Roadha Mihaaru

ޕެލެސް ބަލިކޮށް ލެސްޓާ ލީޑު ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސް އަތުން 2-1 އިން މޮޅުވެ، ތާވަލްގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީން ލީޑު ދަމަހައްޓައިފި އެވެ.

ޕެލެސް ބަލިކޮށް ލެސްޓާ ލީޑު ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސް އަތުން 2-1 އިން މޮޅުވެ، ތާވަލްގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީން ލީޑު ދަމަހައްޓައިފި އެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި ޕެލެސް އިން ލީޑު ނެގީ ވިލްފްރެޑް ޒަހާ ޖެހި ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅު ލެސްޓާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ޓިމޮތީ ކަސްޓާންޔޭ ޖެހި ލަނޑުންނެވެ.

ލެސްޓާ މެޗުން މޮޅުވީ 80 ވަނަ މިނިޓުގައި ކެލޭޗީ އިއަނާޗޯ ޖެހި ލަނޑުންނެވެ. މިއީ އެންމެ ފަހުން ލެސްޓާ އަށް ކުޅުނު 9 މެޗުގައި، އިއަނާޗޯ ޖެހި 12 ވަނަ ލަނޑެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ލެސްޓާ ތިން ވަނައިގައި އޮތީ 62 ޕޮއިންޓާއެކު އެވެ. ލީގުގެ ފަސް ވަނައިގައި އޮތް ވެސްޓް ހޭމާއި ލެސްޓާއާދެމެދު މިހާރު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ލީގުގައި މި ދެ ޓީމަށް ބާކީ ދެން އޮތީ ފަސް މެޗެވެ.

މިދިޔަ ސީޒަންގައި ވެސް ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ލެސްޓާ އިން ވާދަކުރި އެވެ. އެކަމަކު ސީޒަންގެ ފަހުކޮޅުގައި، ލެސްޓާގެ ފޯމު ދަށްވެ، އެ ޓީމަށް ގަދަ ހަތަރަކުން ޖާގައެއް ނުލިބުނެވެ.

ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ މިދިޔަ ސީޒަންގައި ދިމާވި ކަންތައްތައް މަތިން ހަނދާން ނައްތާލައި، މި ސީޒަނަށް ލެސްޓާ އިން ނުކުތީ އާ އަޒުމެއްގައި ކަމަށެވެ.

"އަހަރެން ސީޒަން ފެށުމުގެ ކުރިން ވެސް ކުޅުންތެރިންނާ ވާހަކަދެއްކިން. މިދިޔަ ސީޒަންގެ ނަތީޖާ މިހާރު އޮތީ މާޒީގައި. މިދިޔަ ސީޒަންގެ ނަތީޖާގެ މަތިން ކުޅުންތެރިން ހަނދާން ނެތްކަން ނަތީޖާތަކުން އެބަފެނޭ،" ރޮޖާސް ބުންޏެވެ. -- އޭއެފްޕީ