Roadha Mihaaru
ތިނަދޫން ރަށުން ބޭރު މީހުންނަށް ގޯތި ދެނީ

ތިނަދޫން ރަށުން ބޭރު މީހުންނަށް ގޯތި ދެނީ

12 ޖެނުއަރީ 2022

ދިރިއުޅެން ރަށުން ބޭރު މީހުންނަށް، ގދ. ތިނަދޫން ގޯތި ދޫކުރަން ނިންމައި ރަށު ކައުންސިލުން އެކަން އިއުލާނުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދިރިއުޅެން ރަށުން ބޭރު މީހުންނަށް، ގދ. ތިނަދޫން ގޯތި ދޫކުރަން ނިންމައި ރަށު ކައުންސިލުން އެކަން އިއުލާނުކޮށްފި އެވެ.

ތިނަދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މިހާރު ވެސް ބޮޑު އާބާދީއެއް އޮތް އަދި ހަލުވިކަމާ އެކު އާބާދީ އިތުރުވަމުން އަންނަ ތިނަދޫގެ ތަރައްގީ "އާ އުސްމިންތަތަކަށް ގެންދިއުމުގައި" އެހެން ރަށްރަށުގެ ރައްޔިތުން ވެސް ހިމަނައިގެން ކުރިއަށް ގެންދިއުމަކީ ކައުންސިލްގެ އަމާޒެއް ކަމަށެވެ.

އެ އިއުލާނުގައި ވަނީ އެ ރަށަކީ "ކައުންސިލުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެހެން ރަށްރަށުގެ ލޮބުވެތި ރައްޔިތުން ވެސް ހިމަނައިގެން ސަރަހައްދީ ތަރައްގީގެ ތެރެއިން އެންމެންނަށް ލާބަހުރި ގޮތްތައް ހޯދައި، އެ މަގުން މަސައްކަތް ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް" ކަމަށެވެ.

އެހެންވެ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހިންގާ އެކި ހަރަކާތްތަކާ އެކު ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ ރަށުން ބޭރުގެ މީހުންނަށް ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކުރުމަށް އެ ކައުންސިލުން ގަސްތުކުރާ ކަމަށެވެ. އެކަމަކު އަދި އިއުލާންކުރީ ބޯހިޔާވަހިކަމަށް ގޯތި ދޫކުރަން އެކަންޏެވެ.

ކައުންސިލުން ރާވާފައިވާ ގޯތި ނުވަތަ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް، ތިނަދޫން ގޯތި ބޭނުންވާ ރަށުން ބޭރުގެ މީހުންގެ ދަފުތަރެއް އެކުލަވާލުމަށް، އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް އަންނަ މާޗު މަހުގެ 31 ކުރިން މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ތިނަދޫން ބޮޑު ބިމެއް ހިއްކައިފަ އެވެ. އެ ރަށުގެ އުތުރު ފަރާތުން ހިއްކާފައިވާ އެ ބިމުން އަދި މިހާތަނަށް ގޯތި ދުލެއް ނުކުރެ އެވެ.

ތިނަދޫގެ އިރުމަތީފަރާތުގައި އިންޑަސްޓްރިއަލް ޒޯނެއް ހަދަން، މިހާރުގެ ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ މި މަޝްރޫއު އަށް 125 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އަދި އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ 1 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.