Roadha Mihaaru
އިންވެސްޓަރުގެ ގާބިލްކަން ކަށަވަރުކުރާނަން: މިނިސްޓްރީ

ތިނަދޫ އެއާޕޯޓް ހަވާލުކުރާނީ އިންވެސްޓަރުގެ ގާބިލްކަން ކަށަވަރުކޮށްފައި: މިނިސްޓްރީ

22 ފެބުރުއަރީ 2024

ގދ. ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ އެމްއޯޔޫގައި ތައިލެންޑުގެ ކުންފުންޏާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވީ ނަމަވެސް ކޮންޓްރެކްޓް އެއްބަަސްވުމުގައި ސޮއިކުރާނީ އެ ކުންފުނީގެ ފަންނީ އަދި މާލީ ގާބިލްކަން ކަށަވަރުކުރުމަށް ފަހު ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ގދ. ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ އެމްއޯޔޫގައި ތައިލެންޑުގެ ކުންފުންޏާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވީ ނަމަވެސް ކޮންޓްރެކްޓް އެއްބަަސްވުމުގައި ސޮއިކުރާނީ އެ ކުންފުނީގެ ފަންނީ އަދި މާލީ ގާބިލްކަން ކަށަވަރުކުރުމަށް ފަހު ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް ހެދުމުގެ އެމްއޯޔޫއެއްގައި ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެކު ދިވެހި ސަރުކާރުން ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތިނަދު އަށް ކުރެއްވި ދަތުރުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭގަ އެވެ. ސަރުކާރުގެ ފަރާތުން، 600 އެއްހާ މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ތައިލެންޑު ކުންފުނިން ސޮއިކުރެއްވީ ސީއީއޯ ޒިރާޓް ޕެތުނުންތަވޮންގެވެ.

ނަމަވެސް، މިހާ ބޮޑު މަޝްރޫއެއް ހަވާލުކުރި ޕޭން ޕެސިފިކް ކުންފުނީގެ ގާބިލްކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރޭޝަނުން ފެންނަން އޮތީ އެއީ ހޯލްސޭލްކޮށް އަންނައުނުގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށެވެ. އެ ކުންފުނީގެ ވެބްސައިޓެއް، ޕްރޮފައިލެއް އާންމުކޮށް ފެންނަން ނެތް އިރު އެއްބަސްވުމުގައި ސޮއިކުރި ޒިރާޓް އަކީ ކުންފުނީގެ ވެރިއެއް ކަމަށް އެނގޭ މައުލޫމާތެއް ވެސް އާންމުކޮށް ފެންނާކަށް ނެތެވެ.

އަދި، އެ ކުންފުނިން މިހާތަނަށް މިފަދަ ބޮޑު މަޝްރޫއެއް ހިންގި ކަމުގެ މައުލޫމާތު ވެސް ފެންނާކަށް ނެތެވެ. އެހެންވެ، ޕޭން ޕެސިފިކް ކުންފުނީގެ ފަންނީ ތަޖުރިބާއާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

އެކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުންޏާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ މަޝްރޫއު ކުރިއަށް ގެންދަން އެކުލަވައިލެވޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ބެލުމަށް އިކޮނޮމިކް ކައުންސިލުން ފާސްކޮށްގެން ކަމަށެވެ.

"މި މަޝްރޫއުގެ ކޮންޓްރެކްޓަރުގައި ސޮއި ކުރެވޭނީ ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރުކުރުމަށް ފަހު، ބަލަން ޖެހޭ އެންމެހައި ކަންތައްތައް ބަލައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް: މި ތަން ހެދުމަށް ހަވާލުކުރީ ތައިލެންޑުގެ ކުންފުންޏަކާ.

ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް: މި ތަން ހެދުމަށް ހަވާލުކުރީ ތައިލެންޑުގެ ކުންފުންޏަކާ.

އެ ބަޔާނުގައިވާ ގޮތުން ޕޭން ޕެސިފިކް ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ހަތަރު ކިލޯމީޓަރުގެ ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޕަސެންޖާ އަދި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ގާއިމް ކުރާށެވެ. އަދި މަތީ ފަންތީ ރިސޯޓާއި ޔޮޓް މެރީނާއަކާއި ފްލައިން ސްކޫލެއް އެޅުމަށް ވެސް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ހެދުމުގެ މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ އެވެ. އެ ހުރިހާ ކަމެއް ކުރާނީ ސީދާ އިންވެސްޓަރު ކަމަށާއި އަދި އެކަމުގެ ބަދަލެއްގެ ގޮތުން، ރިސޯޓު ތަރައްގީކުރަން 12 ރަށް ދިނުމަށް އެ ފަރާތުން ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބު "މިހާރު" އަށް އިއްޔެ ވިދާޅުވީ ސޮއިކުރީ އެއާޕޯޓު ތަރައްގީކުރުމުގެ އަންޑަސްޓޭންޑިންގައި އެކަނި ކަމަށެވެ. އިތުރު އެހެން ކަމަކަށް ވެސް އެއްބަސްނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ 12 ރަށެއް ދިނުމުގެ ބަދަލުގައި، ސަރުކާރުން ކޮންޓްރެކްޓާ ނެގޯސިއޭޝަންގެ ތެރެއަށް ދާން ވެގެން އެ ބޭފުޅުންނާ އެކު އެމްއޯޔޫއަކަށް ދާން ސޮއިކުރީ. ސޮއިކުރާއިރު، އެއްބަސްވާ ކަންތައްތަކެއް ހުންނާނެ. މި ވަގުތަށް އޮތް ހުށަހެޅުމެއް 12 ރަށެއްގައި 2،400 އެނދު ކްރިއޭޓްކުރުން އެއާޕޯޓު މި ކޮޅުގައި ފީސިބުލް ކުރުން." މުއްތަލިބު ވިދާޅުވި އެވެ.

"އެއްވެސް އެއްޗެއް ދޭކަށް ނިންމީކީ ނޫން. އަންޑަސްޓޭންޑިންނަކަށް މި ދިޔައީ އެ ބޭފުޅުންގެ އިނީޝަލް ޕްރޮޕޯޒަލް އެއީ އަޅުގަނޑުމެންނަށް ވެސް އެޓްރެކްޓިވް އެއްޗަކަށް ވާތީ އޭގެ ނެގޯސިއޭޝަނަކަށް ދާން. އެކަން ކުރެވެނީ ގާނޫނާއި ގަވައިދުގެ ތެރެއިން."

މިނިސްޓަރު ވިދާޅުވީ ރިސޯޓު ތަރައްގީކުރަން ރަށްތައް ދިނަސް، އެކަން ކުރާނީ ދައުލަތަށް ޓެކްސް އަދި ކުލި ލިބޭ ގޮތަށެވެ. އެކަމުގައި ދެން އޮންނާނީ ކްރޮސް ސަބްސިޑީގެ ގޮތުން އެ ރަށްތައް ދިނުމުގައި އިކުއިޒިޝަން ކޮސްޓް ވެލިއުކުރާނެ ގޮތަކާ ގުޅޭގޮތުން ގޮތެއް ނިންމުމެވެ.