ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ފައިސާތަކެއް ދެއްވި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ކުރާ މަނީލޯންޑްރިންގެ ތުހުމަތު ހެކި ނެތިގެން ފުލުހުން ފައިލްކޮށްފި އެވެ.
29 އެޕްރީލް 2021
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ފައިސާތަކެއް ދެއްވި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ކުރާ މަނީލޯންޑްރިންގެ ތުހުމަތު ހެކި ނެތިގެން ފުލުހުން ފައިލްކޮށްފި އެވެ.
އަލްހާން ފަހުމީ، މެއި 19، 2019 ގައި ހައިލަމްގެ އެކައުންޓަށް 200،000 ރުފިޔާ ފޮނުއްވި މައްސަލައިގައި، ހައިލަމްގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، އެ މައްސަލަ ފުލުހުން ބެލި އެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގީ މަރުހަލާ ނިންމައި، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް ދައުވާކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ފެންނާތީ މައްސަލަ އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ.
ހައިލަމްގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ތުހުމަތުގެ މައްސަލަ، ހެކި ނެތިގެން ފައިލްކުރިއިރު އެ މައްސަލައާ ގުޅިގެން އަލްހާން ކުރިން ވިދާޅުވެފައިވާ ގޮތުގައި ހައިލަމަށް ތުހުމަތުކުރާ 200،000 ރުފިޔާ އަކީ ފަހުން އަނބުރާ ދޭ ގޮތަށް އޭނާ އަތުން ނެންގެވި ލޯނެކެވެ. ދެ މީހުންނަކީ ކުރިއްސުރެ ގާތް ރަހުމަތްތެރިން ކަމަށާއި އެ ފައިސާ ހައިލަމަށް ޓްރާންސްފާ ކުރައްވާފައި ވާނީ އޭނާގެ އެކައުންޓުން ކަމަށް އަލްހާން ވިދާޅުވެ އެވެ.
އަލްހާން، ހައިލަމަށް ދެ ލައްކަ ރުފިޔާ ދެއްވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބެލި އެވެ. އެ މައްސަލަ ބެލުމަށް ފަހު، އެ ކޮމިޝަނުން ބުނެފައި ވަނީ ޝަކުވާގައި ބުނާ، އެ ފައިސާއަކީ ހައިލަމް ރަސްމީ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަމެއްގެ މުގާބިލުގައި އަދި ރަސްމީ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ދިން ފައިސާތަކެއް ކަމަށް ތުހުމަތު ކުރެވުން ނަމަވެސް، އެ މައްސަލައިގައި ލިބުނު ހެކިތަކުން އެގޮތަށް ސާބިތުނުކުރެވޭ ކަމަށެވެ.
އެ ކަންކަމަށް ރިއާޔަތްކޮށް އެ ކޮމިޝަނުން ނިންމީ އެއީ ކޮރަޕްޝަން އެކުލެވިގެންވާ މައްސަލައެއް ނޫން ކަމަށެވެ.
ހައިލަމާއެކު އަލްހާން 2019 ވަނަ އަހަރުގެ މަހުގެ ތެރޭގައި ދެ ލައްކަ ރުފިޔާގެ މުއާމަލާތެއް ހިންގެވިކަން ފާހަގަ ކުރެވޭ ކަމަށް ބުނެ ފުލުހުން ވަނީ ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.
ހައިލަމް ވަނީ އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައި ސަސްޕެންޑުކޮށް، ގާޒީކަމުން ވަކިކުރަން ނިންމާފައިވަނިކޮށް އޭނާ ވަނީ ޑިސެމްބަރު 2، 2019 ގައި އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ.
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
ފެނަކަ ކޮރަޕްޝަން:ސައީދަށް ދައުވާކޮށްދޭން އެދި ޕީޖީއަށް
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
އެފްއޭއެމްގެ މައްސަލަ:ޕީޖީ އާއި ފީފާއިން މަޝްވަރާކޮށްފި
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
ޒިފްލީނާއަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް