Roadha Mihaaru
ޔުނައިޓެޑުން ތައުރީފް ކުރުމުން ވެންގާ ހައިރާންވެއްޖެ

ޔުނައިޓެޑުން ތައުރީފް ކުރުމުން ވެންގާ ހައިރާންވެއްޖެ

30 އެޕްރީލް 2018

މެންޗެސްޓާ (އޭޕްރީލް 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން ބަލިވި މެޗުގައި އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް ލިބުނު ސަޕޯޓް ފެނިފައި ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޭޕްރީލް 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން ބަލިވި މެޗުގައި އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް ލިބުނު ސަޕޯޓް ފެނިފައި ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ބާވީސް އަހަރަށް ފަހު ވެންގާ މި ސީޒަން ނިމުމުން އާސެނަލް ދޫކޮށްލަން ނިންމާފައިވާއިރު، ރޭގެ މެޗަކީ އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ޔުނައިޓެޑާ ދެކޮޅަށް އެ ޓީމު ދަނޑުގައި އާސެނަލް ގޮވައިގެން ކުޅުނު ފަހު މެޗެވެ. ރޭގެ މެޗުގެ ކުރިން ޔުނައިޓެޑުން ވަނީ ވެންގާ އަށް ހާއްސަ ހަނދާނީ އެވޯޑެއް ދީފަ އެވެ. މި އެވޯޑް ދިނުމަށް ޔުނައިޓެޑްގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ އާއި އެ ޓީމުގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން ބައިވެރިވި އެވެ.

ރޭގެ މެޗު ފެށިގެން ޔުނައިޓެޑް ސަޕޯޓަރުން ވަނީ ވެންގާ އަށް ތައުރީފް ކޮށްފަ އެވެ. ޔުނައިޓެޑް ސަޕޯޓަރުން ބުނީ ވެންގާ އަކީ ޔުނައިޓެޑް ދަނޑުގައި އެހެން ޓީމަކަށް ލީގު ހޯދައިދިން ކޯޗެއް ކަމަށާއި އާސެނަލްގައި އޭނާ މަޑުކުރަން އެދޭ ކަމަށެވެ.

"އަހަރެންނަށް ލިބުނު އެންމެ ބޮޑު ހައިރާން ކަމަކީ އާސެނަލް ކޯޗަކަށް އަހަރެން ހުއްޓައި ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފަރާތުން އެ ލިބުނު ސަޕޯޓް. އަހަންނަށް ނޭނގެ އެ އެވޯޑަކީ ކިހިނެއް އައި ކަމެއް ހެން ވެސް. އެކަމަކު އެލެކްސް ފާގަސަންއާ އެކު މި ފަދަ ވަގުތެއް ހޭދަކޮށްލަން ލިބުމުން އުފާވޭ. ބައެއް ފަހަރު ނުރައްކަލަކަށް ނުވުމަކީ އެންމެންގެ ލޯބި ލިބޭ ކަމެއް،" މެޗަށް ފަހު ވެންގާ ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ބުރާސްފަތި ދުވަހުގެރޭ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ މެޗު އޮތުމުން ރޭގެ މެޗަށް އާސެނަލުން ނުކުތީ ނިސްބަތުން ގިނަ ޒުވާން ކުޅުންތެރިންތަކަކާ އެކު އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ ޕައުލް ޕޮގްބާ އެވެ. ދެ ވަނަ ހާފުގައި އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިދިޔަ ޖެނުއަރީ މަހު ޔުނައިޓެޑް ދޫކޮށް އާސެނަލަށް ބަދަލުވި އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އެވެ. ލަނޑު ޖެހުމަށް ފަހު މިކިތާރްޔަން އުފާފާޅެއް ނުކުރެ އެވެ. މެޗުގެ ނަތީޖާ ބަދަލުކޮށްލީ އިތުރު ވަގުުތުގައި ޔުނައިޓެޑްގެ މަރުއާން ފެލައިނީ ވައްދާލި ގޯލުންނެވެ.

މި މެޗުން އާސެނަލަށް ޕޮއިންޓެއް ނުލިބުނުއިރު، އިނގިރޭސި ހުރިހާ ޑިވިޝަނެއްގައި 2018 ވަނަ އަހަރު ރަށުން ބޭރުގައި ޕޮއިންޓެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ އާސެނަލް އެވެ.

ޔުނައިޓެޑުން ވަނީ ރޭގެ މޮޅާ އެކު ގަދަ ހަތަރެއް ޔަގީންކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފަ އެވެ. މިއީ ފާގަސަން ޓީމާ ވަކިވި ފަހުން ޔުނައިޓެޑުން ލީގުގެ ގަދަ ހަތަރެއްގައި ނިންމާލި ދެ ވަނަ ފަހަރެވެ.

ލީގު ޗެމްޕިއަންކަން ޔަގީންކޮށްފައިވާ މެންޗެސްޓާ ސިޓީން ވަނީ ރަށުންބޭރުގައި 4-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ރޭގެ ލަނޑުތަކާ އެކު ސިޓީން ވަނީ މި ފަހަރު ލީގުގައި 100 ލަނޑު ޖަހައިފަ އެވެ. އެ ޓީމަކީ ދެ ސީޒަނެއްގައި 100 ލަނޑު ލީގުގައި ހަމަކުރި ފުރަތަމަ ޓީމެވެ.