Roadha Mihaaru
މާލީ މީހަކަށް އެއްމާބަނޑު ނުވަ ކުދިން ލިބިއްޖެ

މާލީ މީހަކަށް އެއްމާބަނޑު ނުވަ ކުދިން ލިބިއްޖެ

05 މެއި 2021

މާލީގެ އުމުރުން 25 އަހަރުގެ އަންހެނަކަށް އެއްމާބަނޑު ނުވަ ކުދިން ލިބިއްޖެ އެވެ.

މާލީގެ އުމުރުން 25 އަހަރުގެ އަންހެނަކަށް އެއްމާބަނޑު ނުވަ ކުދިން ލިބިއްޖެ އެވެ.

މާލީ ހެލްތު މިނިސްޓްރީން ބުނީ ހަލީމާ ސީސޭ އަށް ލިބެނީ އެއްމާބަނޑު ހަތް ކުދިން ކަމަށް ސްކޭންތަކަށް ފަހު ޑޮކްޓަރުން ކުރިން ބުނެފައިވާ ކަމަށެވެ. އެކަމަކު ސަރުކާރުގެ ހަރަދުގައި މޮރޮކޯ އަށް ގެންގޮސް ސިޒޭރިއަން ހެދި އިރު ވަނީ ނުވަ ކުދިން ނަގައިފަ އެވެ. އެއީ ފަސް އަންހެންކުދިންނާއި ހަތަރު ފިރިހެން ކުދިންނެވެ.

ހެލްތު މިނިސްޓްރީން ބުނީ ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.އެއްމާބަނޑު ނުވަ ކުދިން ލިބުމަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް ވަރަށް ނާދިރު ކަމެކެވެ. އަދި ވިހެއުމުގެ ތެރޭގަ އާއި ފަހުން އެކި މައްސަލަތައް ދިމާވުމާއި ބައެއް ކުދިން މަރުވުމަކީ ދިމާވާ އާންމު ކަންކަމެވެ.

މޮރޮކޯގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އޭއެފްޕީ އަށް ވިދާޅުވެފައިވާ ގޮތުގައި މާލީގައި މީގެ ކުރިން ދުވަހަކު ވެސް އެއްމާބަނޑު ނުވަ ކުދިން މީހަކަށް ލިބުނުކަމެއް އެނގިފައެއް ނުވެ އެވެ.

މާލީ ހެލްތު މިނިސްޓްރީން އާންމުކުރި، ހަލީމާ އަށް ލިބުނު އެއްމާބަނޑު ނުވަ ކުދިންގެ ތެރެއިން ތިން ކުއްޖަކު ފެންނަ ފޮޓޯއެއް

މާލީ ހެލްތު މިނިސްޓްރީން އާންމުކުރި، ހަލީމާ އަށް ލިބުނު އެއްމާބަނޑު ނުވަ ކުދިންގެ ތެރެއިން ތިން ކުއްޖަކު ފެންނަ ފޮޓޯއެއް

މާލީގެ ހެލްތު މިނިސްޓަރު ވަނީ މި އާދަޔާ ހިލާފް ހާލަތަށް ފަހު، މާލީ އާއި މޮރޮކޯގެ ސިއްހީ ހިދުމަތްތެރިންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

ނުވަ ކުދިން ލިބުނު މީހާގެ ބަނޑުގައި ހަތް ކުދިން އޮތްކަން އެނގުމާ އެކު ވެސް މާލީގައި އެ ވާހަކަ ވަރަށް ބޮޑަށް މަޝްހޫރުވެ ކުދިންގެ މަންމަ އަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. އަދި މި މީހާ އަށް ލިބޭ ކުދިންނަށް އެކަށީގެންވާ ސިއްހީ ހިދުމަތް ނުލިބިދާނެ ކަމުގެ ކަންބޮޑުވުމާ އެކު ސަރުކާރުން މިކަމުގެ ތެރެއަށް ވަދެ އަންހެން މީހާ އަށް އެހީވާން ފެށީ އެވެ.

އަންހެން މީހާ މޮރޮކޯ އަށް ގެންދަން ނިންމީ މާލީ އަށް ވުރެ ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށެވެ. މާޗް މަހުގެ 30 ވަނަ ދުވަހު މޮރޮކޯ އަށް ގެންގޮސް ފަސް ހަފުތާ ފަހުން ސިޒޭރިއަން ހަދައި ކުދިންނަށް ނެގީ އިއްޔެ އެވެ.