޑު ތަފާތަކީ، ސެމީ ފައިނަލްގެ ފަހު ލެގު ސިޓީގެ ދަނޑުގައި ކުޅެން ޖެހޭތީ އެވެ.

"މި އަހަރުގެ ތަފާތަކީ ދެވަނަ ލެގު ކުޅެން އޮތީ އަހަރެމެންގެ ދަނޑުގައި. އެއީ އެޑްވާންޓޭޖެއް ކަމެއް ނުވަތަ ނޫންކަމެއް ޔަގީނެއް ނޫން. އަހަރެންނަށް ހީވަނީ ސެމީގެ ނަތީޖާ ފައިނަލް ވާނީ މެންޗެސްޓާގައި ހެން،" ގާޑިއޯލާ ބުންޏެވެ.

ސިޓީން އަންނަނީ މި ސީޒަންގައި ތިން މުބާރާތް ކާމިޔާބު ކުރަން ޓާގެޓް ކުރަމުންނެވެ. އެފްއޭ ކަޕްގެ ފައިނަލަށް އެޓީމު ހޮވިފައި ވާއިރު، ޕްރިމިއާ ލީގުގައި ވެސް ސިޓީ އޮތީ އެއްވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގައި ސިޓީން މަސައްކަތް ކުރަނީ އެޓީމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މުބާރާތް ކާޟިޔާބު ކުރާށެވެ.

"އެއް ދުވަހަކުން އަހަރެމެން ކާމިޔާބު ކުރާނަން. ފައިނަލަށް ގޮސް އަހަރެމެން މޮޅުވާނަން. މި ސީޒަންގައި މިއައީ އެކަން ކުރަން،" 2021 ގެ ފައިނަލްގައި ޗެލްސީ އަތުން ބަލިވި ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.

"މި މުބާރާތް ކާމިޔާބު ކުރުމަށް ޖެހޭނީ އެންމެ ވަރުގަދަ ޓީމުތައް ބަލިކުރަން. މެޑްރިޑަކީ ފާއިތުވި ދިހަވަރަކަށް އަހަރު ވެސް އެންމެ މޮޅު ޓީމް."

މި ސީޒަންގެ ސްޕެނިޝް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ރެއާލަށް ނެތް ނަމަވެސް އެޓީމުން ވަނީ މިގަހުން ސްޕެނިޝް ކަޕް ކާމިޔާބު ކޮށްފަ އެވެ. މިއާ އެކު ސީޒަންގެ ބާކީ ބައިގައި ރެއާލަށް ވަނީ 10 އަހަރު ތެރޭ ހަވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގެ ފުރުސަތު ފަހިވެފަ އެވެ.

ރެއާލްގެ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ ލެގު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެެވެ.