Roadha Mihaaru
ބިލު ނުދެއްކުމުން ކައުންސިލްގެ ކަރަންޓު ކަނޑާލައިފި

މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ނުދައްކައިގެން ތިނަދޫ ކައުންސިލް އިދާރާ އިން ކަރަންޓު ކަނޑާލައިފި

28 އެޕްރީލް 2021

ކަރަންޓު ބިލުތަކަކަށް ފައިސާ ނުދައްކައިގެން ގދ. ތިނަދޫ ކައުންސިލް އިދާރާ އިން މިއަދު މެންދުރު ކަރަންޓު ކަނޑާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކަރަންޓު ބިލުތަކަކަށް ފައިސާ ނުދައްކައިގެން ގދ. ތިނަދޫ ކައުންސިލް އިދާރާ އިން މިއަދު މެންދުރު ކަރަންޓު ކަނޑާލައިފި އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ ކަރަންޓު ކަނޑާލީ ބިލުތަކަށް 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުރުމުން ކަމަށެވެ. ސީދާ އަދަދެއް ސާފެއް ނުވި އެވެ. ނަމަވެސް އަމްޖަދު ވިދާޅުވީ އެއީ ހަމައެކަނި ކައުންސިލް އިދާރާގެ ކަރަންޓު ބިލުތައް އެކަނި ނޫން ކަމަށާއި އޭގެ ތެރޭގައި ކައުންސިލުން ބަލަހައްޓާ ތަންތަނުގެ ބިލުތައް ވެސް ހިމެނޭ ކަމަށެވެ.

ކައުންސިލުން ބަލަހައްޓާ ތަންތަނުގެ ތެރޭގައި މިސްކިތްތަކާއި މަގުބައްތި އާއި ފެރީ ޓާމިނަލް ހިމެނެ އެވެ. ފެރީ ޓާމިނަލުން ވެސް ވަނީ ކަރަންޓު ކަނޑާލައިފަ އެވެ. ނަމަވެސް މިސްކިތްތަކާއި މަގުތަކުން ކަރަންޓު ކަނޑައެއް ނުލަ އެވެ.

ބިލުތަކަށް ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަމްޖަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓަށް އެހާ ބޮޑު އަދަދެއް ނުދެއްކި ހުރީ މިދިޔަ އަހަރު ކައުންސިލްގެ ބަޖެޓުން ބޮޑު އަދަދެއް އުނިކުރުމުން ކަމަށެވެ. ކޮވިޑްގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމުގައި ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރި އިރު ތިނަދޫ ކައުންސިލުން 15 މިލިއަން ރުފިޔާ އުނިކުރި ކަމަށް އަމްޖަދު ވިދާޅުވި އެވެ.

"އެހެންވެ ތާށިވީ. އެއިރު ބެލީ ބިލުތަކަކީ ކޮންމެ މަހަކު ދައްކާ އެއްޗަކަށް ނުވާތީ، ހުރި ބަޖެޓުން މުވައްޒަފުންނަށް މުސާރަ ދެވޭތޯ. ބިލުތައް ދައްކަން އުޅެނިކޮށް ކަރަންޓު ކަނޑާލީ ވެސް،" އަމްޖަދު ވިދާޅުވި އެވެ.

ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ ތިނަދޫ ބްރާންޗުގެ މެނޭޖަރު އަލްމާސް ވިދާޅުވީ ބިލުތައް ނުދައްކައިގެން އެކި ފަހަރު މަތިން ކައުންސިލަށް އަންގާފައިވާ ކަަމަށެވެ. ނަމަވެސް ބިލުތައް ނުދައްކައި ގިނަ ދުވަސްވުމުން ކަރަންޓު ކަނޑާލަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.