Roadha Mihaaru
ނަޖީބަށް ދިން 681 މިލިއަން ޑޮލަރަކީ އެހީއެއް: ސައުދީ

މެލޭޝިއާގެ ބޮޑު ވަޒީރަށް ދިން 681 މިލިއަން ޑޮލަރަކީ ތެދުވެރި އެހީއެއް: ސައުދީ

04 މާޗް 2017

އިސްތަންބޫލް (މާޗް 4) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަމިއްލަ އެކައުންޓަށް ޓްރާންސްފާ ކޮށްފައި ވަނިކޮށް ފަޅާއެރި 681 މިލިއަން ޑޮލަރަކީ ތެދުވެރި ގޮތުގައި ދީފައިވާ އެހީއެއް ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްތަންބޫލް (މާޗް 4) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަމިއްލަ އެކައުންޓަށް ޓްރާންސްފާ ކޮށްފައި ވަނިކޮށް ފަޅާއެރި 681 މިލިއަން ޑޮލަރަކީ ތެދުވެރި ގޮތުގައި ދީފައިވާ އެހީއެއް ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ނަޖީބުގެ އެކައުންޓުގައި އެ ފައިސާ ހުރިކަން ފަޅާ އެރުމާ ގުޅިގެން އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑު ތުހުމަތެއް ކުރި އެވެ. ނަޖީބުގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައި ވަނީ މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީންނެވެ. މި ބޭންކުގެ ކޮރަޕްޝަން ބޮޑުވެ ދުނިޔޭގެ އެކި ގައުމުތަކުން ދަނީ އެ ބޭންކުގެ މައްސަލަތައް ބަލަމުންނެވެ. ނަޖީބުގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތާ އެކު އޭނާގެ ސިޔާސީ ހަޔާތަށް ވެސް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ. އެންމެ ފަހުން އެޓާނީ ޖެނެރަލް ބަދަލުކޮށް އެ މަގާމަށް ނަޖީބު އައްޔަން ކުރެއްވި އާ އެޓާނީ ޖެނެރަލް އެ މައްސަލަ ބެލުމަށް ފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ނަޖީބަށް ދިން ހަދިޔާއެއް ކަމަށެވެ.

އޯއައިސީގެ ބައްދަލުވުމެއްގެ ތެރޭގައި ވަނީ ނަޖީބަށް ދިން "ސިޔާސީ އެހީ" އާ ގުޅޭ ގޮތުން ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރާ ސުވާލުކޮށްފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ އެއްވެސް ބަދަލަކަށް އުއްމީދު ކުރުމަކާ ނުލައި ތެދުވެރި ގޮތުގައި ނަޖީބަށް ދިން އެހީއެއް ކަމަށެވެ.

ސައުދީ ރަސްގެފާން ސަލްމާން (ވ) އާއި މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު. --ފޮޓޯ:އޭއެފްޕީ

ސައުދީ ރަސްގެފާން ސަލްމާން (ވ) އާއި މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު. --ފޮޓޯ:އޭއެފްޕީ

"މެލޭޝިއާގެ އެޓާނީ ޖެނެރަލް ވެސް އެ މައްސަލަ ބެލުމަށް ފަހު އޭގައި އެއްވެސް ގޯހެއް ނޫޅޭ ކަމަށް ނިންމާފައިވާ ކަމަށް އެނގިފައި ވަނީ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ މިހާރު ވަނީ ނިމިފައި،" ޖުބައިރު ވިދާޅުވި އެވެ.

ނަޖީބަށް ފައިސާ ދިނީ ކާކު ކަމާއި އެއީ ކީއްވެ ދިން ފައިސާއެއްކަން ޖުބައިރު ވިދާޅެއް ނުވެ އެވެ. މެލޭޝިއާ އިން ބުނެފައި ވަނީ ސައުދީން ފައިސާ ދީފައި ވަނީ ހަރުކަށިކަމާއި ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ނަޖީބު ކުރައްވާ މަސައްކަތަށް އެހީވުމަށް ކަމަށެވެ.

ނިއު ޔޯކް ޓައިމްސް އަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޖުބައިރު ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ އެ ފައިސާ އަކީ މެލޭޝިއާގެ އިންވެސްޓްމަންޓަކަށް ދިން އެއްޗެއް ކަމަށެވެ. އެއީ ހަދިޔާއެއް ކަމަށް ޖުބައިރު އޭރު ޔަގީން ކޮށެއް ނުދެއްވަ އެވެ.

ދަރަނިވެފައިވާ 1އެމްޑީބީ ބޭންކުގެ މައްސަލަ އަނެއްކާވެސް ފެންމަތިވެފައި މި ވަނީ އެ ބޭންކުގެ ފައިސާ ބޭނުންކޮށްފައި ވަނީ ނަހަމަ ގޮތުގައި ކަމަށާއި އެކަންކަން އަލުން ތަހުގީގު ކުރަން ޖެހޭ ކަމަށް މެލޭޝިއާގެ ޕާލަމެންޓުގެ ކޮމިޓީއަކުން މިދިޔަ ހަފުތާގައި ހުށަހަޅާފައި ވަނިކޮށެވެ. 1އެމްޑީބީ ބޭންކުގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަނަކީ ނަޖީބެވެ.