Roadha Mihaaru
އާ ކައުންސިލަރުން ހުވާކުރުން މި މަހުގެ 17 ގައި

އާ ކައުންސިލަރުން ހުވާކުރުން މި މަހުގެ 17 ގައި

02 މެއި 2021

މި މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ކައުންސިލަރުން ހުވާކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ކައުންސިލަރުން ހުވާކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިރޭ ބުނެފި އެވެ.

އެ އޮތޯރިޓީގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުމާ ގުޅޭ އުސޫލުތައް ނިންމައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އެ ކަންކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާ ވެސް ލިބިފައިވާ ކަމަށާއި ނަމަވެސް އިތުރަށް މަޝްވަރާކުރަންޖެހޭ ކަންކަން ހުރުމުން މިރޭ ބައްދަލުކުރަން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމު އެކި ގޮތްގޮތަށް ރާވާފައިވާ ކަމަށެވެ. އޭގައި، އަތޮޅު ކައުންސިލަރުން މީގެ ކުރިން ވެސް ކުރިގޮތަށް ފަނޑިޔާރުންގެ ކުރިމަތީގައި ހުވާކުރަން ވަނީ ނިންމައިފަ އެވެ. އަދި ކާފިއު އިއުލާނުކޮށްފައިވާ އަދި އާއްމު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ހުވާކުރާނެ ގޮތްތައް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

"އެއަށް އަޅުގަނޑުމެން މިހާރު މަޝްވަރާކުރަނީ، ނޯމަލް މޮނިޓަރިންނެއްގައި އޮންނައިރު އަދި ފިޒިކަލީ ގެންދެވިދާނެ އޮޕްޝަނަކީ ކޮބައިތޯ. އެ އޮޕްޝަން ކްރިއޭޓް ނުވިއްޖެއްޔާ ވާޗުއަލްކޮށް [ހުވާކުރުމުގެ ރަސްމިއްޔާތު] ގެންދާނީ،" ރަޝީދު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު އަތޮޅު ކައުންސިލުގައި ހިމެނެނީ، އެ އަތޮޅު ކައުންސިލްގެ ރައީސާއި އެ އަތޮޅެއްގައި ހިމެނޭ ރަށްރަށުގެ ކައުންސިލް ރައީސުންނެވެ. އެހެންވެ، އަތޮޅު ކައުންސިލްގެ ހުވާ ކުރެވޭނީ ރަށު ކައުންސިލަރުން ހުވާކުރުމަށްފަހުގަ އެވެ.

"ފަނޑިޔާރުން ހަމަޖެހި، އެކަން ރާވާލާއިރު އެއްވެސް ރަށެއްގެ ހުވާ އިރުއޮއްސޭއިރަށް ނުނިމޭ ކަމަށްވަންޏާ އެ އަތޮޅެއްގެ ހުވާ ގެންދާނީ އޮންލައިންކޮށް. މެންދުރަށް ރަށެއް ނިންމާލެވިއްޖެނަމަ ދަތުރުކުރުގެ ފުރުސަތު ހުޅުވާލެވިފައިވާނަމަ ފިޒިކަލީ އަތޮޅު ކައުންސިލް ހުވާކުރުމުގެ ފުރުސަތު ދޭނެ،" ރަޝީދު ވިދާޅުވި އެވެ.