Roadha Mihaaru
ދުވާލަކު 40 ސިނގިރޭޓް ބުއި ކުއްޖާ މިހާރު ކޮބާ؟

ދުވާލަކު 40 ސިނގިރޭޓް ބުއި ކުއްޖާ މިހާރު ކޮބާ؟

17 ނޮވެމްބަރ 2016

އިންޑޮނީޝިއާގެ އަރްދީ ރިޒާލްގެ ވާހަކަ 2010 ގައި މުޅި ދުނިޔެއަށް ފެތުރިގެން ދިއުމުން ގިނަ ބަޔަކަށް ލިބުނީ ޝޮކެކެވެ. އޭރު މި ކުޑަކުޑަ ފިރިހެން ކުއްޖާގެ އުމުރުން އެންމެ ދެ އަހަރު ނަމަވެސް އޭރުވެސް އޭނާ ދުވާލަކު 40 ސިނގިރޭޓް ބޮއެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑޮނީޝިއާގެ އަރްދީ ރިޒާލްގެ ވާހަކަ 2010 ގައި މުޅި ދުނިޔެއަށް ފެތުރިގެން ދިއުމުން ގިނަ ބަޔަކަށް ލިބުނީ ޝޮކެކެވެ. އޭރު މި ކުޑަކުޑަ ފިރިހެން ކުއްޖާގެ އުމުރުން އެންމެ ދެ އަހަރު ނަމަވެސް އޭރުވެސް އޭނާ ދުވާލަކު 40 ސިނގިރޭޓް ބޮއެވެ.

އެދުވަސްވަރު އަރްދީ ސިނގިރޭޓަކަށް ފަހު ސިނގިރޭޓެއް ބޯ މަންޒަރުގެ ވީޑިއޯތަކެއް ވެސް ދައުރުވި އެވެ. މި ވީޑިއޯތައް ބަލާފައި ގިނަ ބަޔަކު އިންތިހާއަށް ރުޅި އައެވެ. މިހާ ތުއްތު ކުއްޖަކަށް ސިނގިރޭޓް ބޯން ދޭތީ އޭނާގެ މައިންބަފައިންނަށް ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އެވެ.

ފަހުން ހާމަވި ގޮތުގައި އަރްދީ އެންމެ ފުރަތަމަ ސިނގިރޭޓެއް ބުއީ އޭނާގެ އުމުރުން އެންމެ 18 މަހުގަ އެވެ. މިހާ ތުއްތު ކުއްޖަކަށް ސިނގިރޭޓް ދިނުމުގައި އޭނާގެ މައިންބަފައިން ދެއްކީ ތާކުންތާކު ޖެހޭ ވާހަކައެއް ވެސް ނޫނެވެ.

އަރްދީގެ މަންމަ ޑައީން ބުނެފައި ވަނީ އަރްދީ އަށް ސިނގިރޭޓް ނުދީފި ނަމަ ރުޅިގަދައައިސްގެން ހަޅޭއްލަވައި ފާރުގައި އަމިއްލައަށް ބޯ ތަޅާ ކަމަށެވެ. އަދި ބޯ އެނބުރުން ފަދަ އުނދަގޫތަކާ ކުރިމަތިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަރްދީގެ ބައްޕަ މުހައްމަދު ބުނަނީ އޭނާގެ ދަރިފުޅު ހުންނަނީ ބަލާބެލުމަށް ވަރަށް ސިއްހަތު ރަނގަޅުކޮށް ކަމަށާއި އެހެންކަމުން އެކުއްޖާ އެހާ ބޯހިތްވާ އެއްޗެއް ދިނުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

އަރްދީ ފަލަ އިރުގެ ފޮޓޯއެއް (ވ) އަދި މިހާރުގެ ސިފަ

އަރްދީ ފަލަ އިރުގެ ފޮޓޯއެއް (ވ) އަދި މިހާރުގެ ސިފަ

ނަމަވެސް މި ކުއްޖާ ސިނގިރޭޓް ބޯ މަންޒަރުފެނިފައި އާއްމުންތައް ރުޅިގަދަވުމުން އަރްދީގެ މަންމަ އާއި ބައްޕަ އެ ކުއްޖާގެ އާދަ ކެނޑުވޭތޯ އުޅުނެވެ. އެކަމަކު ކާމިޔާބެއް ނުވި އެވެ. އެންމެފަހުން އަރްދީގެ ވާހަކަ މުޅި ދުނިޔެއަށް ފެތުރުނެވެ. އެހެންވެ އިންޑޮނީޝިއާ ސަރުކާރުން މި މައްސަލައިގެ ތެރެއަށް ވަނީ އެވެ. އަދި އަރްދީގެ މި ނުރަނގަޅު އާދަ ފިލުވާލަން ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ސަރުކާރުން ބައިވެރިކުރި އެވެ.

އޭގެ ފަހުން އިންޑޮނީޝިއާ ސަރުކާރުން ވަނީ ކުޑަކުދިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެ ގައުމުގެ ހުރިހާ ހިސާބުތަކެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޮޑު ކެމްޕޭނެއް ހިންގާފަ އެވެ.

އަރްދީ ސިނގިރޭޓަށް ދެވި ހިފީ ވަރަށް ހަގު އުމުރެއްގައި ކަމަށް ވުމުން އޭނާގެ މި އާދަ ފިލުވާލުންވީ ވަރަށް ގޮންޖެހުން ބޮޑު ކަމަކަށެވެ.

އަރާދީ ދެ އަހަރުގައި (ވ) އަދި ޖަންކް ފުޑް ކައިގެން ފަލަވެފައި އަދި މިހާރު އޭނާގެ ސިފަ ހުންނަ ގޮތް

އަރާދީ ދެ އަހަރުގައި (ވ) އަދި ޖަންކް ފުޑް ކައިގެން ފަލަވެފައި އަދި މިހާރު އޭނާގެ ސިފަ ހުންނަ ގޮތް

ވަކި ހިސާބަކުން އަރްދީއަށް ދެން ދިމާވާން ފެށި މައްސަލައަކީ މާ ގިނައިން ކާހިތްވާން ފެށުމެވެ. ޚާއްސަކޮށް ޖަންކް ފުޑަށް އޭނާ ދެވި ހިފި އެވެ. ސިނގިރޭޓް ބޯން ހިތް އެދޭ ކޮންމެ ފަހަރަކު އެކަން ހަނދާން ނައްތާލަން އަރްދީ އަށް ގިނަ އަދަދެއްގެ ޖަންކް ފުޑް ކާން ދޭން ޖެހުނެވެ.

ދުވަސްކޮޅެއް ނުވެ އަމިއްލައަށް ހިނގާބިނގާވެ ނޫޅެވޭ ވަރަށް އަރްދީ ފަލަވި އެވެ. އެހެންކަމުން ކެއުމަށް ހިފާފައިވާ ދެވި ފިލުވާލަން އަނެއްކާ އިތުރު ފަރުވާތަކެއް އަރްދީ އަށް ދޭން ޖެހުނެވެ.

އެންމެ ފަހުން އަރްދީގެ ކިބައިގައިވާ ހުރިހާ ވައްތަރެއްގެ އެޑިކްޝަންތަކެއް ފިލުވަދިނުމަށް އެހީތެރިވީ އިންޑޮނީޝިޔާގެ ސައިކޭޓްރިސްޓެއް ކަމަށްވާ ޑރ. ކޭކް ސެޓޯ އެވެ.

ކުޅުމުގެ ތެރެއިން ފަރުވާ ލިބޭ ކަހަލަ ސެޝަންތަކެއް ޑރ. ސެޓޯ އަރްދީއަށް ހަމަޖައްސައިދިނެވެ. މިކަމުގެ ސަބަބުން ސިނގިރޭޓް މަތިން މުޅިން ހަނދާން ނައްތާލުމަށާއި އެފަދަ ކަމަކަށް ފަހުން ހިތް ނުކިޔާނެގޮތް ހެދުމަށް އެހީއަކަށް ވި އެވެ. އަދި ސިއްހަތަށް ފައިދާ ހުރި ކާނާ އަރްދީއަށް ދިނުމަށް ޚާއްސަ ނިއުޓްރިޝަނިސްޓަކު ވެސް އައްޔަން ކޮށްފައިވެ އެވެ.

މިހާރު އަރްދީ އަކީ ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން ހުއްޓާލައި ފައިދާހުރި ކާނާ ކައިގެން އުޅޭ ކުރިއާ އަޅާބަލާއިރު ސިފައަށް ވެސް އެކަށީގެންވާ ރަނގަޅު ބަދަލެއް އައިސްފައިވާ ކުއްޖެކެވެ.