Roadha Mihaaru
އޭސީސީން އަންގާނެ، އަޅާލާނެ ކަމެއް ނެތް!

މޫސަގެ ކޮލަމް: އޭސީސީން އަންގާނެ، އަޅާލާނެ ކަމެއް ނެތް!

19 ނޮވެމްބަރ 2016

ރާއްޖެ އަށް ކީއްކުރާ އެންޓި ކޮރަޕްޝަން ކޮމިޝަނެއް ހެއްޔެވެ؟

މޫސާ ލަތީފް މޫސާ ލަތީފް

ރާއްޖެ އަށް ކީއްކުރާ އެންޓި ކޮރަޕްޝަން ކޮމިޝަނެއް ހެއްޔެވެ؟

މިހާރު ރާއްޖޭގެ ޑިމޮކްރަސީ އޮތް ގޮތުން މުޅިން ވެސް ނަމެވެ. ބާރެއް ނެތެވެ. ގާނޫނުއަސާސީއަކާ ގާނޫނުއަސާސީއެކެވެ. ގާނޫނަކާ ގާނޫނެކެވެ. ރައީސް އަބްދުﷲ ޔާމީން އަބަދުހެން ދައްކަވަނީ، ކޮންމެ މީހެއްގެ މައްޗަށް ވެސް ގާނޫނު ހިނގަން ޖެހޭނެ ވާހަކަ އެވެ. އެމަނިކުފާނުގެ ހުރިހާ ވެސް މަސައްކަތްޕުޅެއް އޮތީ، ގާނޫނު ހިނގާ، ގާނޫނަށް ތަބާއަވާ މުޖުތަމައުއެއް އުފެއްދުމުގައޭ ހީވާހާ ގިނައެއްކޮށް އެ ވާހަކަފުޅު އެބަ ދައްކަވަ އެވެ. އެކަމަކު ރާއްޖޭގައި ގާނޫނު ހިނގަނީ ހަގީގަތުގައި ވެސް ވަކި ބައެއްގެ މައްޗަށެވެ.

ގާނޫނަށް ފުރަތަމަ ތަބާއަވާން ޖެހެނީ ދައުލަތުގެ ވެރިންނެވެ. ތިން ބާރެވެ. މިނިވަން މުއައްސަސާތަކެވެ. ސަރުކާރުގެ އޮފީސްތަކެވެ.

މިދިއަ ބުދަދުވަހު ބަންޑާރަނައިބު މުހައްމަދު އަނިލް، ރައީސް އޮފީހުގައި، ރައީސް ޔާމީން ސަރުކާރަށް ތިން އަހަރު ފުރެން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް، ވިދާޅުވީ ބޮޑު ވާހަކައެކެވެ. ދިވެހި ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތައް ވެސް ހިޔާނާތުގެ ނުބައިތަކުން ސާފުވާން ޖެހޭނެ ކަމަށް ގަބޫލުކުރާ ދިވެހިން، އެ ވާހަކަ އަޑުއަހާފައި އަސްލު އުފާވާން ޖެހޭނެ އެވެ. އެކަމަކު އެ އުފާ ނުލިބެނީ، ހިޔާނާތުގެ މައްސަލަތަކުގައި ސަރުކާރުން ދައްކާ ވާހަކަ އާއި އަމަލާ ދިމާނުވާތީ އެވެ.

އެންމެ މިސާލެކެވެ. އަނިލް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑުވެގެންވާ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގައި ގެއްލުނު ފައިސާ "މި ސަރުކާރުން ހޯދާނެ" ކަމަށެވެ.

"މި ސަރުކާރުން އިސްކަންދެނީ ޝަރުއީ މަރުހަލާގެ ތެރެއިން، ފައިސާ ގެއްލުމުގައި އިހުމާލުވީ މީހުންގެ އަތުން އެ ފައިސާ ހޯދަން. މި ސަރުކާރުން އެ ފައިސާގެ ރިކަވަރީއާ ހަމައަށް ދާނެ،" އަނިލް ވިދާޅުވި އެވެ.

އެކަމަކު އަނިލް އަށް އެކަން ކުރެއްވެން އޮތީ އެ މައްސަލާގައި އޭސީސީން ކުރިއަށް ގެންދާ ތަހުގީގު ރިޕޯޓް ނިމުމުންނެވެ (މި ޖެހުނީ ކޮން ތާކު ހެއްޔެވެ؟). އޭސީސީން ބުނެފައި ވަނީ އަހަރަކަށް ދެމިގެންދިޔަ ތަހުގީގު "ގާތްގަނޑަކަށް ނިމިފައިވާ" ކަމަށެވެ. ނަމަވެސް އެތަނުން މިހާތަނަށް ހިންގާ އެންމެ ބޮޑު ތަހުގީގަށް ވާތީ، ރިޕޯޓް ނެރުން ލަސްވަނީ ކަމަށް ވެ އެވެ. އެހެން އޭސީސީން ބުނިތާ ވެސް ދުވަސްގަނޑެއް ވެއްޖެ އެވެ.

ގާނޫނުއަސާސީ: ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އޭނާ ތަބާވާނީ ހަމައެކަނި ގާނޫނުއަސާސީ އަށާއި ގާނޫނަށެވެ. އެއިން ކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަކަށް ނުހިނގާނެ އެވެ.

އޭސީސީގެ ތަހުގީގަށް ބަންޑާރަނައިބު އިންތިޒާރުކުރައްވާ އިރު، މިނިވަން އެހެން މުއައްސަސާއެއް ކަމަށްވާ އޮޑިޓަ ޖެނެރަލް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް، ރިޕޯޓް ނެރެފަ އެވެ. އެހެންކަމުން އެ ރިޕޯޓްގެ ތެރެއިން ވެސް ވަރަށް ގިނަ ކަންކަން، ބަންޑާރަނައިބާއި، ޕްރޮސެކިއުޓާ ޖެނެރަލް އަށް ކުރެވެން އޮންނާނެ އެވެ.

އޭސީސީން އަންގާ އެންގުންތަކާއި ދޭ ލަފަޔަށް ހަދަނީ ހަދާނެ އެއްޗެއްކަން، ހުޅުމާލޭ ފަރީދިއްޔާ ސްކޫލް ބިމުގައި، ސްކޫލެއް ހިންގަން ބަޔަކަށް ކުއްޔަށް ދޫކުރުމުގައި އެޑިޔުކޭޝަން މިނިސްޓްރީން ކުޅެ ނިންމާލި ކުޅިގަނޑުން އެނގެ އެވެ. އެ ކުޅިގަނޑު ފެންމަތިވެ، އެކަމަކު ނުހުއްޓުވާ ގެންގޮސް، ނިންމާލި އިރު އެޑިޔުކޭޝަން މިނިސްޓްރީގެ ސިޔާސީ ބޭފުޅުން ވީ ތަނެއް ވެސް ނޭނގެ އެވެ. އެހެންނާ ވަރަށް ކުދިކުދި ކަންކަމުގައި ސޮއިކޮށްލާ ރަސްމިއްޔާތުތަކުގައި ވެސް އާންމުކޮށް ފެންނާނީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންނެވެ. ބައިނަލްއަގުވާމީ ސްކޫލެއް އަދި ހާއްސަކޮށް ބޭރުގެ ތަޖުރިބާ ހުރި ބަޔަކާ ގުޅިގެން ހިންގަން ހަވާލުކުރާ ރަސްމިއްޔާތު، ގައިމު ވެސް ކުޑަވެގެން ނުވާނެތާ އެވެ. ޕީއެސްއެމް އިން ހުއްޓުމެއް ނެތި، 24 ގަޑިއިރު ނުވަތަ 48 ގަޑިއިރު ވަންދެން ވެސް އެ ވާހަކަ ދައްކައި، އެޑިޔުކޭޝަން މިނިސްޓްރީގެ ތައުލީމީ ސިޔާސަތުގެ މޮޅު ވާހަކަތަކާ ގުޅޭ އިންޓަވިއުތަކުން ފުރާލަން ޖެހޭނެ އެވެ. އެކަމަކު މިފަހަރު މިފެނުނީ، އެޑިޔުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން އަށް "އެ ޝަރަފު" ދިން ތަނެވެ. އަނެއްކާ ސިޔާސީ ބޭފުޅަކަށް ކެރިވަޑައިނުގަތީ ހެއްޔެވެ؟ ނުވަތަ ސިވިލް ސާވިސްގެ އެންމެ މަތީ މުވައްޒަފުގެ ބޭނުން، ސިޔާސީ ކަންކަމުގައި ހިފީ ހެއްޔެވެ؟ ޕީއެސް އިން ތިބެނީ އެފަދަ "ޝަރަފްތައް" ހޯދަން ތައްޔާރަށް ހެއްޔެވެ؟

ރާއްޖޭގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލު، ލާލޭ ޔޫތު އިންޓަނޭޝަނަލް ހިންގި ފަރީދިއްޔާ އިމާރާތް: އެޑިޔުކޭޝަން މިނިސްޓްރީ އާއި ކޮލިޓޭޓް އެޑިޔުކޭޝަންއާ ދެމެދު ވަނީ 25 އަހަރުގެ އެއްބަސްވުމެއް ހަދާފައި

ރާއްޖޭގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލު، ލާލޭ ޔޫތު އިންޓަނޭޝަނަލް ހިންގި ފަރީދިއްޔާ އިމާރާތް: އެޑިޔުކޭޝަން މިނިސްޓްރީ އާއި ކޮލިޓޭޓް އެޑިޔުކޭޝަންއާ ދެމެދު ވަނީ 25 އަހަރުގެ އެއްބަސްވުމެއް ހަދާފައި

ކޮލިޓޭޓް އެޑިޔުކޭޝަން (ތައުލީމީ ދާއިރާގައި މީގެ ކުރިން އިވުނު ނަމެއް ވެސް ނޫން) އެއްބަސްވުމުގައި ސޮއިކުރެއްވި އިރު، އޭސީސީން އޮތީ އަލުން ބިޑުކުރަން އަންގާފަ އެވެ. އެހާ ހިސާބުން އެޑިޔުކޭޝަން މިނިސްޓްރީ އަށް އެކަނި އެކަން ނިންމައެއް ނުލެވޭނެ އެވެ. ބަންޑާރަނައިބުގެ ލަފަޔާއި ހުއްދަ ހޯދަން ޖެހޭނެ އެވެ. އެކަމަކު އެ ހުއްދައެއް ނުދެ އެވެ. އެހެންކަމުން 25 އަހަރުގެ ބޮޑު އެއްބަސްވުމާ މެދު ބަންޑާރަނައިބުގެ ފަރާތްޕުޅުން ދެން އަޅުއްވާނެ ފިޔަވަޅެއް ބަލަމާ ހިނގާށެވެ. ނުވަތަ ފިޔަވަޅެއް އަޅުއްވަފާނެކަމާ މެދު ސުވާލު އުފެދެ އެވެ.

އޭސީސީގެ އެންގުންތަކާ މެދު ސަރުކާރުގެ ބަހާއި އަމަލް ދިމާނުވާކަން މިއަށް ވުރެ ވަކި ބޮޑަކަށް ނޭނގޭނެ އެވެ.

ބަންޑާރަނައިބަކީ ކެބިނެޓްގައި ހިމެނޭ މަގާމެއް ނަމަވެސް، ގާނޫނުއަސާސީން ވަނީ އެހެން މިނިސްޓަރުންނާއި އޭނާ ތަފާތުކޮށްފަ އެވެ (ކިސަނޑުން ފުރިފައިވާ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގާނޫނުއަސާސީ ހިމާޔަތްކުރަން ސިޔާސީ އެއްވެސް މީހަކު ތެދުވެރި މަސައްކަތެއް ކުރޭ ހެއްޔެވެ؟). ގާނޫނުއަސާސީގައި ބަނޑާރަނައިބާ ބެހޭ ގޮތުން އޮތް ހަތް އަކުރުގެ ތެރެއިން އެއް އަކުރަށް ބަލައިލުން ރަނގަޅެވެ. އޭގައި އޮތީ "ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އޭނާ ތަބާވާނީ ހަމައެކަނި ގާނޫނުއަސާސީ އަށާއި ގާނޫނަށެވެ. އެއިން ކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަކަށް ނުހިނގާނެ އެވެ،" މިހެންނެވެ.

އެ ބުނާ އެއްޗެއް ހަމަ ރަނގަޅަށް އެނގެ އެވެ. ދައުލަތުގެ ކޮންމެ ގުނަވަނެއްގެ ތެރޭގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރިޔަސް އެކަން ހުއްޓުވަން ބަންޑާރަނައިބު، އެހެން މީހެއްގެ މޫނަށް، ބާރަކަށް، ބަލަން ނުޖެހޭނެ ކަމެވެ. މި އޮތީ އޭސީސީން ސާފުކޮށް އަންގާފައިވާ ކަމަކާ ސަރުކާރުގެ މިނިސްޓްރީއަކުން ހިލާފުވެފަ އެވެ. އެކަން ރަނގަޅުކޮށްދެއްވަން ހުންނެވި ބޭފުޅަކީ ބަންޑާރަނައިބު އަނިލް އެވެ.

ފަރީދިއްޔާގެ އިމާރާތް ކޮންމެ ބަޔަކަށް ދިނަސް އަޅުގަނޑަކަށް މައްސަލައެއް ނެތެވެ. އެކަމަކު ވަކި ބަޔަކަށް ދޭން އެޑިޔުކޭޝަން މިނިސްޓްރީން ފައިވިއްދަންޏާ އެއީ މައްސަލައެކެވެ. ހާއްސަކޮށް 25 އަހަރުގެ ދިގު މުއްދަތަކަށް ދައުލަތުގެ އެވަރުގެ ބިމެއް ދޭއިރު، ކުރިމަތިލީ އެހެން ކުންފުނިތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި، ތައުލީމީ ދާއިރާ އަށް އެންމެ ރަނގަޅު ގޮތް ވެސް އޮންނަން ޖެހޭނީ ކަނޑައަޅާފަ އެވެ. ދެ ފުށް ފެންނަ އުސޫލެއްގެ ތެރެއިން އެކަން ނުކުރެވެންވީ ސަބަބެއް ނެތެވެ. ސަރުކާރުގެ މަތީ މަގާމުތަކުގައި މީހުން ތިބެނީ، އިންސާފުވެރިކަމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްގޮތަށް މަސައްކަތްކޮށްދޭށެވެ.

އޭސީސީގެ އެންގުމާ ހިލާފަށް އެޑިޔުކޭޝަން މިނިސްޓްރީން އެހާ ބޮޑު ކަމެއް ނިންމާލުމުން މި އެނގެނީ، ގާނޫނު ހިނގަނީ ވަކި ބަޔަކަށް ކަމެވެ. ގާނޫނީ ގޮތުން ތަބާއަވާން ޖެހޭ މުއައްސަސާތަކަށް އިހުތިރާމްކުރަން ވެސް ޖެހެނީ ވަކި ބަޔަކަށް ކަމެވެ. ބާރު ހުރި ފަރާތްތަކުން ކޮންމެ ކަހަލަ ފައިދާއެއް ވެސް ނަގަންވީ އެވެ. މިއީ ރައީސް ޔާމީން، ކޮންމެ ޕޯޑިއަމެއްގައި ދައްކަވާ ވާހަކަފުޅާ ދެކޮޅަށް އެހެން ވެރިން ހިންގާ މުޅިން ތަފާތު އަމަލެކެވެ. މިފަދަ ކަންކަން އެ މަގުން ކުރިއަށް ދަންޏާ، ސަރުކާރުން އެ ބުނަނީ، "އޭސީސީން އަންގާނެ އެވެ. އެކަމަކު އަޅާލާނެ ކަމެއް ނެތެވެ" މިހެންނެވެ.

ނިންމާލަމާ ހިނގާށެވެ. މިހާރު ރާއްޖެ މި އޮތް ފެންވަރުގައި އޭސީސީގެ ބޭނުމެއް ނެތެވެ.