Roadha Mihaaru
ދިރާގުން ވަގުތީ ހިޔާތަކަށް އީދު ސައި ދީފި

ދިރާގުން ވަގުތީ ހިޔާތަކަށް އީދު ސައި ދީފި

24 މެއި 2020

ކޮވިޑް-19އާ ގުޅިގެން ހުޅުމާލޭގެ ވަގުތީ ހިޔާތަކުގައި ދިރިއުޅޭ މީހުންނަށް ދިރާގުން އީދު ސައި ދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19އާ ގުޅިގެން ހުޅުމާލޭގެ ވަގުތީ ހިޔާތަކުގައި ދިރިއުޅޭ މީހުންނަށް ދިރާގުން އީދު ސައި ދީފި އެވެ.

ދިރާގުން މި ސައި ފޯރުކޮށްދީފައިވަނީ މަޓާޓޯ އާއި އެމްބީއޭއެމްއާ ގުޅިގެން ކުރިއަށްގެންދާ ""ފުޑް ސަޕޯޓު ޕްރޮގްރާމު"ގެ ތެރެއިންނެވެ. މި ޕްރޮގްރާމަކީ ކޮރޯނާ ވައިރަހާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން ވަގުތީ ހިޔާތަކުގައި ދިރިއުޅެން ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަޓާޓޯ އާއި އެމްބީއޭއެމް ގުޅިގެން ފެށި ހަރަކާތެކެވެ.

މިދިޔަ މަހުގެ ތެރޭގައި ފެށި މި ޕްރޮގްރާމުގައި މިހާތަނަށް ހާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައިވާއިރު މި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު ވެސް މި ޕްރޮގްރާމް ކުރިއަށްދާނެ އެވެ. އެގޮތުން މިހާތަނަށް 25،000އަށްވުރެ ގިނަ "މީލް ޕެކޭޖު" އެ ޕްރޮގްރާމުގެ ދަށުން ވަނީ ފޯރުކޮށްދީފަ އެވެ.

ދިރާގުގެ ޓްވީޓެއް--

މި ޕްރޮގްރާމުގެ ތެރެއިން ކާބޯތަކެތި ފޯރުކޮށްދިނުމުގައި ކޮކާ ކޯލާ ކުންފުންޏާއި މަންޓާ އެއާ އިން އެހީތެރިކަން ފޯރުކޮށްދެ އެވެ. މި ޕްރޮގްރާމުގައި ހަދިޔާ ކުރާ ހުރިހާ ކާނާއެއް ވެސް ތައްޔާރު ކުރަނީ ސާލްސާ ކޭޓަރިން އިންނެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން މި ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމީ އެ މަސައްކަތަކީ މި ދަނޑިވަޅު އިންސާނިއްޔަތަށްޓަކައި ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ އެވެ.

ކޮންމެ އީދަކާ ގުޅިގެން ވެސް ދިރާގުން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދެ އެވެ. ނަމަވެސް މިއަހަރުގެ ފިތުރު އީދު ދުވަހަކީ އެެހެން އަހަރުތަކާ ތަފާތު އީދަކަށް ވުމާ ގުޅިގެން އެ ކުންފުނިން އަންނަނީ މި ދަނޑިވަޅު ރައްޔިތުންނަށް އެހީވާން ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން ސަރުކާރާއި އެކި ކުންފުނިތަކާ ގުޅިގެން މަޝްވަރާ ކުރަމުންނެވެ.