Roadha Mihaaru

ކެންސަރުގެ ދަފްތަރުގައި 1،600 އަށްވުރެ ގިނަ މީހުން

ސަރުކާރުގެ ދެ ހޮސްޕިޓަލުން ކެންސަރަަށް ފަރުވާ ހޯދަން 1،600 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ކެންސަރުގެ ދަފްތަރުގައި 1،600 އަށްވުރެ ގިނަ މީހުން
އާސިމާ ނިޒާރު
އާސިމާ ނިޒާރު

04 ފެބުރުއަރީ 2025

ސަރުކާރުގެ ދެ ހޮސްޕިޓަލުން ކެންސަރަަށް ފަރުވާ ހޯދަން 1،600 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އެޖެންސީގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު އަބްދުﷲ މުއާޒު އާދަމް ވިދާޅުވީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުން 2019 ވަނަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް ދަފްތަރުގައި 1،400 މީހުން ތިއްބަސް، އެ އަދަދު މި އަަހަރުގެ މިހާތަނަށް 1،617 އަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ. ފަސް މަސް ތެރޭގައި، ގާތްގަނޑަކަށް 217 މީހުން ވަނީ ރަޖިސްޓްރީ އަށް އިތުރުވެފަ އެވެ.

އެ އެޖެންސީން މިހާރު ވެސް ދަފްތަރު އަޕްޑޭޓްކުރަމުން އަންނާތީ އެ އަދަދު އިތުރުވާނެ އެވެ.

މުއާޒު ވިދާޅުވީ ކެންސަރު ދަފްތަރުގައި މަރުވެފައި ތިބި މީހުން ވެސް ހިމެނޭ ކަމަށެވެ. އެކަމަކު، އެ މަސައްކަތް އެއްކޮށް ނިމޭއިރު މަރުވެފައި ތިބި މީހުންގެ އަދަދު ވަކިން އެނގޭނެ ގޮތަށް ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

ދަފްތަރުގައި ތިބި ފިރިހެނުންގެ މެދުގައި އެންމެ ގިނައީ ފުއްޕާމޭގެ ކެންސަރެވެ. އަންހެނުންނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އުރަމަތީގެ ކެންސަރެވެ.

ފިރިހެނުންނަށް ފުއްޕާމޭގެ ކެންސަރު ޖެހޭ ވަރު އިތުރުއިރު، ޑަބްލިއުއެޗްއޯގެ އެހީގައި އެމްއެންޔޫ އިން 2021 ވަނަ އަހަރު ހެދި ދިރާސާ އިން އެނގޭ ގޮތުގައި ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ. އޭގެ ތެރެއިން، އެންމެ ހަގު އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާފައި ވަނީ އަށް އަހަރުގަ އެވެ. އެ ދިރާސާގައި 15-39 އަހަރާ ދެމެދުގެ 3،104 މީހުން ބައިވެރިވި އެވެ.

އެޗްޕީއޭއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހަވާލާދީ ބުނީ ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި ކަމަށެވެ.

ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތައް

- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން

- ކެއިންބުއިމުގެ ނުރަނގަޅު އާދަތައް

- ދުފުން

- އެކަށީގެންވާ ވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން

- ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރުވުން

ކެންސަރު ސޮސައިޓީން ނެރުނު ބަޔާނުގައި ބުނީ ކެންސަރު ބަލީގެ ދުވަހު، ކުރިއަށް އޮތް ތިން އަހަރަށް ގެންދާ ކެމްޕެއިން ބިނާކޮށްފައިވަނީ "އެފަދަ ދެވަނައެއް ނެތް ގުޅުން" ޝިއާރަށެވެ.

ކެންސަރުގެ 200 އަށް ވުރެ ގިނަ ވައްތަރު ހިމެނޭއިރު، ކޮންމެ ކަހަލަ ކެންސަރަކަށް ވެސް ދޭން ޖެހޭ ފަރުވާ ތަފާތު ކަމަށާއި އެ ތަފާތުތަކަށް ރަނގަޅަށް މުހާތަބުކުރަން ކެންސަރާ މެދު އެކަނި ވިސްނުމުގެ ބަދަލުގައި ސިއްހީ ފަރުވާ އިންތިޒާމް ކުރާނީ ފަރުދުންނާއި މުޖުތަމައުގެ ބޭނުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ބުންޏެވެ.

ވަކިވަކި މީހުންނަށް އިސްކަންދީގެން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޓެލެމެޑިސިންގެ ޒަރިއްޔާއިން ހިދުމަތް ލިބޭނެ ގޮތާއި ބަލި މީހާއަށް އެންމެ ބޭނުންވާ ވަގުތު ސިއްހީ ފަރުވާ އަދި އެހެނިހެން އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، ސިޔާސަތުތައް ރާވާއިރު ކެންސަރު ތަޖުރިބާކޮށްފައިވާ މީހުންގެ ބައިވެރިވުން ހިމަނަން ޖެހޭ ކަމަށް ވެސް ބުންޏެވެ.

"މިގޮތަށް ކަންކަންކުރުމުގެ ނަތީޖާއަކަށް ވާނީ ބަލި މީހާގެ ސިއްހީ ދުޅަހެޔޮކަން އިތުރުވެ އަދި ލިބިދެވޭ ސިއްހީ ހިދުމަތުގެ ފެންވަރުމަތިވެ ބަލި މީހާގެ އިތުބާރު ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ލިބި، ބަލި މީހާއާ އާއިލާގެ ހިތްހަމަޖެހުން އިތުރުވެ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ފަރަގު ކުޑަކުރެވި ސިއްހީ ނިޒާމު ހަރުދަނާވުން،" ބަޔާނުގައި ވެ އެވެ.

ސޮސައިޓީން ބުނި ގޮތުގައި ކެމްޕެއިންގެ ފުރަތަމަ އަހަރުގެ މަގުސަދަކީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމުގައި ދިމާވާ ހުރަސްތަކާއި ދަތިތަކަށް އަލިއަޅުވާލައި ބަލި މީހާއަށް އަމާޒުކޮށް ސިއްހީ ފަރުވާ ދެވޭނެ އެންމެ ރަނގަޅު ގޮތް ދެނެގަތުމެވެ.

މީގެ 13 އަހަރު ކުރިން އުފެއްދި ކެންސާ ސޮސައިޓީން އަންނަނީ އެ ބަލި ތަހައްމަލުކުރާ މީހުންނާއި އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް ހާއްސަކޮށްގެން ސަޕޯޓު ގްރޫޕެއް ވެސް ހިންގަމުންނެވެ. އެ ގްރޫޕުގައި 260 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވެ އެވެ. މިއީ، އެ ގްރޫޕު އުފެއްދިތާ ނުވަ އަހަރު ފުރޭ ދުވަހެވެ.