Roadha Mihaaru
އުމުރުން 2 އަހަރު، ދުވާލަކަށް 40 ސިނގިރެޓް

އުމުރުން 2 އަހަރު، ދުވާލަކަށް 40 ސިނގިރެޓް

23 އޯގަސްޓް 2018

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މުޅި ދުނިޔެ މަސައްކަތް ކުރަމުން އަންނަ އިރު އިންޑޮނީޝިއާގައި މިކަމާ ގުޅޭ ހިތާމަވެރި މަންޒަރުތައް ފެނުން އާންމެވެ. ވަރަށް ކުޑަ ކުދިން އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލުކޮށް އެޔަށް ދެވި ހިފާފައިވާ ކަމުގެ ރިޕޯޓްތައް ދޭތެރެދޭތެރެއިން އާދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މުޅި ދުނިޔެ މަސައްކަތް ކުރަމުން އަންނަ އިރު އިންޑޮނީޝިއާގައި މިކަމާ ގުޅޭ ހިތާމަވެރި މަންޒަރުތައް ފެނުން އާންމެވެ. ވަރަށް ކުޑަ ކުދިން އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލުކޮށް އެޔަށް ދެވި ހިފާފައިވާ ކަމުގެ ރިޕޯޓްތައް ދޭތެރެދޭތެރެއިން އާދެ އެވެ.

މިފަހަރު ދެ އަހަރުގެ ކުއްޖެއްގެ ވާހަކަ އެވެ.

އާއިލާ އިން ބުނި ގޮތުގައި ރަޕީ ޕަމުންކަސް އަކީ ދުވާލެއްގެ މައްޗަށް މަދުވެގެން 40 ސިނގިރެޓް ބޯ ކުއްޖެކެވެ. އެއީ ދުވާލަކު ދެ ފޮށްޓެވެ.

ދަރިފުޅުގެ މި ގޯސް އާދައާ ބެހޭ ގޮތުން އާއިލާ އިން ބުނީ ރަޕީ ދުންފަތުގެ އިސްތިއުމާލު ކުރަން ފެށީ އޭނާގެ މަންމަ މަރިއާތީ، ސުކަބޫމީ ސިޓީގައި ހިންގާ ކުޑަކުޑަ ފިހާރައެއްގެ ކައިރީގައި އިންނަ އިރު، މަގުމަތިން ފެންނަ ސިނގިރެޓް ބުރި ހޮވައިގެން ބޯން އާދަވުމާ ގުޅިގެން ކަމަށެވެ.

"އޭނަ އެގޮތަށް ސިނގިރެޓް ބޯތަން ފެނުނީމަ ބައެއް މީހުން ފަހުން ދޭން ފެށީމަ، ހަމަ އެއްގޮތަކަށް ވެސް ނުހުއްޓޭ ވަރަށް ދެވިހިފީ،" މަރިއާތީ ބުންޏެވެ. "އަނެއްކާ މިކަން ބައެއް މީހުންނަށް މަޖާ ކަމަކަށްވެގެން އޭނާ އަށް ސިނގިރޭޓް ދީ ހެދުމަކީ މިހާރު އާންމު ކަމެއް."

ރަޕީ ސިނގިރެޓް ބޯ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް އިންޓަނެޓްގައި ވަރަށް ބޮޑަށް ދައުރުވެފައިވެ އެވެ. އަދި އެހާ ކުޑަ ކުއްޖަކު ދުންފަތުގެ އިސްތިއުމާލު ކުރަން ދޫކޮށްލައިފައިވާތީ ރަޕީގެ މައިންބަފައިންނަށް ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑު ވެސް ކިޔާފައިވެ އެވެ.

މަރިއާތީ ބުނި ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް ދަރިފުޅަށް ދެ ފޮށި ސިނގިރެޓް ގަނެދޭން ޖެހެ އެވެ. އަދި އެއީ ހިތާ ދެކޮޅަށް ކުރާ ކަމެއް ކަމަށް ބުންޏެވެ.

"ސިނގިރެޓް ނުބޮންޏާ މިހާރު އޭނައަކަށް ނުވެސް ނިދޭ. އަނެއްކާ ނުދޭން އުޅެފި ނަމަ ރޮއި، އެހާ ވަރަށް އުނދަގޫ ކުރާނެ،" މަރިޔާތީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދަރިފުޅު ދުންފަތުގެ ޝިކާރައަކަށްވުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ. އެހެންވެ ޑޮކްޓަރަކަށް ދައްކައިގެން އެކަމުން ރަޕީ ދުރު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް މަރިއާތީ ބުންޏެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޑޮނީޝިއާއަކީ އެންމެ ގަދަ އަށް ދުންފަތުގެ އިސްތިއުމާލުކުރާ އެއް ގައުމެވެ. އަދި އެ ގައުމުގެ 18 އަހަރުން ދަށުގެ 9 ޕަސަންޓް ކުދިންނަކީ ދުންފަތުގެ ޝިކާރައަށްވެފައިވާ ކުދިންނެވެ.

ދެހާސް ދިހައެއްގައި ވެސް، އިންޑޮނީޝިއާގައި ދުންފަތުގެ އިސްތިއުމާކުރާ ދެ އަހަރުގެ ކުއްޖެއްގެ ވާހަކަ މީޑިއާތަކުގައި ވަރަށް ގަދައަށް ދެކެވުނެވެ. އެއީ މިހާރު އުމުރުން 10 އަހަރުގެ އާދީ ރިޒާލް އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ކުއްޖާ މިހާރު ވަނީ ދުންފަތުގެ ވަބާއިން ސަލާމަތްވެފަ އެވެ.