15 މެއި 2021
މާޒިޔާގެ ފޯވަޑް ނާއިޒް ހަސަން (ދާދު) އަށް ގައުމީ ފުޓްބޯޅަ ޓީމުން ލިބުނު ފުރުސަތު ދޫކޮށްލައިފި އެވެ. އެއާ މިހާރު ބެލެވިފައި ވަނީ ދެން އޭނާ އަށް ދުވަހަކު ވެސް ގައުމީ ޓީމުން ފުރުސަތު ނުދޭނެ ކަމަށެވެ.
މާޒިޔާގެ ފޯވަޑް ނާއިޒް ހަސަން (ދާދު) އަށް ގައުމީ ފުޓްބޯޅަ ޓީމުން ލިބުނު ފުރުސަތު ދޫކޮށްލައިފި އެވެ. އެއާ މިހާރު ބެލެވިފައި ވަނީ ދެން އޭނާ އަށް ދުވަހަކު ވެސް ގައުމީ ޓީމުން ފުރުސަތު ނުދޭނެ ކަމަށެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު، ކުޅޭ މެޗުތަކަށް ތައްޔާރު ވުމަށް، ގައުމީ ޓީމު އެކުލަވާލައި، ހޮޓެލް ޖެންގައި ވަނީ ކޭމްޕް ކޮށްފަ އެވެ. ގައުމީ ޓީމުން މާޒިޔާ އިން ނެގި ކުޅުންތެރިންގެ ތެރޭގައި ދާދު ވެސް ހިމެނުނެވެ.
ގައުމީ ޓީމުން ލިބުނު ފުރުސަތު ދޫކޮށްލާ އެއް ސަބަބެއް ކަމަށް އޭނާ ބުނީ ޓީމުން ޖާގަ ހައްގުވާ އެހެން ކުޅުންތެރިން ތިބުމެވެ.
ދާދު "އަދަދު" ނޫހަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ، ގައުމީ ޓީމަށް ކުޅެން ބޭނުންވަނީ ކްލަބުގައި ރަނގަޅަށް ކުޅެފައި ކަމަށެވެ. އަދި އޭނާއަށް ވުރެ ގައުމީ ޓީމުގެ ޖާގަ ހައްގުވާ އެހެން ކުޅުންތެރިން އެބަތިބިކަމަށް އޭނާ ބުނެފައިވެ އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ގައުމީ ޓީމުގެ ކޯޗް މާޓިން ކޫޕްމަން އާ ދާދު ވާހަކަ ދެއްކި ކަމަށާއި އޭނާއަށް ފުރުސަތު ދިނުމާ މެދު ނިންމުން ނިންމާނީ ކޯޗް ކަމަށެވެ.
"ކޯޗް ނިންމީ އޭނާ ލިސްޓްގައި ނުހިމަން،" ޖަވާޒު ވިދާޅުވި އެވެ. "އެފްއޭ އިން އެކަމުގައި ފިޔަވަޅެއް އަޅާނީ ކޯޗް ލިސްޓްގައި ހިމެނުމަށް ފަހު ފުރުސަތު ދޫކޮށްލައިފި ނަމަ."
އެނގިފައިވާ ގޮތުގައި ދާދު ގައުމީ ޓީމަށް ނެގުމަށް ކޯޗް ހުރީ ނިންމައިގެންނެވެ. ލިސްޓަގައި އޭނާގެ ނަން ނުހިމެނީ ފުރުސަތުގެ ބޭނުން ކުރަން އޭނާ ބޭނުން ނުވުމުންނެވެ.
އޮކްޓޯބަރު 2019 ގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ، ގައުމީ ޓީމަށް ގޮވާލާ ކޮންމެ ފަހަރަކު ޓީމަށް އިޖާބަ ދޭންޖެހޭނެ ކަމަށެވެ.
ބައްސާމް އޭރު އެހެން ވިދާޅުވީ، ގައުމީ ޓީމުން ފުރުސަތު ދިނުމުން، ވެލެންސިއާގެ މިހާރުގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) އާއި އީގަލްސްގެ އަހްމަދު ރިޒްވާން (ރިޒޭ) ފުރުސަތު ދޫކޮށްލުމުންނެވެ. ގޯސް ހެދުނު ކަމަށް އެއްބަސްވެ، ފަހުން އެ ދެކުޅުންތެރިން މާފަށް އެދުމުން، ޓީމުން އަލުން ފުރުސަތު ދިނުމަށް ފަހު، ބައްސާމް ވިދާޅުވީ މަގުބޫލު އުޒުރަކާއި ނުލައި ގައުމީ ޓީމުުގެ ފުރުސަތަށް، ދެން ފުރަގަސް ދީފި ނަމަ މާފެއް ނޯންނާނެ ކަމަށެވެ.
ގައުމަށް ލޯބި ކުރާ ބައެއްގެ ހައިސިއްޔަތުން ގައުމު ތަމްސީލުކުރަން މެޗުތަކަށް ކުޅުންތެރިން ނުކުންނަނީ ހަނގުރާމައަކަށް ކަމަށް އޭރު ބައްސާމް ސިފަކުރެއްވި އެވެ. ހަނގުރާމައަކަށް ނުކުންނައިރު ގައުމު ދިފާއުކޮށް ގައުމަށް ރީތި ނަން ހޯދައިދޭން މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދުން ފެށިގެން އެއްވެސް ކުޅުންތެރިޔަކަށް ފުރުސަތެއް ނޯންނާނެ ދެން ފުރަގަސް ދީފިއްޔަކާ،" ބައްސާމް ވިދާޅުވެފައި ވެ އެވެ. "މާފަށް އެދޭކަށް ކޮންމެ ފަހަރަކު ފުރުސަތެއް ނުދެވޭނެ."
އެފްއޭއެމުން އޭރު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ދާދު އަށް އަލުން ޓީމުން ފުރުސަތު ދޭނެ ކަމަކަށް ނުބެލެވެއެވެ.
ކޮލިފިކޭޝަން މެޗުތަކަށް ގައުމީ ޓީމު ޗައިނާއަށް ފުރާނީ، އަންނަ ބުދަ ދުވަހު އެވެ. ގައުމީ ސްކޮޑް ހޮޓެލްގައި ކޭމްޕް ކުރީ ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެފްއޭމުން ބުނެ އެވެ. ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި އޮފިޝަލުން ކޭމްޕަށް ވަނުމުގެ ކުރިން ޕީސީއާރް ޓެސްޓް ހެދި އެވެ. ކޮލިފައިންގެ މެޗުތަކަށް ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން 33 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނެގި ނަމަވެސް، ކޭމްޕްކޮށްފައިވަނީ 25 ކުޅުންތެރިންގެ ސްކޮޑެކެވެ. ސްކޮޑަށް ނެގި ބައެއް ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވުމުން އެ ކުޅުންތެރިންނަށް ސްކޮޑްގައި ބައިވެރިއެއް ނުވެވުނެވެ.
ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ އަށް ބާކީ އޮތް ތިން މެޗުގެ ތެރެއިން ޗައިނާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. ސިރިއާ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. މި ގުރޫޕްގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެނެވެ. ދެ ވަނައިގައި އޮތް ޗައިނާއިން ހަތަރު މެޗު ކުޅުނު އިރު އެ ޓީމަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ފިލިޕީންސަށް ވެސް ހަތް ޕޮއިންޓެވެ. ގުއާމް އާ ދެކޮޅަށް ކުޅުނު ދެމެޗުން ވެސް މޮޅުވެ ރާއްޖެއަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ގުއާމަށް ޕޮއިންޓެއް ނުލިބެ އެވެ.
ބަންގްލަދޭސް ސަމާލުވާނީ ހަމްޕް، ދާދު، ކްރޯ އަށް
ގައުމީ ސްކޮޑުގައި ދާދު އާއި އިއްބެ އަދި ސައްޓު ނެތް
ދާދު: ރާއްޖޭން ބަރޯސާވާން ޖެހޭ ފޯވާޑް
އުއްމީދީ ކުޅުންތެރިޔާގެ ބަސް: "އަދި އޮތީ ކުރިއަށް"
ބޫޓާން މެޗުގެ ސްކޮޑުގައި ބަކާ އާއި ދާދު ހިމަނައިފި
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް