Roadha Mihaaru
އައްޑޫ ޑެޕިއުޓީ މޭޔަރަކީ ޝުއާއު

އައްޑޫ ޑެޕިއުޓީ މޭޔަރަކީ ޝުއާއު

17 މެއި 2021

އައްޑޫ ސިޓީ ކައުންސިލްގެ އާ މެމްބަރުން މިއަދު ހުވާކުރައްވައި ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު ހޮވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ސިޓީ ކައުންސިލްގެ އާ މެމްބަރުން މިއަދު ހުވާކުރައްވައި ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު ހޮވައިފި އެވެ.

ޑެޕިއުޓީ މޭޔަރަކަށް ހަމަޖައްސާނެ މީހަކާ މެދު ގޮތެއް ނިންމަން، އެމްޑީޕީ ކައުންސިލަރުންގެ މެދުގައި ރޭ ސިއްރު ވޯޓެއް ވެސް ނަގާފައިވެ އެވެ. އެ ވޯޓުން ވެސް ހޮވުނީ ޝުއާއު އެވެ. އަދި އޭނާ ޑެޕިއުޓީއަކަށް މިއަދު އައްޔަންކުރެއްވީ ކައުންސިލަރުން ހުވާކުރެއްވަށް ފަހު، އާ ކައުންސިލުން ބޭއްވި ފުރަތަމަ ބައްދަލުވުމުގަ އެވެ. އޭނާއާ އެކު މަގާމަށް ދެން ވާދަކުރެއްވީ އަމިއްލަ ގޮތުން އިންތިހާބުވަޑައިގަތް ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު އަދާލާ ރަޝީދާއި ޕީޕީއެމްގެ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލެވެ.

ޝުއާއު އަށް މަގާމު ކާމިޔާބުކުރެއްވުނީ އަށް ވޯޓުންނެވެ. އަދާލާ އަށް އެއް ވޯޓް ލިބުނު އިރު ފައިސަލަަށް ލިބުނީ ތިން ވޯޓެވެ. އަދި އެއް ވޯޓް ބާތިލެވެ.

އައްޑޫ ސިޓީ ކައުންސިލްގައި މި ފަހަރު 13 މެމްބަރުން ހިމެނިވަޑައިގަންނަވާ އިރު މޭޔަރަކީ ކުރިން ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާ ތަމްސީލުކުރެއްވި އަލީ ނިޒާރެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަކީ ރައްޔިތުން ވޯޓުން މޭޔަރު ހޮވި އިންތިހާބެކެވެ. މީގެ ކުރިން ސިޓީ ކައުންސިލްތަކަށް މޭޔަރުން ހަމަޖައްސަނީ ކައުންސިލަށް ހޮވޭ މެމްބަރުންގެ ތެރޭގައި ވޯޓް ލައިގެންނެވެ.

މި ފަހަރު އައްޑޫ ކައުންސިލްގެ ގޮނޑިތައް ބެހިގެން ދިޔަ ގޮތަށް ބަލާއިރު އެމްޑީޕީ އަށް ހަތް ގޮނޑި ލިބުނު އިރު، ޕީޕީއެމަށް ތިން ގޮނޑި އަދި އަމިއްލަ މެމްބަރުންނަށް ތިން ގޮނޑި ލިބިފައިވެ އެވެ.

އައްޑޫގެ ސިޓީ ކައުންސިލްގެ ކުރީގެ ދެ ދައުރުގައި ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.