Roadha Mihaaru
ފްލެޓަށް އެދުނު މީހުންގެ މައުލޫމާތު ކަށަވަރު ނުކުރެވޭނެ

ފްލެޓަށް ކުރިމަތިލި މީހުންގެ ގެދޮރުގެ ތަނަވަސްކަމުގެ މައުލޫމާތު މިނިސްޓްރީން ބުނާ މުއްދަތުގައި ކަށަވަރެއް ނުކުރެވޭނެ: ކައުންސިލް

07 ފެބުރުއަރީ 2017

ގދ. ތިނަދޫގައި އަޅާފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންގެ ގޯތިގެދޮރުގެ ތަނަވަސްކަމުގެ މައުލޫމާތު ފުރިހަމަކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ބުނާ މުއްދަތުގައި ނުކުރެވޭނެ ކަމަށް ތިނަދޫ ކައުންސިލުން އެ މިނިސްޓްރީ އަށް އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގދ. ތިނަދޫގައި އަޅާފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންގެ ގޯތިގެދޮރުގެ ތަނަވަސްކަމުގެ މައުލޫމާތު ފުރިހަމަކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ބުނާ މުއްދަތުގައި ނުކުރެވޭނެ ކަމަށް ތިނަދޫ ކައުންސިލުން އެ މިނިސްޓްރީ އަށް އަންގައިފި އެވެ.

ތިނަދޫގައި އިމާރާތްކުރި 120 ހައުސިން ޔުނިޓަށް ކުރިމަތިލި މީހުންގެ ގޯތި ގެދޮރުގެ ތަނަވަސްކަމުގެ ހާލަތު ހިމެނޭ ފޯމް ފުރިހަމަ ކުރުމަށް ފަހު، މި މަހުގެ 28 ގެ ކުރިން ހައުސިން މިނިސްޓްރީއަށް ހުށަހަޅަން ވަނީ އަންގައިފަ އެވެ. ފޯމް ފުރިހަމަ ކުރަންޖެހެނީ ތިނަދޫ ކައުންސިލް މެދުވެރިކޮށެވެ.

ތިނަދޫގެ ކައުންސިލުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީގައިވަނީ ފްލެޓަށް ކުރިމަތިލި މީހުންގެ ގޯތި ގެދޮރުގެ ތަނަވަސްކަން ކަށަވަރު ކުރެވެން އަންނަނީ އެ މީހުންގެ ނުވަތަ އެ މީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މައިންބަފައިންގެ ނަމުގައި ގޯއްޗެއް ނެތްކަން ކަށަވަރު ކުރުމަށް ފަހު ކަމަށްވާއިރު، އެހާ ކުރު މުއްދަތެއްގައި ހުރިހާ އަތޮޅުތަކުން އެ މައުލޫމާތު ސާފެއް ނުކުރެވޭނެ އެވެ.

"މި އިދާރާ އަށް އެކަން ކަށަވަރުކޮށް ދެވޭނީ އެ ރަށްރަށުން ލިޔުމަކުން އެކަން ކަށަވަރުކޮށް ދިނުމުންނެވެ،" ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ސޮއިކުރެއްވި ސިޓީގައިވެ އެވެ.

މައުލޫމާތުތައް ސާފުކުރަން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށު ކައުންސިލްތަކަށް މިދިޔަ އަހަރު ވެސް ފޮނުވި އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ޖަވާބު ނުލިބޭ ކަމަށް ތިނަދޫ ކައުންސިލްގެ ސިޓީގައިވެ އެވެ. އަދި އެއަށް ޖަވާބު ދިނުން އަވަސްކޮށްދިނުމަށް އެދި މިދިޔަ މަހު އަނެއްކާވެސް ކައުންސިލްތަކުގައި އެދިފައިވާނެ ކަމަށް ސިޓީގައިވެ އެވެ.

ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ކުރާ ކަންކަމަށް ކައުންސިލުން އެއްބާރުލުން ދޭނެ ކަމަށާއި އެކަމަކު ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކުރާ ކަންކަމަށް އެއްބާރުލުން ނުދޭނެ ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެވެ.

ތިނަދޫގެ ފްލެޓްތަކަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ އަހަރު ހަމަވެފައިވާއިރު، 850 އަށް ވުރެ ގިނަ މީހުން ވަނީ ފޯމް ހުށަހަޅައިފަ އެެވެ.