28 މާޗް 2018
"2018 ވަނަ އަހަރު ދިވެހި ފުޓްބޯޅަ އަށް އިރާދަކުރެއްވިއްޔާ ހަދިޔާއެއް ދޭން ކަމަށް ހުރީ. އެކަމަކު އުއްމީދުކުރި ވަރަށް ވުރެ އަވަހަށް އޭނާ ތަފާތު ދައްކައިފި،"
"2018 ވަނަ އަހަރު ދިވެހި ފުޓްބޯޅަ އަށް އިރާދަކުރެއްވިއްޔާ ހަދިޔާއެއް ދޭން ކަމަށް ހުރީ. އެކަމަކު އުއްމީދުކުރި ވަރަށް ވުރެ އަވަހަށް އޭނާ ތަފާތު ދައްކައިފި،"
މިއީ މީގެ ދެ އަހަރު ކުރިން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އޭނާގެ އިރުޝާދުގެ ދަށުން ފުރަތަމަ ޑިވިޝަން ފުޓްބޯޅަ އަށް ތައާރަފްވި ނާއިޒު ހަސަން (ދާދު)އާ ބެހޭގޮތުން އިންޓަވިއުއެއްގައި ބުނި ވާހަކަ އެކެވެ. ރޭ ބޫޓާން އަތުން 7-0 އިން ގައުމީ ޓީމު މޮޅުވިއިރު، ހަތަރު ލަނޑު ޖެހީ ނިޒާމްބެ، ދިވެހި ފުޓްބޯޅައަށް ހަދިޔާއެއްގެ ގޮތުގައި ތައާރަފްކުރި އެ ކުޅުންތެރިޔާ އެވެ.
ދާދު ވިދާލީ ހީކުރި ވަރަށް ވުރެ ވެސް އަވަހަށެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ. އަދި އޭނާ އަކީ މިދިޔަ އަހަރު އެންމެ އުއްމީދީ ކުޅުންތެރިޔާ އެވެ.
ސާފް ސުޒުކީ ކަޕްގައި 2015 ވަނަ އަހަރު ބަންގްލަދޭޝް ކޮޅަށް ޖެހި މޮޅު ގޯލުން ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ތައާރަފްވި ދާދު އަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ އުޖާލާ މުސްތަގުބަލު އޮތް އެއް ކުޅުންތެރިޔާއޭ ބުނުމުން ދެބަސްވާނެ މީހަކު މަދުވާނެ އެވެ.
މި ސީޒަނުގައި މާޒިޔާ އަށް ބަދަލުވުމަށް ފަހު މިހާތަނަށް ދާދު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކުޅުނުއިރު ދާދު ހުރީ އެ ވަގުތު ބަލި ހާލަތު ހުރި ގޮތުން މުޅިން ފިޓްކޮށެއް ނޫނެވެ. އެހެން ކަމުން އެ ދެ މެޗުގައި އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެކަމަކު މާޒިޔާ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ.
މިދިޔަ ހުކުރު ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ދާދު ނުހިމެނުމުން ލިބުނީ ހައިރާން ކަމެކެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ދާދު ޓީމަށް ނުނަގަ އެވެ. ސިންގަޕޫރު މެޗަށް ފުރުމުގެ ކުރިން ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނީ ދާދުއާ ވާހަކަ ދެއްކި ކަމަށެވެ. އަދި އޭނާ އަށް ފުރުސަތު ދޭނެ ކަމުގެ އުއްމީދީ މެސެޖެއް ދިނެވެ.
2016 ވަނަ އަހަރު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ދާދު (ވ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭޝިއަން ކަޕް ކޮލިފައިންގައި އެންމެ ފަހުން ގައުމީ ޓީމު ކުޅުނު ދެ މެޗުގައި އޮމާނާއި ފަލަސްތީން ކޮޅަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ދާދު އެވެ. ގައުމީ ސްކޮޑުން އޭނާ އަށް ޖާގަ ނުލިބުމުން ކުރި ސުވާލަށް އޭނާ ދިނީ އުއްމީދީ ޖަވާބެކެވެ. ދާދު ބުނީ "މިއީ މާޔޫސްވާން ޖެހޭ ކަމެއް ނޫން. މިއީ އަސްލު ލިބޭ އިތުރު ހިތްވަރެއް،" މިހެނެވެ.
އަލުން ޓީމުން ފުރުސަތު ހޯދައި ދާދު ވަނީ އޭނާ އަކީ ގައުމީ ޓީމުގެ ޖާގައެއް ހައްގުވާ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފަ އެވެ. ރޭގެ މެޗަށް ފަހު ދާދު ބުނީ ހަތަރު ގޯލު ޖެހުނަސް މިއީ އެންމެ ރަނގަޅު ކުޅުމެއް ނޫން ކަމަށާއި މި އަށް ވުރެ މޮޅަށް ކުޅެވޭނެ ކަމަށެވެ.
"އަސްލު ބުނަންޏާ ކޯޗުގެ ބަސް އަހައިގެން ހުރިހާ ކުޅުންތެރިން ވީކަމެއް ހަނދާން ނައްތާލާފައި އެ މަސައްކަތުގައި ކުރިއަށް ދިޔައީ. މޮޅަށް ކުޅެގެން މޮޅުވާން ތިބީ. އަސްލު ކޯޗު ބުނިވަރަށް ނުކުޅެވުނު އެކަމަކު އެއާ ގާތްކުރާ ވަރަށް ދިޔަ،" ދާދު ބުންޏެވެ.
އޭނާ ބުނީ ހަތަރު ގޯލު ޖެހޭނެ ކަމަށް ކުރިން ހީނުކުރާ ކަމަށާއި މި އަށް ވުރެ ފުރިހަމަ ކުޅުމެއް މުސްތަގުބަލުގައި ފެންނާނެ ކަމަށެވެ.
ގައުމީ ކޯޗު ސެގާޓް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ދާދު މަޑުން ވާހަކަ ދެއްކުމުން ބާރަށް ވާހަކަ ދެއްކުމަށް އިރުޝާދުދީފަ އެވެ. އެހެން ނަމަވެސް ދާދު އަކީ އާންމު ދިރިއުޅުމުގައި ވެސް މަޑުމައިތިރި ކުޅުންތެރިއެއް ކަމުން އެންމެ ބާރަށް ވާހަކަ ނުދެއްކުނެވެ.
"މިއީ ފުރަތަމަ ދުވަސްވީމަ ވީ ގޮތް ކަމަށްވެދާނެ. އެކަމަކު ދެ އަހަރެއް ވަރު ބަލާ ދާދު އަހަންނާ އެއްވަރަށް ވާހަކަ ދައްކާނެ. މިއީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު. މި ކުޅުންތެރިންނަށް ދޭން ހުރި ހިތްވަރެއް ދޭނަން. އަހަރެން ހައިރާންވޭ މިއީ މެޗެއްގައި ދާދު ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރޭ ބުނީމާ ވެސް،" ސެގާޓް ބުންޏެވެ.
ބަންގްލަދޭސް ސަމާލުވާނީ ހަމްޕް، ދާދު، ކްރޯ އަށް
ދާދު ގައުމީ ޓީމުގެ ފުރުސަތު ބޭނުމެއް ނުކުރި
ގައުމީ ސްކޮޑުގައި ދާދު އާއި އިއްބެ އަދި ސައްޓު ނެތް
ދާދު: ރާއްޖޭން ބަރޯސާވާން ޖެހޭ ފޯވާޑް
ބޫޓާން މެޗުގެ ސްކޮޑުގައި ބަކާ އާއި ދާދު ހިމަނައިފި
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް