Roadha Mihaaru
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި

މެލޭޝިއާގެ ބޮޑު ހިޔާނާތުގެ ފައިސާތަކެއް އެމެރިކާއިން ހޯދައި ހަވާލުކޮށްފި

13 މެއި 2021

މެލޭޝިއާގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރްހާދު (ވަން އެމްޑީބީ)ގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 460 މިލިޔަން ޑޮލަރު (1.9 ބިލިޔަން ރިންގިޓް) އެމެރިކާއިން ހޯދައި މެލޭޝިއާ ސަރުކާރާ ހަވާލުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މެލޭޝިއާގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރްހާދު (ވަން އެމްޑީބީ)ގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 460 މިލިޔަން ޑޮލަރު (1.9 ބިލިޔަން ރިންގިޓް) އެމެރިކާއިން ހޯދައި މެލޭޝިއާ ސަރުކާރާ ހަވާލުކޮށްފި އެވެ.

މެލޭޝިއާ އާއި އެމެރިކާގެ މާލީ އިދާރާތަކުން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެތައް މާލީ އިދާރާއަކާއި މަތީ ފަންތީގެ އޮފިޝަލުންތަކެއް ބައިވެރިވެގެން ކޮށްފައިވާ ވަން އެމްޑީބީގެ ވައްކަމުގައި 2009 ވަަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު 4.5 ބިލިޔަން ޑޮލަރު ވަގަށް ނަގާފައިވެ އެވެ. އެމެރިކާއިން އަންނަނީ ވަގަށް ނެގި ފައިސާއިން ގަނެފައިވާ މުދާތައް ހިފަހައްޓައި، ހޯދޭ ފައިސާތައް މެލޭޝިއާ ސަރުކާރާ ހަވާލުކުރަމުންނެވެ.

ވަން އެމްޑީބީގެ ވައްކަމުގައި ގެއްލުނު ފައިސާގެ ތެރެއިން 3.89 ބިލިޔަން ޑޮލަރު (16.05 ބިލިޔަން ރިންގިޓް) މިހާތަނަށް ލިބިފައިވާ ކަމަށް، މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.

މެލޭޝިއާ ސަރުކާރުން ރާވާފައި ވަނީ ހޯދޭ ފައިސާއިން ވަންއެމްޑީބީ ކުންފުންޏާއި އެކުންފުނީގެ ޔުނިޓެއް ކަމަށްވާ އެސްއާރްސީގެ ދަރަނިތައް އަދާކުރުމަށެވެ. ވަން އެމްޑީބީގެ ދަރަނިން އަދިވެސް ބާކީ 39.8 ބިލިޔަން ރިންގިޓް އޮތް އިރު އެސްއާރްސީގެ ދަރަނީގެ ބާކީ 2.57 ބިލިޔަން ރިންގިޓް އެބަ އޮތް ކަަމަށް މެލޭޝިއާ ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ވަންއެމްޑީބީގެ ދަރަނި އަދާކުރަން ބޭނުންވާ ފައިސާ ޖަމާކުރަން ގާއިމްކޮށްފައިވާ ހާއްސަ ޓްރަސްޓް އެކައުންޓެއްގައި، އެކުންފުނީގެ ދަރަނިތައް، މިހަރާއި އަންނަ އަހަރު އަދާކުރެވޭ ވަރަށް ފައިސާ އެބަހުރި ކަމަށް ވެސް މެލޭޝިއާ އިން ބުންޏެވެ.

ވަަން އެމްޑީބީން ވަގަށް ނެގި ފައިސާ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދަން މެލޭޝިއާ އިން ފާއިތުވި ތިން އަހަރު ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.