Roadha Mihaaru
ގޯތި ދޫކޮށްގެން ތިނަދޫގެ ޕްލޭނަކީ ސިޓީއެއްގެ ދަރަޖަ!

ރަށުން ބޭރު މީހުންނާ އެކު ތިނަދޫގެ ޕްލޭނަކީ ސިޓީއެއްގެ ދަރަޖަ!

19 ޖެނުއަރީ 2022

ގދ. ތިނަދޫގައި މިހާރު ވެސް ސިޓީއެއްގައި ދޭން ޖެހޭ ވަރަށް ގިނަ ހިދުމަތްތައް އަންނަނީ ދެމުންނެވެ. އެކަމަކު، އެ ރަށަށް ސިޓީއެއްގެ ދަރަޖަ އަށް އޮތް ހުރަހަކީ އާބާދީ އެވެ. ގާނޫނުގައި ބުނެފައިވާ އަދަދުގެ ދެބައިކުޅަ އެއްބައި ވެސް އާބާދީގައި ހަމައެއް ނުވެ އެވެ. އެހެންވެ، ދެން އޮތް ކަމަކީ، އެވަރަށް އާބާދީ ހަމަކުރުމެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގދ. ތިނަދޫގައި މިހާރު ވެސް ސިޓީއެއްގައި ދޭން ޖެހޭ ވަރަށް ގިނަ ހިދުމަތްތައް އަންނަނީ ދެމުންނެވެ. އެކަމަކު، އެ ރަށަށް ސިޓީއެއްގެ ދަރަޖަ އަށް އޮތް ހުރަހަކީ އާބާދީ އެވެ. ގާނޫނުގައި ބުނެފައިވާ އަދަދުގެ ދެބައިކުޅަ އެއްބައި ވެސް އާބާދީގައި ހަމައެއް ނުވެ އެވެ. އެހެންވެ، ދެން އޮތް ކަމަކީ، އެވަރަށް އާބާދީ ހަމަކުރުމެވެ.

ރަށުން ބޭރު މީހުންނަށް ގޯތިދޫކުރުމަކީ ތިނަދޫ ސިޓީއަކަށް ހެދުމުގެ ޕްލޭނުގެ ދަށުން ކުރާ ކަމެއްތޯ ސުވާލުކުރުމުން އެ ރަށު ކައުންސިލްގެ ރައީސް ސައުދު އަލީ، ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ ތިނަދޫގައި މިހާރު ވެސް ސިޓީއެއްގައި ދޭން ޖެހޭ އެތައް ހިދުމަތެއް ދެމުން އަންނަ ކަމަށާއި އެހެންވެ، މުސްތަގުބަލުގައި އެއީ ސިޓީއަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ރަށެއް ސިޓީއަކަށް ބަދަލުކުރެވެނީ އެ ރަށެއްގެ އާބާދީ 10،000 މަތިވުމުންނެވެ. ތިނަދޫގައި މިހާރު ދިރިއުޅެނީ 5،000 އެއްހާ މީހުންނެވެ.

ތިނަދޫގެ ކުރިއެރުމުގައި މި ރަށުގެ ރައްޔިތުންނަށް، ރަށު ބޭރުން އައިސް ދިރިއުޅޭ މީހުންގެ ބޮޑު އެއްބާރުލުމެއް ވެސް ލިބޭ. އެހެންވެ، އެ މީހުންނަށް ބޯހިޔާވަހިކަމުގެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަކީ މި ރަށުގެ ރައްޔިތުން ވެސް އެދޭނެ ކަމެއް.-- ތިނަދޫ ކައުންސިލް ރައީސް، ސައުދު

އޭނާ އާއި ކައުންސިލްގެ ޕްލޭނަކީ ތިނަދޫ ވީހާ ވެސް ބޮޑަކަށް ތަރައްގީކުރުން ކަމަށާއި އެ މަސައްކަތް އެންމެ ފުރިހަމަ އަށް ކުރެވެން އޮތީ ރަށުން ބޭރު މީހުންނަށް ވެސް އެ ރަށުގައި ދިރިއުޅެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހިގެން ދިއުން ކަމަށް ވިދާޅުވި އެވެ. އެ ވިސްނުމަށް ތިނަދޫ ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތް ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ.-- ފޮޓޯ: ގާފު އޮންލައިން

ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ.-- ފޮޓޯ: ގާފު އޮންލައިން

"މިއީ އަބަދު ވެސް އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް މަރުހަބާ ކިޔާ ރަށެއް. މިހާރު ވެސް މި ރަށުގައި އެހެން ރަށްރަށުގެ ގިނަ ބަޔަކު އެބަ ދިރިއުޅޭ. އެ މީހުން ބޭނުންވޭ ތިނަދު އަށް އެއްކޮށް ދިރިއުޅުން ބަދަލުކުރަން ވެސް،" ރާއްޖޭގެ ދެކުނުން އެންމެ ބޮޑަށް ތަރައްގީވެފައިވާ، ބޮޑު އާބަދީއެއް ދިރިއުޅޭ އެއް ރަށުގެ ކައުންސިލް ރައީސް ވިދާޅުވި އެވެ.

"ތިނަދޫގެ ކުރިއެރުމުގައި މި ރަށުގެ ރައްޔިތުންނަށް، ރަށު ބޭރުން އައިސް ދިރިއުޅޭ މީހުންގެ ބޮޑު އެއްބާރުލުމެއް ވެސް ލިބޭ. އެހެންވެ، އެ މީހުންނަށް ބޯހިޔާވަހިކަމުގެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަކީ މި ރަށުގެ ރައްޔިތުން ވެސް އެދޭނެ ކަމެއް."

ރަށުގެ މީހުންނަށް ގޯތި ނުދީ، ރަށުން ބޭރު މީހުންނަށް ގޯތި ދޫކުރަން އުޅޭ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކަށް ސައުދު ވިދާޅުވީ، ތިނަދޫ ރައްޔިތުންނަށް ގޯތި ދޫނުކުރާނެ އެއްވެސް އުސޫލެއް ނޯންނާނެ ކަމަށެވެ.

ކައުންސިލްގެ ސިޔާސަތަކީ ތިނަދޫގެ ރައްޔިތުންނެކޭ އެއްގޮތަށް ރަށުން ބޭރު މީހުންނަށް ވެސް ކަނޑައެޅިފައި ހާއްސަ އުސޫލެއް ތެރެއިން ދިރިއުޅުމަށް ބިން ނުވަތަ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން ފްލެޓާއި ރޯހައުސް ފަދަ ތަންތަން ދިނުން ކަމަށެވެ.

"އެ ސިޔާސަތު ފުރިހަމަ އަށް ކުރިއަށް ގެންދަން އެބަ ޖެހޭ ޑިމާންޑް އޮތް ވަރެއް ބަލަން. މިހާރު އަޅުގަނޑުމެން މި އެކުލަވާލާ އެކްޝަން ޕްލޭނަށް އެބަ ބޭނުންވޭ ސައްހަ އަދަދުތަކެއް. އެ އަދަދުތައް ހޯދުމުގެ މަސައްކަތް މިހާރު މި ފެށުނީ،" އޭނާ ވިދާޅުވި އެވެ.

ގދ. ތިނަދޫގައި ދޯނިތައް މަރަމާތުކުރަން އެހެލާ ތަން.-- ފޮޓޯ: އަބްދުﷲ އަބީދު

ގދ. ތިނަދޫގައި ދޯނިތައް މަރަމާތުކުރަން އެހެލާ ތަން.-- ފޮޓޯ: އަބްދުﷲ އަބީދު

400 އަށް ވުރެ ގިނަ ފޯމު ލިބިއްޖެ

ދިރިއުޅެން ރަށުން ބޭރު މީހުންނަށް، ތިނަދޫން ގޯތި ދޫކުރަން ނިންމައި އެކަމަށް ޝައުގުވެރިވާ މީހުން ބެލުމަށް ރަށު ކައުންސިލުން އެކަން އިއުލާކުރީ މިދިޔަ ހަފުތާގަ އެވެ.

ކައުންސިލުން ރާވާފައިވާ ގޯތި ނުވަތަ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް، އެ ރަށުން ގޯތި ބޭނުންވާ ރަށުން ބޭރު މީހުންގެ ދަފުތަރެއް އެކުލަވާލުމަށް، އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް އަންނަ މާޗު މަހުގެ 31 ކުރިން މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ. މި ފުރުސަތު ހުޅުވާލުމުން މިހާތަނަށް 400 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ސައުދު ވިދާޅުވީ ގޮތުގައި މި މައުލޫމާތު އެއްކޮށް، އިވެލުއޭޓްކުރުމުން އެ ރަށުން ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންގެ އަދަދު ކަށަވަރުކުރެވޭނެ ކަމަށެވެ. އަދި ޑިމާންޑް އޮތްވަރު ބަލާއި، ކުރީގެ ސަރުކާރުން އެ ރަށުގައި ހިއްކާފައި އޮތް ބިމުން ތިނަދޫ މީހުނަށް ދޫކުރާނީ ކިހާ އަދަދެއްގެ ގޯތިކަމާއި އަދި ރަށުން ބޭރު މީހުންނަށް ދޫކުރާނެ އަދަދެއް ވެސް ކަނޑައެޅޭނެ ކަމަށެވެ.

"އޭރުން އަޅުގަނޑުމެންނަށް އެނގޭނީ ބިންތޯ ދޫކުރާނީ ނޫނީ ސްކީމްތަކެއްގެ ދަށުން ފްލެޓް ނުވަތަ ރޯހައުސްތޯ ދޫކުރާނީ،" އޭނާ ވިދާޅުވި އެވެ.

ގދ. ތިނަދޫގައި ކުރީގެ ސަރުކާރުން އިމާރާތްކުރި ފްލެޓުތައް.-- ފޮޓޯ: ގާފު އޮންލައިން

ގދ. ތިނަދޫގައި ކުރީގެ ސަރުކާރުން އިމާރާތްކުރި ފްލެޓުތައް.-- ފޮޓޯ: ގާފު އޮންލައިން

އިތުރަށް ބިން ހިއްކައިގެން ބޯހިޔާވަހިކަން ދޭންވެއްޖެއްޔާ ސަރުކާރުން އެކަން ވެސް ކޮށްދޭނެ ކަން ހަމަ ޔަގީން

މައުލޫމާތު އެއްކުރާ ފޯމުގައި ވެސް، މީހުން ބޯހިޔާވަހިކަން ބޭނުންވާ ގޮތް ބެލުމަށް ފަސް އިހުތިޔާރެއް ދީފައިވެ އެވެ. އެއީ؛

• ސަރުކާރުން ހަދާފައިވާ އިމާރާތެއް ނުވަތަ ފްލެޓެއް

• ރޯހައުސް

• ބަންޑާރަ ގޯތި

• މީހުން ދިރިއުޅުމަށްޓަކައި ސަރުކާރުން ވިއްކާ ބިމެއް

ރަށުން ބޭރު މީހުންނަށް ގޯތިދޫކުރުމުގެ ސަބަބުން ތިނަދޫގެ ރައްޔިތުންނަށް ދޫކުރާނެ ގޯތިތައް ވަކި މަދު ނުވާނެ ކަމަށާއި އެ ރަށުގައި އިތުރަށް ބިން ހިއްކައިގެން ވިޔަސް ގޯތިދޫކުރަން ޖެހިއްޖެ ނަމަ، އެކަން ކުރެވޭނެ ބޮޑު ސަރަހައްދެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ވެސް އެ ރަށުގައި، އެ ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން 1،500 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް އެބަ ކުރިއަށްދެ އެވެ.

"އިތުރަށް ބިން ހިއްކައިގެން ބޯހިޔާވަހިކަން ދޭންވެއްޖެއްޔާ ސަރުކާރުން އެކަން ވެސް ކޮށްދޭނެ ކަން ހަމަ ޔަގީން،" އޭނާ ވިދާޅުވި އެވެ.

ތިނަދޫގެ އިރުމަތީ ފަރާތުގައި އިންޑަސްޓްރިއަލް ޒޯނެއް ހެދުމަށް ސަރުކާރުން މިހާރު ވެސް ވަނީ 219،595 އަކަމީޓަރުގެ ބިމެއް ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ތިނަދޫ އަކީ މިހާރު ވެސް އެ ރަށާ ކައިރި އެހެން ރަށްރަށުން އެކި ހިދުމަތްތައް ހޯދުމަށާއި ތައުލީމު އުނގެނުމަށާއި ވަޒީފާ އަދާކުރުމަށް ވެސް މީހުން އައިސް، ގޮސް އުޅޭ ރަށަކަށް ވުމުން މިއީ ވަރަށް ކާމިޔާބު ޕްލޭނަކަށް ވާނެ ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ. ތިނަދު އާއި އެ ރަށުގެ ރައްޔިތުންގެ ތަރައްގީގައި އެހެން ރަށްރަށުގެ ރައްޔިތުން ހިއްސާވުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުންޏެވެ. މީގެ ފައިދާ ހަމަ ކޮންމެ ރައްޔިތަކަށް ވެސް ކުރާނެ އެވެ.