Roadha Mihaaru
މޮރީނިއޯއާ މައްސަލައެއް ނެތް، ސަލާމްކުރާނަން: ވެންގާ

މޮރީނިއޯއާ މައްސަލައެއް ނެތް، ސަލާމްކުރާނަން: ވެންގާ

18 ނޮވެމްބަރ 2016

ލަންޑަން (ނޮވެމްބަރު 18) - ޕްރިމިއާ ލީގުގައި މާދަމާ ހަވީރު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އޭނާއާ ސަލާމްކުރާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 18) - ޕްރިމިއާ ލީގުގައި މާދަމާ ހަވީރު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އޭނާއާ ސަލާމްކުރާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މޮރީނިއޯ އާއި ވެންގާ އަކީ ފަހަކަށް އައިސް ޕްރިމިއާ ލީގުގެ އެންމެ ވާދަވެރި ދެ ކޯޗުންނެވެ. މިދެ ކޯޗުންގެ ކުރިމަތިލުންތަކުގެ ކުރިން އާންމުކޮށް ބަހުގެ ހަމަލާތައް ބަދަލުކުރާއިރު، މާދަމާގެ މެޗުގެ ކުރިން ވެންގާ ވަނީ މޮރީނިއޯ އާއި ޔުނައިޓެޑަށް ފާޑުކިޔުމަށް އިންކާރުކޮށްފަ އެވެ.

"މޮރީނިއޯ އާއި އަހަންނާ ދެމެދު މައްސަލައެއް ނެތް. އަހަރެން އޭނާއާ ސަލާމްކުރާނަން. ފުޓްބޯޅައިގައި ވާދަވެރިކަން އޮންނާނެ އެއީ ޒާތީ ކަމެއްގެ ގޮތުގައި ނުދެކެން. މޮރީނިއޯ ކޯޗުކޮށްދޭ ޓީމެއް މޮޅުކުރަން އޭނާ މަސައްކަތް ކުރާނެ. ހަމައެގޮތަށް އަހަރެން ވެސް ބަލާނީ އަހަރެން ކޯޗުކޮށްދޭ ޓީމެއް ކޮންމެ ގޮތެއް ހަދައިގެން ވިިޔަސް މޮޅުކޮށްދޭން،" ވެންގާ ބުންޏެވެ.

މޮރީނިއޯ ކޯޗުކޮށްދޭ ޓީމެއް އަތުން ވެންގާ އަށް މޮޅުވެވުނީ އެންމެ ފަހަރަކު އެވެ. އެއީ މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުން އެކަންޏެވެ. ޕްރިމިއާ ލީގުގައި މި ދެ ކޯޗުން ވަނީ 11 ފަހަރު ބައްދަލުކޮށްފަ އެވެ. މޮރީނިއޯ ފަސް މެޗުން މޮޅުވިއިރު، އަނެއް ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލީގުގައި ވެންގާ އަށް އެންމެ މޮޅެއް ވެސް ނުލިބެ އެވެ.

މޮރީނިއޯ ޔުނައިޓެޑާ ހަވާލުވި ފަހުން ފުރަތަމަ ފަހަރަށް ވެންގާއާ ދެކޮޅަށް ނުކުންނައިރު، ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ދަނޑުގައި އާސެނަލް މޮޅުވީ 2006 ވަނަ އަހަރު އެވެ. ވެންގާ ބުނީ މި ފަހަރު ޓީމާ މެދު އޮތް އިތުބާރު ބޮޑު ކަމަށެވެ.

"ލީގުގައި އާސެނަލަށް އެންމެ އުނދަގޫ އެއް ޓީމު ޔުނައިޓެޑަކީ. އާންމުކޮށް ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އާސެނަލް އޮންނަނީ މައްސަލައެއްގެ ތެރޭގައި. މިފަހަރު ވެސް އަނިޔާގެ މައްސަލަ ކޮންމެވެސް ވަރަކަށް އޮތް ނަމަވެސް ކަންބޮޑުވުމެއް ނެތް. މި ފަހަރު ޓީމާ މެދު އޮތް އިތުބާރު ވެސް ބޮޑު،" ވެންގާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް މިވަގުތު އޮތީ ހަތަރު ވަނައިގަ އެވެ. އެ ޓީމަށް ވަނީ 11 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މާދަމާ އާސެނަލާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 5:30 ގަ އެވެ.