Roadha Mihaaru
ލިވަޕޫލާއި ޗެލްސީ ޗެމްޕިއަންސް ލީގަށް

ލިވަޕޫލާއި ޗެލްސީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި

23 މެއި 2021

ލަންޑަން (23 މެއި) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުގެ ނަތީޖާއާއެކު، ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ ލިވަޕޫލާއި ޗެލްސީ އަށް ކަށަވަރުވެ، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އެ ދެ ކްލަބު ކޮލިފައިވެއްޖެ އެވެ.

ލަންޑަން (23 މެއި) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުގެ ނަތީޖާއާއެކު، ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ ލިވަޕޫލާއި ޗެލްސީ އަށް ކަށަވަރުވެ، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އެ ދެ ކްލަބު ކޮލިފައިވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތައް މިރޭ ކުޅުނުއިރު، އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލެސް އަތުން ލިވަޕޫލް މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ލިވަޕޫލްގެ ދެ ލަނޑު ވެސް ޖަހައިދިނީ ސާދިއޯ މާނޭ އެވެ.

ރަށުން ބޭރުގައި އެސްޓަން ވިލާ އަތުން 2-1 އިން ޗެލްސީ މިރޭ ބަލިވިޔަސް، ގަދަ ހަތަރެއްގެ ޖާގަ ޗެލްސީ އަށް ލިބުނީ މިރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން 4-2 އިން ލެސްޓާ ސިޓީ ބަލިވުމުންނެވެ.

ލީގުގެ ފަހު މެޗުތަކުގެ ނަތީޖާތަކަށް ފަހު، ލިވަޕޫލް ސީޒަން ނިންމާލީ 69 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގަ އެވެ. ޗެލްސީ ހަތަރު ވަނައިގައި ސީޒަން ނިންމާލީ 67 ޕޮއިންޓާއެކު އެވެ.

ގަދަ ހަތަރަކަށް ވާދަކުރަމުންދިޔަ ލެސްޓާ ފަސް ވަނައިގައި އޮތީ 66 ޕޮއިންޓާއެކު އެވެ. ލެސްޓާ ފުއްދާލަން ޖެހުނީ ޔޫރޮޕާ ލީގުގެ ޖާގައަކަށެވެ. ޔޫރޮޕާ ލީގަށް ދެން ކޮލިފައިވީ ހަ ވަނައިގައި ސީޒަން ނިންމާލީ ވެސްޓް ހޭމް ޔުނައިޓަޑެވެ.

ޓޮޓެންހަމްގެ ބޭލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ

ޓޮޓެންހަމްގެ ބޭލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ

ލީގުގައި މިރޭ ލިބުނު މޮޅާއެކު، ޓޮޓެންހަމް ސީޒަން ނިންމާލީ 62 ޕޮއިންޓާއެކު ހަތް ވަނައިގަ އެވެ. ޓޮޓެންހަމް ވަނީ އަންނަ ސީޒަންގައި އަލަށް ފަށާ ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބު މުބާރާތް ކަމަށްވާ ޔޫރޮޕާ ކޮންފަރަންސް ލީގަށް ކޮލިފައިވެފަ އެވެ.

ލީގުގައި މިރޭ ބްރައިޓަން އަތުން 2-0 އިން މޮޅުވިޔަސް، އާސެނަލް ސީޒަން ނިންމާލީ ތާވަލްގެ 8 ވަނައިގަ އެވެ. އެހެންކަމުން 1995 / 1996 ވަނަ އަހަރުގެ ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް އާސެނަލް އަށް ވަނީ ޔޫރަޕްގެ ކްލަބު މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ.

ލީގު ޗެމްޕިއަން ސިޓީ މިރޭ ތަށި އުފުލާލީ ފަހު މެޗުގައި އެވަޓަން އަތުން 5-0 އިން އަމިއްލަ ދަނޑުގައި މޮޅުވެގެނެވެ.

ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓަޑް ވަނީ ރަށުން ބޭރުގައި ވުލްވްސް އަތުން 2-1 އިން މޮޅުވެފަ އެވެ. -- އޭއެފްޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުގެ ނަތީޖާ:

އާސެނަލް 2 - 0 ބްރައިޓަން

އެސްޓަން ވިލާ 2 - 1 ޗެލްސީ

ފުލަމް 0 - 2 ނިއުކާސަލް ޔުނައިޓަޑް

ލީޑްސް ޔުނައިޓަޑް 3 - 1 ވެސްޓް ބްރޮމް

ލެސްޓާ ސިޓީ 2 - 4 ޓޮޓެންހަމް ހޮޓްސްޕާ

ލިވަޕޫލް 2 - 0 ކްރިސްޓަލް ޕެލެސް

މެންޗެސްޓާ ސިޓީ 5 - 0 އެވަޓަން

ޝެފީލްޑް ޔުނައިޓަޑް 1 - 0 ބާންލީ

ވުލްވްސް 1 - 2 މެންޗެސްޓާ ޔުނައިޓަޑް

ވެސްޓް ހޭމް 3 - 0 ސައުތުހެމްޓަން