Roadha Mihaaru

ލަންކާގައި ދެ ދިވެހިން މަރުވިކަމާ މެދު ސުވާލު އުފެދިއްޖެ

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ފިރިހެނަކާ އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު މިދިޔަ އާދިއްތަ ދުވަހު އެކްސިޑެންޓުވެގެން މަރުވި ކަމަށް ފެތުރުނު ހަބަރާ މެދު ޝައްކުތައް އުފެދިއްޖެ އެވެ.

ލަންކާގައި ދެ ދިވެހިން މަރުވިތޯ ސުވާލު އުފެދިއްޖެ
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

17 ނޮވެމްބަރ 2016

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ފިރިހެނަކާ އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު މިދިޔަ އާދިއްތަ ދުވަހު އެކްސިޑެންޓުވެގެން މަރުވި ކަމަށް ފެތުރުނު ހަބަރާ މެދު ޝައްކުތައް އުފެދިއްޖެ އެވެ.

ފުރަތަމަ ކަމަކީ ސަރުކާރުގެ އެއްވެސް އިދާރާއަކަށް އެ ހާދިސާގެ މައުލޫމާތު ސްރީ ލަންކާގެ ރަސްމީ ފަރާތްތަކުން މިހާތަނަށް ވެސް ދީފައި ނުވުމެވެ. އެވަަރުގެ ބޮޑު އެކްސިޑެންޓެއް ހިނގައިފި ނަމަ އެކަން ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ހައި ކޮމިޝަނަށް އަންގާނެ ކަމަށް، ބައެއް ފަރާތްތަކުން ބުނެ އެވެ.

މަރުވި ކަމަށް ބުނާ ކުޅުދުއްފުށީ ބަބޫގޭ ހަސަން އަލީ، 29، އާ މެދު އެ ރަށުގައި ވެސް ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ. އެގޮތުން އެއް ބަޔަކު ބުނާ ގޮތުގައި އޭނާ ވީ ސީރިޔާ އަށް ހަނގުރާމަ އަށް ގޮސްފަ އެވެ.

"މިހާރު"ން ބެލިބެލުމުން، އއ. ހިމަންދޫގައި ދީނީ ހަރުކަށި ބަޔަކާއި ސިފައިންނާ ދެމެދު 2007 ހިނގި ބޮޑު ހަމަނުޖެހުމާ ގުޅިގެން ވެސް އޭނާ ހައްޔަރުކުރި އެވެ.

މީގެ ތިން އަހަރު ކުރިން އޭނާ ސީރިޔާ އަށް ދިޔަ ކަމަށް ބައެއް މީހުން ބުނާ އިރު، އޭގެ ފަހުން ލަންކާ އަށް ދިޔަ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ. އާއިލާގެ ބައެއް މީހުން ބުނަނީ އޭނާ ލަންކާގައި ދިރިއުޅެމުން ގެންދާ ކަމަށެވެ.

ހަސަން އަލީގެ އާއިލާގެ މީހަކު "މިހާރު"އަށް ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު އެ އެކްސިޑެންޓް ހިނގީ އޭނާގެ ދެ ކުދިންނާއި އަންހެނުންނާ އެކު ޕިކަޕުގައި ދުއްވާލަން ނިކުމެ އުޅެނިކޮށް ކަމަށެވެ. އަދި ހަސަނާއި އޭނާގެ ދަރިފުޅު މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށާއި އެކަމަކު އާއިލާގެ ދެން ތިބި މީހުންނަށް ލިބުނު ގެއްލުން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަސަންގެ މަރުގެ މައުލޫމާތު ކުޅުދުއްފުށީގައި ތިބި އާއިލާގެ މީހުންނަށް ލިބުނީ އާދިއްތަ ދުވަހު މެންދުރު ފަހު ހަސަންގެ އަނބިމީހާގެ ފަރާތުން ކަމަށްވެ އެވެ. އަދި އޭގެ ފަހުން އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެ އެވެ.

ހަސަން ދިޔައީ ސީރިޔާއަށްތޯ މިއަދު ސުވާލު ކުރުމުން، އާއިލާގެ މީހާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އެއީ ކުޅުދުއްފުށީ ބައެއް މީހުން ދައްކާ ދޮގު ވާހަކައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއީ ވަރަށް ދީނަށް ލޯބި ކުރާ، ރަނގަޅު މީހެއް. އެހެންވެ، އެކަމާ ހަސަދަވެރިވެގެން ދައްކާ ވާހަކައެއް އެއީ،" އާއިލާގެ މީހާ ބުންޏެވެ.

އޭނާ ބުނީ ކުޅުދުއްުފުށީގައި ހުރެފައި މާލެ ދާ ކޮންމެ ފަހަރަކު ވެސް ހަސަނާ ބެހޭ ގޮތުން އެ ވާހަކަތައް ފަތުރާ ކަމަށާއި އެގޮތަށް ޕާކިސްތާނަށާއި ސީރިއާއަށް ދިޔަ ކަމަށް ވެސް ބުނާ ކަމަށެވެ. އަދި އާއިލާގެ ބައެއް މީހުން ވެސް އެފަދަ ވާހަކަތައް ފަތުރާ ކަމަށް ބުންޏެވެ.

"މިހާރު"އާ ވާހަކަ ދެއްކި މީހާ ބުނީ އަންހެނުންނާއި ކުދިންނާ އެކު ހަސަން ލަންކާއަށް ބަދަލުވި ފަހުން، އެއްގޮތަކަށް ވެސް ދިމާނުވާ ކަމަށެވެ. އެކަމަކު ވައިބާއިން ވާހަކަ ދައްކާ ކަމަށް ބުންޏެވެ.

އެމްބަސީ އާއި ފޮރިން މިނިސްޓްރީއަކަށް ނޭނގޭ

ހަސަން އާއި އޭނާގެ ދަރިފުޅު މަރުވި ކަމަށް ބުނާ ހާދިސާއާ ބެހޭ އެއްވެސް މައުލޫމާތެއް ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ލިބިފައެއް ނުވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެފަދަ ހާދިސާއެއް ހިނގައިފި ނަމަ ލަންކާގެ ޕޮލިހުން، ގިނަވެގެން ދެތިން ދުވަހުގެ ތެރޭގައި އެމްބަސީއަށް އަންގާނެ ކަމަށެވެ. އެކަމަކު އެފަދަ ހާދިސާއެއް ހިނގިކަން ލަންކާގެ ފުލުހުންނަށް ވެސް އަދި އެމްބަސީއަށް ވެސް އެނގިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"މި ފަދަ ކަމެއް ހިނގިކަން އާއިލާއަކުން ނެތް އެއްވެސް އިދާރާއަކަށް ހުށަހަޅާފައެއް. އެހެންވެ، މައުލޫމާތު ހޯދަން އެހާ އުނދަގޫވެގެން މިއުޅެނީ،" ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

"މިކަމެއް ހިނގިކަން ވެސް އަޅުގަނޑުމެންނަށް އެނގުނީ މީޑިއާ މެދުވެރިކޮށް."

ހަސަންގެ "މަރާ" ގުޅޭ ގޮތުން ފުލުހުން ވެސް އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

އެމްބަސީއަށް އެ މައުލޫމާތު ހިއްސާ ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން، ހަސަންގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުނީ އޭނާ "ގަބޫލުކުރާ ސަރުކާރެއް އަދި އެމްބަސީއެއް ނުހުންނާނެ" ކަމަށެވެ. އެހެންވެ، "ހަށިގަނޑު ހިފައިގެން އެމްބަސީތަކަށް ދުވަން ބޭނުން ނުވާ ކަމަށް" އޭނާ ބުންޏެވެ.

އާއިލާ އިން ބުނަނީ ހަސަން އާއި ދަރިފުޅުގެ ހަށިގަނޑު މިހާރު ވަޅުލާފައިވާ ކަމަށެވެ. އެކަމަކު އެ މީހުން ގެންދިޔައީ ކޮން ހޮސްޕިޓަލަކަށް ކަމެއް އަދި ވަޅުލީ ކޮން ތަނެއްގައި ކަމެއް ވެސް، ކުޅުދުއްފުށީގައި ތިބި އާއިލާގެ މީހުންނަކަށް ނޭނގެ އެވެ.

މަރުވި ހަސަންގެ އިތުރު އަންހެން ކުއްޖަކު ވެސް ދުނިޔޭގައި އެބަ ހުއްޓެވެ. އެ ދަރިފުޅާއި އޭނާގެ އަންހެނުން ރާއްޖެ ގެންނަން ބޭނުން ކަމަށާއި އެކަމަކު އެމްބަސީ މެދުވެރިކޮށް އެކަން ކުރަން ބޭނުން ނުވާ ކަމަށް، އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.