Roadha Mihaaru
ދާދު: ރާއްޖޭން ބަރޯސާވާން ޖެހޭ ފޯވާޑް

ދާދު: ރާއްޖޭން ބަރޯސާވާން ޖެހޭ ފޯވާޑް

07 ސެޕްޓެމްބަރ 2018

ޒުވާން ފޯވާޑް ނާއިޒު ހަސަން (ދާދު) ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ތައާރަފްވީ 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ޖެހި ގޯލުންނެވެ. ތަޖުރިބާއެއް ނެތި ކުޅެން ލިބުނު ފުރަތަމަ ފުރުސަތުގައި ވެސް ތަފާތު ދެއްކުމުން އޭނާއާ މެދު އުއްމީދުތަކެއް ކުރެވުނެވެ. މިއީ އޭގެ ތިން އަހަރު ފަހެވެ. މިހާރު ދާދު އަކީ މި ވަގުތު ޓީމުގެ އެއް ވަނަ ފޯވާޑެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ޒުވާން ފޯވާޑް ނާއިޒު ހަސަން (ދާދު) ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ތައާރަފްވީ 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ޖެހި ގޯލުންނެވެ. ތަޖުރިބާއެއް ނެތި ކުޅެން ލިބުނު ފުރަތަމަ ފުރުސަތުގައި ވެސް ތަފާތު ދެއްކުމުން އޭނާއާ މެދު އުއްމީދުތަކެއް ކުރެވުނެވެ. މިއީ އޭގެ ތިން އަހަރު ފަހެވެ. މިހާރު ދާދު އަކީ މި ވަގުތު ޓީމުގެ އެއް ވަނަ ފޯވާޑެވެ.

އުމުރުން 22 އަހަރުގެ ދާދު ވަނީ މިހާތަނަށް ގައުމީ ޓީމަށް 11 ލަނޑު ޖަހައިދީފަ އެވެ. އޭނާ ލަނޑު ޖަހައިދީފައިވާ ހާލަތްތަކަށް ބަލާއިރު އެ ގޯލު ތަކުގެ މުހިއްމުކަން ވަރަށް ބޮޑެވެ. އޭނާގެ ބައިނަލްއަގްވާމީ ފުރަތަމަ ގޯލް ކަމަށްވާ 2015 ވަނަ އަހަރުގެ ސާފް ސުުޒުކީ ކަޕްގައި ބަންގްލަދޭޝް ކޮޅަށް ޖެހި ގޯލަކީ އެ މެޗުން ރާއްޖެ 3-1 އިން މޮޅުވުމަށް މަގު ފަހިވި ލަނޑެވެ.

ސާފްގައި އެ ފަހަރު ލިބުނު ތަޖުރިބާއާ އެކު ދާދު އަށް 2016 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު ގޯލްޑް ކަޕްގައި ކުޅުނު ރާއްޖޭގެ ޓީމުން ފުރުސަތު ދިނެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަަމަ މެޗުގައި ކެމްބޯޑިއާ އަތުން 3-2 އިން މޮޅުވިއިރު، ދާދު ދެ ލަނޑު ޖެހި އެވެ. ދާދުގެ ހަތަރު ވަނަ ލަނޑަކީ 2016 ވަނަ އަަހަރުގެ ސާފް ގޭމްސްގެ ސެމީ ފައިނަލުގައި ނޭޕާލް އަތުން 4-3 އިން ބަލިވި މެޗުގައި ޖެހި ގޯލެވެ. އެ މެޗުގައި ނޭޕާލުން ދެ ގޯލުގެ ލީޑެއް ނަގާފައި އޮއްވައި ރާއްޖޭން ނަތީޖާ އަނބުރާލިއިރު، ފުރަތަމަ ފަހަރަށް ލީޑުނަގައިދިން ގޯލު ޖެހީ ވެސް ދާދު އެވެ. އެކަމަކު ފަހު ވަގުތު ހެދުނު ގޯސްތަކަކުން އެ މެޗު ރާއްޖެ އަތުން ގެއްލުނީ އެވެ.

2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރަައި ދާދު ބަންގްލަދޭޝް ކޮޅަށް ގޯލު ޖަހަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރަައި ދާދު ބަންގްލަދޭޝް ކޮޅަށް ގޯލު ޖަހަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

މިހާތަނަށް ދާދު ޖެހި ގޯލު ތަކުގެ ތެރެއިން އެންމެ މުހިއްމުވާނެ އެއް ގޯލަކީ ވޯލްޑް ކަޕް ކޮލިފައިންގައި 2016 ވަނަ އަހަރު މާޗް މަހު މާލޭގައި ބޫޓާން އަތުން 4-2 އިން މޮޅުވި މެޗުގައި ޖެހި ގޯލެވެ. އެ މެޗުގައި ރާއްޖެ 2-2 އިން އެއްވަރުވެފައި އޮއްވައި، ދާދު ރާއްޖެ އަށް އަލުން ލީޑުނަގައިދިނީ މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ. އެއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފަސް ވަނަ ގޯލެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ރަށުންބޭރުގައި ފަލަސްތީން އަތުން 8-1 އިން ރާއްޖެ ބަލިވިއިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ ދާދު އެވެ. އެ މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

ދާދުގެ ކެރިއަރުގައި މިހާތަނަށް އެންމެ ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތް މެޗަކީ މި އަހަރު މާޗް މަހު ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗެވެ. ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓްގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން ބަލިވިއިރު، އެ މެޗަށް ނެގި ސްކޮޑުގައި ދާދު ނުހިމެނެ އެވެ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން އަލުން ދިން ފުރުސަތުގެ ބޭނުން ހިފައި ދާދު ވަނީ ރާއްޖެ 7-0 އިން މޮޅުވިއިރު ހަތަރު ގޯލު ޖަހައިފަ އެވެ.

ބޫޓާން ކޮޅަށް ދާދު ޖެހި ހަތަރު ގޯލާ އެކު އޭނާ ވެފައިވަނީ އެއް މެޗެއްގައި ތިން ލަނޑަށް ވުރެ އިތުރަށް ގޯލު ޖެހި ދެ ވަނަ ކުޅުންތެރިއާ އަށެވެ. އަނެއް ކުޅުންތެރިޔަކީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ގައުމީ ކޯޗު ސެގާޓްގެ އިތުބާރު ހޯދައި ދާދު އަކީ ޓީމުގެ ފުރަތަމަ އެގާރައިގައި އެންމެ ކުރިން ހިމެނޭ އެއް ކުޅުންތެރިއާ އެވެ. މި ފަހަރުގެ ސާފަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ކުޅުނު މެޗުގައި ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބް އަތުން ރާއްޖެ 4-3 އިން މޮޅުވި މެޗުގައި ދާދު ވަނީ ގައުމީ ޓީމަށް އޭނާގެ އެގާރަ ވަނަ ގޯލު ޖަހައިފަ އެވެ.

ގައުމީ ޓީމަށް ދާދު ޖަހައިދިން ގޯލުތައް.

ތަފާތު ސަބަބުތަކެއް ދައްކައި ދަގަނޑޭ އަށް މި ފަހަރުގެ ސާފްގެ ސްކޮޑުން ފުރުސަތެއް ނުދެ އެވެ. އަނެއްކޮޅުން ޓީމުގައި ދެން ހުރި ތަޖުރިބާކާރު ފޯވާޑް އަސަދުﷲ އަބްދުﷲ ވެސް އަންނަނީ އަނިޔާއިން ރަނގަޅުވެ ފޯމަަކަށް އެޅެމުންނެވެ. މި ހުރިހާ ކަމަކަށް ބަލާއިރު ރާއްޖޭގެ ފޯވާޑް ލައިން މި ފަހަރުގެ ސާފްގައި އެންމެ ބޮޑަށް ބަރޯސާވާނެ ކުޅުންތެރިއަކީ ދާދު އެވެ. މި މުބާރާތަށް ނުކުންނައިރު ވެސް އޭނާ ހުރީ ރަނގަޅު އަޒުމެއްގަ އެވެ.

ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ބުނީ 2018 ވަނަ އަހަރު ގައުމީ ޓީމަށް ހަދިޔާއެއް ދޭނެ ކަމަށެވެ. އެއީ ދާދުގެ ވާހަކަ އެވެ. އެކަމަކު ނިޒާމްބެ އުއްމީދުކުރި ވަރަށް ވުރެ ވެސް އަވަހަށް ތަފާތު ދައްކައި، ދާދު އަންނަނީ ގިނަ ބަޔެއްގެ އިތުބާރު ވެސް ހޯދަމުންނެެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.