Roadha Mihaaru
ކަރަންޓީނާ ހިލާފުވި މީހަކު ޕޮޒިޓިވްވެ ދަރަވަންދޫ ބަންދު

ކަރަންޓީނާ ހިލާފުވި މީހަކު ޕޮޒިޓިވްވެ ދަރަވަންދޫ ވެސް ބަންދު

18 މެއި 2021

ކަރަންޓީނުގެ އުސޫލާ ޚިލާފަށް ބޭރަށް ނުކުމެ އުޅުނު ބިދޭސީއެއްގެ ޓެސްޓުގެ ނަތީޖާ ލިބުނު އިރު ޕޮޒިޓިވްވެ ބ.ދަރަވަންދޫ އަށް އަރައި ފޭބުން މަނާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކަރަންޓީނުގެ އުސޫލާ ޚިލާފަށް ބޭރަށް ނުކުމެ އުޅުނު ބިދޭސީއެއްގެ ޓެސްޓުގެ ނަތީޖާ ލިބުނު އިރު ޕޮޒިޓިވްވެ ބ.ދަރަވަންދޫ އަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ޕޮޒިޓިވްވީ އެ ރަށުގައި ކަރަންޓީނުގައި ހުރި ބަނގުލަދޭޝްގެ މީހެކެވެ. އެ މީހާ ވަނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ކޮވިޑަށް ޓެސްޓުކުރުމަށް މީގެ ދެ ދުވަސް ކުރިން ސާމްޕަލް ނަގައިފަ އެވެ. ނަތީޖާ ލިބުނީ ރޭ 12:00 ގަ އެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ ބަންގްލާދޭޝް މީހާ ކޮވިޑަށް ޕޮޒިޓީވްކަން އެނގުނު އިރު، ކަރަންޓީނުގެ އުސޫލާ ޚިލާފަށް އޭނާ ރަށު ތެރެއަށް ނިކުމެ، އެކި ތަންތަނަށް ގޮސް މީހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.

"ޕޮޒިޓިވްވިކަން އެނގުނުއިރު އެ މީހާ ކަރަންޓީނުގައި ހުރި ކޮޓަރީގައި އެހެން ހަ މީހަކު މިހާރު ތިބީ ކަރަންޓީނުވާން އައިސްފައި. ޕޮޒިޓިވްވި މީހާ ވަނީ ނަތީޖާ ނުލިބެނީސް އެ ކޮޓަރި ދޫކޮށްލައިފައި އޭނާ މަސައްކަތް ކުރަން އައިސް ހުންނަ ގެއަށް ބަދަލުވެފައި،" ސަމީހު ވިދާޅު އެވެ.

އޭނާއާ ކޮންޓެކްޓުވެގެން 14 މީހަކު މިހާރު ވަނީ އައިސޮލޭޓްކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް މިހާރު ގޯސްވެ، ހަރުކަށި ފިޔަވަޅުތައް އަނެއްކާވެސް ވަނީ އަޅައިފަ އެވެ. ނަމަވެސް ކޮންމެ ދުވަަހަކު ކޮވިޑްގެ އެތައް ސަތޭކަ ކޭހެއް އަލަށް ފެންނަމުން ދާއިރު ފިޔަވަޅުތަކާ އެކު ވެސް އަދި ކޭސްތައް ދަށްވާ ތަނެއް ނުފެނެ އެވެ. އިއްޔެ އެކަނި ވެސް އަލަށް 1،433 ކޭސް ފެނިފައިވެ އެވެ. މިހާތަނަށް ރާއްޖޭން 45,956 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 104 މީހަކު ވަނީ މަރުވެފަ އެވެ.