Roadha Mihaaru
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ހަވާލުކޮށްފި

600 މިލިއަނެއްހާ ޑޮލަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް ތިނަދޫގައި ހަދަން ހަވާލުކޮށްފި

20 ފެބުރުއަރީ 2024

ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ތައިލެންޑުގެ ކުންފުންޏަކާ ސަރުކާރުން މިރޭ ހަވާލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު ގދ. ތިނަދޫން މާއިދާ މުހައްމަދު ރަޝާދު

ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ތައިލެންޑުގެ ކުންފުންޏަކާ ސަރުކާރުން މިރޭ ހަވާލުކޮށްފި އެވެ.

މި ރަށުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގަ އެވެ.

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓު ހެެދުމުގެ އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އެ މަސައްކަތް ހަވާލުކުރި ތައިލެންޑުގެ ޕޭން ޕެސިފިކްއާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގެވެ.

މިއީ 400-600 މިލިއަން ޑޮަލަރުގެ އިންވެސްޓްމަންޓެކެވެ.

ތިނަދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ހެދުމުގެ މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށާއި އެ ހުރިހާ ކަމެއް ކުރާނީ ސީދާ އިންވެސްޓަރު ކަމަށެވެ.

"އެހެންކަމުން މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގައި އިނޮވޭޓިވް ފައިނޭންސް މޮޑެލްތައް ގެންނަވަން ގެންގުޅުއްވާ އުސޫލުގެ ދަށުން ދައުލަތަށް ބުރަ ނުވާ ގޮތަށް ހިންގޭ ޕްރޮޖެކްޓެއް. އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޕްރޮޖެކްޓްތައް ހިންގަން ސަމާލުކަން ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ އެއްބަސްވުމުގެ ދަށުން ތިނަދޫ ފަޅުގައި އެއާޕޯޓު އެޅުމާ އެކު، ގދ. އަތޮޅުގައި ޓޫރިޒަމް ސިނާއަތާއި އެހެނިހެން އިގުތިސޯދީ ކަންކަމަށް ވެސް އިންވެސްޓްކުރުން ހިމެނެ އެވެ.

މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، ގދ. އަތޮޅުގައި މިވަގުތު ތިން އެއާޕޯޓެއް އޮތަސް މި އަތޮޅުގައި އޮތީ އެންމެ ތިން ރިސޯޓު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 552 އެނދު ކަމަށް ވިދާޅުވި އެވެ. އަދި މިއީ 116 އެނދުގެ 8 ގެސްޓް ހައުސް އޮންނަ އަތޮޅަކަށް ވިޔަސް މީހުން ދިރި ނޫޅޭ 133 ރަށް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއްތޮލިބު ވިދާޅުވި ގޮތުގައި ގދ. އަތޮޅުގައި ވަސީލަތްތައް ހުއްޓަސް އަތޮޅުން ތަރައްގީ ނުފެންނަނީ ސަރުކާރުތަކުން އަޅާ ނުލައި އޮތުމުންނެވެ. އެހެންވެ، އިތުރު އެއާޕޯޓެއް އެޅުމަކީ އަތޮޅުގެ ތަރައްގީއަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިނަދޫގައި އަޅާ އެއާޕޯޓު ވާނީ އެންމެ ބޮޑެތި ބޯޓުތައް ރަންވޭގައި ޖެއްސޭ ފަދަ އެއާޕޯޓަކަށް ކަމަށެވެ. އަދި އެތަނުގައި ފްލައިން ޕޫލަކާއި ކާގޯ ހިދުމަތް ދެވޭނެ ތަނަކާއި ފިއުލް ފާމެއް ވެސް ގާއިމު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބާއި ތައިލެންޑުގެ ޕޭން ޕެސިފިކްއާ ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގް މިރޭ ސޮއިކުރައްވަނީ

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބާއި ތައިލެންޑުގެ ޕޭން ޕެސިފިކްއާ ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގް މިރޭ ސޮއިކުރައްވަނީ

ގދ. އަތޮޅަކީ ބޮޑު އަތޮޅަކަށް ވާތީ ގެސްޓުން އުފުލުމަށް ސީޕްލޭން ހަބެއް ވެސް ގާއިމުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއާ އެމްބިއުލާންސް ހިދުމަތާއި ޑިކޯ ޗެމްބަރެއް ވެސް އެތަނުގައި ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންޓްރެކްޓަރު ވަނީ އެ ސަރަހައްދުގައި 12 ރިސޯޓު ތަަރައްގީ ކުރަން ވެސް ހުށަހަޅައިފަ އެވެ. އޭގެ ސަބަބުން އެތައް އެނދެއް އެތަނުގައި ގާއިމުކޮށް، ހުވަދު އަތޮޅަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް މިނިސްްޓަރު ވިދާޅުވި އެވެ.

"މިއާ އެކު މިތަނަށް ވަރަށް ގިނަ އެނދުތަކާއި ރިސޯޓުތައް އެބަ އާދޭ. މި ކޮންޓްރެކްޓާ އެކަނި ވެސް 12 ރިސޯޓެއް ތަަރައްގީ ކުރަން ހުށަހަޅާފައިވޭ. މިއީ 2،400 އަށް ވުރެ ގިނަ އެނދު. އެހެން ކަމުން މިއީ ހުވަދު އަތޮޅަށް ލިބޭ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު،" މުއްތޮލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގައި ރައްޔިތުން ބޭނުންވާ ތަރައްގީ ގދ. އަތޮޅަށް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ސަރުކާރުން ހަވާލުކުރިއިރު ،މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މި ރަށު ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގަތީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަދި ކެމްޕެއިނު ތެރޭގައި ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ތިނަދޫއާ ގާތްގަނޑަކަށް ހަތް ވަރަކަށް މިނެޓު ދުރުގައި އޮތް ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކޮށް، އެ ތަނާއި ތިނަދޫ ކޯޒްވޭ ބްރިޖަކުން ގުޅުވައިލުމަށެވެ.