Roadha Mihaaru
ދިރާގު-އާކް ގުޅިގެން އީދު ދުވަހު ކާބޯތަކެތި ދެނީ

ދިރާގު-އާކް ގުޅިގެން އީދު ދުވަހު ކާބޯތަކެތި ދެނީ

13 މެއި 2021

މިއަދު ފާހަގަކުރާ ފިތުރު އީދާ ދިމާކޮށް، ކާބޯތަކެތި ބޭނުންވާ މީހުންނަށް އެ ފޯރުކޮށްދިނުމަށް ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އާކާއި ދިރާގުން ޕްރޮގްރާމެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއަދު ފާހަގަކުރާ ފިތުރު އީދާ ދިމާކޮށް، ކާބޯތަކެތި ބޭނުންވާ މީހުންނަށް އެ ފޯރުކޮށްދިނުމަށް ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އާކާއި ދިރާގުން ޕްރޮގްރާމެއް ފަށައިފި އެވެ.

ދިރާގުން ބުނީ މިއީ ކޮވިޑްގެ މި ނާޒުކް ހާލަތުގައި އެހީ ބޭނުންވާ މީހުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އިއްޔެ ނިމުނު މި އަހަރުގެ ރޯދަމަހު ވެސް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ގޮތުން އާކުން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ދިރާގުން ބައިވެރިވި އެވެ.

މި ޕްރޮގްރާމުގެ ދަށުން އެހީ ބޭނުން ވެފައިވާ 40 އާއިލާއެއްގެ 75 ކުޑަކުދިންނަށް ކާބޯތަކެތި ފޯރުކޮށްދީފައިވެ އެވެ. އާކުން ކުރިއަށް ގެންދާ އެއިޑް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1،800 ކުޑަކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ކާބޯތަކެތީގެ ތެރޭގައި ހަނޑުލާއި ފުށާއި ކިރާއި ދަޅު މަހާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީ ހިމެނެ އެވެ.

ދިރާގުން އަންނަނީ ކޮވިޑްގެ މި ހާލަތުން އަރައިގަތުމަށްޓަކާއި އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން މުހިއްމު ހަރަކާތްތަކެއް ހިންގަމުންނެވެ.