Roadha Mihaaru
އާސެނަލް ބަލިވެ ވެންގާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި

އާސެނަލް ބަލިވެ ވެންގާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި

20 އޯގަސްޓް 2017

ލަންޑަން (އޮގަސްޓް 20) – އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ދެ ވަނަ މެޗުގައި ވެސް ރޭ ހަތަރު ލަނޑު ޖެހިއިރު، ސްޓޯކް ސިޓީ އަތުން 1-0 އިން އާސެނަލް ބަލިވެ އާސެން ވެންގާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (އޮގަސްޓް 20) – އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ދެ ވަނަ މެޗުގައި ވެސް ރޭ ހަތަރު ލަނޑު ޖެހިއިރު، ސްޓޯކް ސިޓީ އަތުން 1-0 އިން އާސެނަލް ބަލިވެ އާސެން ވެންގާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.

ފުރަތަމަ މެޗުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން 4-0 އިން މޮޅުވި ޔުނައިޓެޑް ރޭ ރަށުން ބޭރުގައި ސްވަންސީ ސިޓީ އަތުން މޮޅުވީ ވެސް 4-0 އިންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެރިކް ބާއީ އެ ޓީމަށް ކުރި ހޯދައިދިން އިރު އަނެއް ތިން ލަނޑު ޖެހީ މެޗުގެ ފަހުކޮޅެވެ. އެގޮތުން 80 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ލަނޑު ޖެހިއިރު އޭގެ ދެ މިނެޓު ފަހުން ތިން ވަނަ ގޯލް ޖެހީ ޕައުލް ޕޮގްބާ އެވެ. އަދި ފަހު ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއާލް އެވެ.

ހަ ޕޮއިންޓާއި ފައިދާ އަށް ގޯލާ އެކު ޔުނައިޓެޑް އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ. އެ ޓީމުން ދެ މެޗުގައި ވެސް ގިނަ ގޯލްތަކެއް ޖެހުމުގެ އިތުރުން މޮޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް އަލަށް ގުޅުނު ލުކާކޫ އާއި ނެމަންޔާ މަޓިޗުގެ ފަރާތުން ތަފާތު ވަނީ ފެނިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ޕޮގްބާ (ކ-2) ލަނޑު ޖެހުމުން އެހެން ކުޅުންތެރިން މަރުހަބާ ކިޔަނީ. --ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ ޔުނައިޓެޑުގެ ޕޮގްބާ (ކ-2) ލަނޑު ޖެހުމުން އެހެން ކުޅުންތެރިން މަރުހަބާ ކިޔަނީ. --ފޮޓޯ: އޭއެފްޕީ

ފުރަތަމަ މެޗުން މޮޅު ކުޅުމަކަށް ފަހު ލެސްޓާ ސިޓީ އަތުން 4-3 އިން މޮޅުވި އާސެނަލް އަށް ރޭ ރަށުން ބޭރުގައި ކުރިމަތިވީ ހިތްދަތި ނަތީޖާއެކެވެ. މި މެޗުގައި ސްޓޯކުގެ ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގެ ދެ ވަނަ މިނެޓުގައި، ސްޕެއިން ފޯވާޑް ޖެސޭ ރޮޑްރިގޭޒެވެ. ރެއާލް މެޑްރިޑުގެ ކުރީގެ ފޯވާޑް ސްޓޯކާ ދާދި ފަހުން ގުޅުނީ ޕީއެސްޖީގެ ލޯނެއްގެ ދަށުންނެވެ.

މި މެޗަށް ފަހު އާސެން ވެންގާ ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ވެންގާ ބުނީ އޭނާގެ ޓީމަށް ނުކުޅެވުނު ކަމަށާއި އެކަމަކު ލިބެން ޖެހޭ ދެ ޕެނަލްޓީ އެއް ވެސް ނުލިބި ދިޔަ ކަމަށެވެ. އެއީ އޭރިއާ ތެރެއިން ކާޓް ޒޫމާގެ އަތުގައި ޖެހުނު ބޯޅައަކަށާއި މަމޭ ޑިއޫފް ކުރި ފައުލަކަށެވެ.

"އަހަރެމެންނަށް ޕެނަލްޓީ ނުލިބޭނެ. އަހަރެމެންނަށް އެކަން އެނގޭ،" ވެންގާ ބުންޏެވެ. "ބަލާލަބަލަ ތަފާސްހިސާބުތަކަށް. އަމިއްލަ ދަނޑުގައި އެ ޓީމަކާ ދެކޮޅަށް އެންމެ ގިނަ ޕެނަލްޓީ ލިބުނީ އަހަރެމެންނާ ދެކޮޅަށް. އަދި އެންމެ މަދުން ޕެނަލްޓީ ލިބުނު ޓީމަކީ ވެސް އަހަރެމެން."

ވެންގާ ވަނީ ދެ ވަނަ ހާފުގައި އަލެކްސެންޑާ ލަކަޒޭޓް ޖެހި ގޯލް އޮފްސައިޑް ކަމަށް ނިންމި ނިންމުމާ މެދު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މެޗަށް ފަހު ވެންގާ ވަނީ އުފާވެރި ހަބަރެއް ވެސް ދީފަ އެވެ. އެއީ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް އަޑުއަރާފައިވާ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް، އަންނަ ހަފުތާގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ނަގާ ސްކޮޑުގައި ހިމެނޭނެ ކަމުގެ ހަބަރެވެ.

ރޭ ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 1-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު 73 ވަނަ މިނެޓުގައި ޖެހީ ސަޑިއޯ މާނޭ އެވެ. ފުރަތަމަ މެޗުން ވަޓްފޯޑާ 3-3 އިން އެއްވަރުވި ލިވަޕޫލް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ.