Roadha Mihaaru
1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ބޮޑު މީހާ ހުރީ ޗައިނާގައި

1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ބޮޑު މީހާ ހުރީ ޗައިނާގައި: މެލޭޝިއާ

06 އޯގަސްޓް 2020

ކުއާލަ ލަމްޕޫރު (އޮގަސްޓް 6) - އިންވެސްޓްމަންޓް ބޭންކް، 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ)ގެ ބޮޑު ޚިޔާނާތުގެ މުގުލުގައި ހުރި އެންމެ އިސް މީހާ ފިލައިގެން ޗައިނާގައި އުޅެމުންދާ ކަމަށް ބެލެވޭ ކަމަށް މެލޭޝިއާ ފުލުހުންގެ ވެރިޔާ އަބްދުލް ހާމިދު ބަދޫރު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (އޮގަސްޓް 6) - އިންވެސްޓްމަންޓް ބޭންކް، 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ)ގެ ބޮޑު ޚިޔާނާތުގެ މުގުލުގައި ހުރި އެންމެ އިސް މީހާ ފިލައިގެން ޗައިނާގައި އުޅެމުންދާ ކަމަށް ބެލެވޭ ކަމަށް މެލޭޝިއާ ފުލުހުންގެ ވެރިޔާ އަބްދުލް ހާމިދު ބަދޫރު ވިދާޅުވެއްޖެ އެވެ.

އޭނާ ވަނީ 1އެމްޑީބީ ލޫޓުވާލި މީހާ، ލޯ ޓައެޖް ޖޯ ހައްޔަރު ކުރުމުގައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް 2018 ވަނަ އަހަރުގެ އިންތިޚާބުން ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް 1އެމްޑީގެ ބޮޑު ޚިޔާނާތެވެ. ނަޖީބު ވެސް ވަނީ އެ ޚިޔާނާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް މިދިޔަ ހަފުތާގައި ވަނީ 12 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.

ލޯ ދިރިއުޅެނީ ޗައިނާގެ އޮޓޮނޮމޯސް ސިޓީއެއް ކަމަށްވާ މަކާއޫގައި ކަމަށް މެލޭޝިއާ ފުލުހުން މިދިޔަ ހަފުތާގައި ބުނުމުން ޗައިނާ އިން ވަނީ އެކަން ދޮގުކޮށް، މުޖްރިމުންނަށް ހިމާޔަތް ނުދޭ ކަމަށް ބުނެފަ އެވެ. ނަމަވެސް އިންސްޕެކްޓަ-ޖެނެރަލް އޮފް ޕޮލިސް އަބްދުލް ހާމިދު ވިދާޅުވީ ލޯ އުޅެނީ ޗައިނާގައިކަން އެނގޭ ހެކި ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ 1އެމްޑީބީގެ ޔުނިޓެއްގެ ކުރީގެ ސީއީއޯ، ނިކް ފައިސަލް އާރިފް ކާމިލް އުޅެނީ ހޮން ކޮންގުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ބޭންކުގެ ކުރީގެ ސީނިއާ އެހެން އޮފިޝަލެއް ކަމަށްވާ ޖޭސްމިން ލޫ އުޅެނީ ޗައިނާގެ ސިޓީއެއް ކަމަށްވާ ޝެންޒެންގައި ކަމަށް ބެލެވޭ ކަމަށެވެ.

"ލޯ ގެންދަނީ މިނިވަންކަމާ އެކު މަކާއޫގައި ވިޔަފާރި ކުރަމުން،" އަބްދުލް ހާމިދު ވިދާޅުވި އެވެ.

ލޯ އުޅޭ ތަނެއް ނޭނގެ އެވެ. އެއް ދުވަސްވަރެއްގައި އޭނާ ޔޫއޭއީގައި އުޅުނު ކަމަށް ވެސް އަޑު ފެތުރުނެވެ.

"ހޮން ކޮންގާއި މަކާއޫން އެއްބާރުލުން ނުލިބެންޏާ އެ މީހުން ހައްޔަރެއް ނުކުރެވޭނެ. އެކަމަކު 1އެމްޑީބީގެ ޚިޔާނާތުގެ ބޮޑުން ޝަރީއަތަށް ހާޒިރު ކުރުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހޭނަން،" އަބްދުލް ހާމިދު ވިދާޅުވި އެވެ.

މެލޭޝިއާ އާއި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ އިން ވަނީ 4.5 ބިލިއަން ޑޮލަރު ވަގަށް ނަގައިފަ އެވެ.