Roadha Mihaaru
ޕޮޒިޓިވްވި މީހުންނާ ދިމާނުވާ މީހަކަށް ކޮވިޑް ޖެހިއްޖެ

ހުޅުމީދޫން ކޮވިޑް ޖެހުނު މީހުންނާ ކޮންޓެކްޓްނުވާ މީހަކު ވެސް ޕޮޒިޓިވްވެއްޖެ

30 އެޕްރީލް 2021

އައްޑޫ ހުޅުމީދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓް ނުވާ މީހަކަށް ވެސް އެ ބަލި ޖެހިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫ ހުޅުމީދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓް ނުވާ މީހަކަށް ވެސް އެ ބަލި ޖެހިއްޖެ އެވެ.

ކޮވިޑް-19 ގެ އަލާމާތް ހުރެގެން އެ ރަށުން މީހަކު އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީ ހުޅުމީދޫ ހެލްތު ސެންޓަރަށެވެ. އެ މީހާ އެ ބައްޔަށް ޕޮޒިޓިވްވުމާ އެކު، ހުޅުމީދު އަށް އަރައިފޭބުން މަނާކޮށް، އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 16 މީހެއްގެ ސާމްޕަލް އިއްޔެ ނެގި އެވެ.

އައްޑޫ ކޮވިޑް ފޯކަލް ޕޮއިންޓުން ބުނީ، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު ފަސް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މި އެންމެނަކީ ވެސް މާލެ އަށް ދަތުރުކުރާ "ނިއުލައިން" ބޯޓުގައި މަސައްކަތް ކުރާ މީހުންނެވެ.

އޭގެ ފަހުން، ރަށުން ނެގި ރެންޑަމް ސާމްޕަލެއް ވެސްް ޕޮޒިޓިވްވެފައިވާ ކަމަށާއި އެއީ އެ މީހުންނާ ކޮންޓެކްޓު ވެސް ނުވާ ދިވެއްސަކު ކަމަށް ފޯކަލް ޕޮއިންޓުން ބުނެ އެވެ.

އައްޑޫގައި ކަރަންޓީނުގައި ހުރި އިންޑިއާގެ މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިއާ އެކު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ އަށެއްގަ އެވެ.

އައްޑޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިން ދިވެެއްސަކު ވެސް ހިމެނޭއިރު، އެ މީހުންގެ ގޭގޭގެ އެހެން މީހުންނާ ވެސް އެ މީހުން ކޮންޓެކްޓުވެފައިވާ ކަމަށް ފޯކަލް ޕޮއިންޓުން ބުންޏެވެ. އެ މީހުން ވަޒީފާ އަދާކުރާ ނިއުލައިން ބޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ތިން މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެ އެވެ. އެ މީހުން ތިބީ ބޯޓުގައި ކަމަށް ފޯކަލް ޕޮއިންޓުން ބުނެ އެވެ.

އެހެންވެ، ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމުގެ ކަންކަން ދަނީ ކުރިއަށެވެ. ކުރިން ވެސް އައްޑޫގެ އެކި ރަށްރަށުން ކޮވިޑްގެ ކޭސްތައް ފެނިގެން އެ ސިޓީ އަށް އަރައިފޭބުން މަނާކޮށްފައި ވެ އެވެ.

ކޮވިޑްގެ ބިރުވެރިކަން ރަށްރަަށަށް ވެސް ބޮޑުވެފައިވާއިރު މިހާރު ރަށްރަށުގެ އެކްޓިވް ކޭސްތައް ވެސް ވަނީ 1،000 އިން މައްޗަށް އަރައިފަ އެވެ.