Roadha Mihaaru
ސްޕަޓްނިކް ވީ ވެކްސިނަށް ރާއްޖެއިން ހުއްދަދީފި

ރަޝިއާގެ ސްޕަޓްނިކް ވީ ވެކްސިނަށް ރާއްޖެއިން ހުއްދަދީފި

12 މެއި 2021

ކޮވިޑް-19 އިން ދިފާއުވުމަށް ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން (އެމްއެފްޑީއޭ) މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އިން ދިފާއުވުމަށް ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން (އެމްއެފްޑީއޭ) މިއަދު ދީފި އެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރުމުގެ ހުއްދަ ދިން ހަތަރު ވަނަ ވެކްސިންނެވެ.

އެމްއެފްޑީއޭ އިން ނެރުނު އިއުލާނެއްގައި ބުނީ މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ނުވަތަ އިމަޖެންސީގެ ހާލަތުގައި ބޭނުންކުރުމަށް ކަމަށެވެ. މި ވެކްސިން ހުއްދަކޮށްފައިވަނީ 18 އަހަރުން މަތީގެ މީހުންނަށެވެ.

މި ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފައި ވަނީ މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހާއި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށްފައި ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާ ވެސް ހޯދާފައިވެ އެވެ.

މިހާރު ވެސް 66 ގައުމެއްގައި އިމަޖެންސީގައި ބޭނުންކުރުމަށް ހުއްދަދީފައިވާ އަދި ބޭނުންކުރަމުން އަންނަ "ސްޕަޓްނިކް ވީ" ވެކްސިން އުފައްދާފައި ވާނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ "ދި ގަމާލޭޔާ ނޭޝަނަލް ސެންޓަ އޮފް އެޕިޑާމަލޮޖީ އެންޑް މައިކްރޯބައޮލޮޖީ" އިންނެވެ.

އެމްއެފްޑީއޭ އިން ބުނީ މި ވެކްސިން ބަލަހައްޓަންޖެހެނީ މައިނަސް 18 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައި ކަމަށްވާތީ، އެ އޮތޯރިޓީން މި ވެކްސިނަށް ހުއްދީފައި ވަނީ ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހު، އަދި ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެން ކަމަށެވެ.

އެ އޮތޯރިޓީ އާއި ހެލްތު މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އާންމުކޮށް ކޮންމެ ވެކްސިނަކީ ވެސް އެ ވެކްސިނެއް ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ރިއެކްޝަނެއް ނުވަތަ ސައިޑް އިފެކްޓްސްތަކެއް އައުމުގެ ފުރުސަތު އޮންނަ އޮންނަ އެއްޗަކަށް ވާތީ އެ އޮތޯރިޓީ އާއި ކަމާބެހޭ އެހެން ހުރިހާ އިދާރާއެއް ގުޅިގެން އެ ކަންކަން ވެސް ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަނީ އިންޑިއާގައި އޮކްސްފޯޑް ވެކްސިން އުފައްދާ ސީރަމް އިންސްޓްޓިއުޓްގެ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް އިން އުފައްދާ ސިނަފޯމް ވެކްސިން އަދި އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ފައިޒާ ވެކްސިނެވެ.

ކޮވިޝީލްޑް ވެކްސިންހެ ސްޓޮކް ހުސްވެ ވަގުތީ ގޮތުން މިހާރު ވަނީ އެ ވެކްސިން ދިނުން ހުއްޓާލައިފަ އެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 301،707 މިހާކު މިހާރު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 136،205 މީހަކު ވަނީ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ.