Roadha Mihaaru
އެއް ގައުމަކަށް ބަރޯސާވުން ހުއްޓާލަން ޖެހިފައި!

އެއް ގައުމަކަށް ބަރޯސާވުން ހުއްޓާލަން ވެއްޖެ، އެހެން ނޫނީ ނަތީޖާ ވަރަށް ގޯސްވެދާނެ!

26 އެޕްރީލް 2021

ކޮވިޑްގެ ނުރައްކާ މާލެއަށް ފޯރާއި ލޮކްޑައުން ކުރަން އުޅުނު ވަގުތު ގިނަ ބަޔަކު ދުއްވައިގަތީ އެސްޓީއޯއަށް ކާޑުގެ ބާވަތްތައް ގަނެ، ގޭގައި ރައްކާ ކުރާށެވެ. ބިރު ނުގަންނާންވީ ސަބަބެއް ވެސް ނެތެވެ. ރާއްޖެއަކީ ކާބޯތަކެއްޗަށް 100 ޕަސެންޓް ބޭރު ގައުމުތަކަށް ބަރޯސާވެފައިވާ ގައުމެކެވެ. އަމިއްލަ ބައެއް ތަކެތި އުފެއްދި ނަމަވެސް ފަސް ލައްކަ މީހުންގެ އާބާދީ އަށް ބޭނުންވާ މިންވަރަށް އެއްވެސް ކާބޯއެއްޗެއް ރާއްޖޭގައި ނުއުފައްދަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑްގެ ނުރައްކާ މާލެއަށް ފޯރާއި ލޮކްޑައުން ކުރަން އުޅުނު ވަގުތު ގިނަ ބަޔަކު ދުއްވައިގަތީ އެސްޓީއޯއަށް ކާޑުގެ ބާވަތްތައް ގަނެ، ގޭގައި ރައްކާ ކުރާށެވެ. ބިރު ނުގަންނާންވީ ސަބަބެއް ވެސް ނެތެވެ. ރާއްޖެއަކީ ކާބޯތަކެއްޗަށް 100 ޕަސެންޓް ބޭރު ގައުމުތަކަށް ބަރޯސާވެފައިވާ ގައުމެކެވެ. އަމިއްލަ ބައެއް ތަކެތި އުފެއްދި ނަމަވެސް ފަސް ލައްކަ މީހުންގެ އާބާދީ އަށް ބޭނުންވާ މިންވަރަށް އެއްވެސް ކާބޯއެއްޗެއް ރާއްޖޭގައި ނުއުފައްދަ އެވެ.

ދިވެހިން ކާން ބޭނުން ކުރާ އެންމެ ޒަރޫރީ ތަކެތި ވެސް ގެންނަނީ ބޭރުގެ އެކި ގައުމުތަކުންނެވެ. މިގޮތަށް އެންމެ ގިނައިން ޒަރޫރީ ކާބޯތަކެތި ގެންނަ ގައުމަކީ އިންޑިއާ އެވެ. ވަކި ގައުމަކަށް ކާބޯތަކެތި ގެނައުމަކީ ބަރޯސާވުމަކީ އެތައް ގޮތަކުން ބޮޑު ރިސްކެއް އޮތް ކަމެކެވެ.

ކަސްޓަމްސް ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ތިން އަހަރު ރާއްޖެ އަށް އެތެރެކުރި 96 ޕަސެންޓް ހަޑުލުގެ ބާވަތްތައް އެތެރެކުރީ އިންޑިއާ އިންނެވެ. އިންޑިއާއިން ކޮންމެ އަހަރަކުހެން 25،000 ޓަނުގެ ހަޑޫ ރާއްޖެ އަށް އެތެރެކުރި އެވެ. ލިސްޓުގެ ދެން އުޅޭ ގައުމުތަކުން ރާއްޖެއަށް އެތެރެކުރަނީ ވަރަށް ވެސް މަދު އަދަދެކެވެ. ހަޑުލަކީ ދިވެހިންގެ ކެޔުމުގައި ކޮންމެ ދުވަހަކުހެން ބޭނުން ކުރާ ބާވަތަކަށް ވާ އިރު މިފަދަ ބާވަތެއް އެއް ގައުމަކުން ގެނައުމަކީ ބޮޑު މައްސަލައެއް ކަމަށް ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވެ އެވެ.

"މާދަން ވެސް ދިވެހިން ބަނޑަށް ޖެހިދާނެ. މިއީ ވަރަށް ބޮޑަށް ވިސްނުން ބަދަލުކުރަން ވެއްޖެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ ކާޑު ގުދަނުގައި ބަޔަކު ކާޑު ބަސްތާތަކެއް އުފުލަނީ، --. ފޮޓޯ: ނިޝާން އަލީ/މިހާރު

އެސްޓީއޯގެ ކާޑު ގުދަނުގައި ބަޔަކު ކާޑު ބަސްތާތަކެއް އުފުލަނީ، --. ފޮޓޯ: ނިޝާން އަލީ/މިހާރު

ފަޒީލު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި "ފުޑް ސެކިއުރިޓީ"އެއް ގާއިމްކުރަން ދެ ގޮތަކަށް މަސައްކަތް ކުރެވިދާނެ އެވެ. އެއް ގޮތަކީ އެއް ގައުމަކަށް މިހާބޮޑަށް ބަރޯސާނުވެ، ގިނަ ގައުމުތަކަކުން ކާބޯތަކެތި ގެނެވޭނެ ގޮޮތްތަކެއް ހޯދުމެވެ.

"އިންޑޮނޭޝިއާ ފަދަ ގައުމުތަކަކީ ވެސް ހަނޑޫ ލިބޭ ގައުމުތައް. އެފަދަ ގައުމުތަކުން ވެސް ހަނޑޫ ގެނެވިދާނެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ފުއް ފިޔަވައި ހަނޑުލާއި ހަކުރާއި ފިޔާ އާއި އަލުވި ވެސް އެންމެ ގިނައިން ރާއްޖެ އަށް އެތެރެކުރީ އިންޑިއާއިންނެވެ. ތުރުކީއަކީ ރާއްޖެ އަށް ފުށް ގިނަ އަދަދަކަށް އެތެރެ ކުރަމުން އައި ގައުމެއް ނަމަވެސް އެކަން ވެސް މިދިޔަ ދެ އަހަރު ވަނީ ބަދަލުވެފަ އެވެ.

ފަޒީލުގެ ކަންބޮޑުވުން އޮތް އަނެއް ކަމަކީ ރާއްޖޭގެ ކާބޯތަކެތި އެތެރެކުރުމުގައި ވަކި ގައުމެއް ޑޮމިނޭޓް ކުރާ ނަމަ ރާއްޖޭގެ އިގްތިސާދީ ކަންކަން ކޮންޓްރޯލު ކުރުމަށް ފުރުސަތު ލިބުމެވެ. އޭނާ ވިދާޅުވީ، ކާބޯތަކެތީގެ އިތުރުން ކުރިން ކޮންސްޓްރަކްޝަން ސާމާނު އެތެރެ ކުރުމުގައި ވެސް އިންޑިއާ އަށް ރާއްޖެއިން ވަރަށް ބޮޑަށް ބަރޯސާވި ނަމަވެސް، ދޭތެރެ ދޭތެރެއިން އެ ގައުމުން ތަކެތި ހޯދަން އުނދަގޫވާ ކަމަށެވެ. މިހެން ވުމުގެ ސަބަބުން ކޮންސްޓްރަކްޝަން މަސައްކަތް އަވަސް ސްޕީޑުގައި ގެންދަން އުނދަގޫވި އެވެ.

"މިކަން ބަދަލުކުރީ ޕްރައިވެޓް ސެކްޓަރުން ކުރި މަސައްކަތުން. މިހާރު އިންޑިއާގެ އިތުރަށް ވަރަށް ގިނަ ގައުމުތަކުން ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރޭ،" އޭނާ ވިދާޅުވި އެވެ.

ކާބޯތަކެތި އެންމެ ގިނައިން އެތެރެ ކުރާ ގައުމުތަކުގެ ލިސްޓު

ކާބޯތަކެތި އެންމެ ގިނައިން އެތެރެ ކުރާ ގައުމުތަކުގެ ލިސްޓު

ކޮވިޑްގެ ހާލަތުގައި ވެސް ފެންނަނީ މި މަންޒަރު

ރާއްޖެއިން ކާބޯތަކެތި ގެނައުމުގައި އިންޑިއާ އަށް ބަރޯސާވެފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ގައުމެއްގެ ފުޓް ސެކިއުރިޓީއެއް ނެތި އެއް ގައުމަކަށް އެހާ ބޮޑަށް ބަރޯސާ ވެފައި އޮތުމުން، ދެ ގައުމުގެ ދެމެދުގައި ހިޔާލުތަފާތުވުން އުފެދޭ ދަނޑިވަޅުތަކުގަ އާއި ގުދުރަތީ ގޮތުން ދިމާވާ ކާރިސާތަކުގަ އާއި އިގްތިސާދީ ކާރިސާއެއްގައި ވެސް އޭގެ އުނދަގޫތައް ފޯރަ އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު މިހާރު އިންތިހާ އަށް ގޯސްވެފައިވާ މި ދުވަސްވަރު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އަށް ވަޑައިގެން ކާބޯތަކެތި ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ހޯއްދަވައިފަ އެވެ. ފަޒީލް ވިދާޅުވީ، މިއީ ހަމަ އެކަނި އާންމުންގެ މެދުގައި އޮތް ބިރުވެރިކަމެއް އެކަނި ނޫން ކަން މިދިޔަ ހަފްތާގައި ޝާހިދު ކުރެއްވި ދަތުރުން ވެސް ސާފުވާ ކަމަށެވެ.

ފުއް ބަސްތާތަކެއް އަރުވަނީ: އެއް ގައުމަކަށް ބަރޯސާ ވުމަކީ މިނިވަން އިގްތިސާދެެއްގައި ކޮށްގެން ވާނެ ކަމެއް ނޫން -- ފައިލް ފޮޓޯ: މިހާރު

ފުއް ބަސްތާތަކެއް އަރުވަނީ: އެއް ގައުމަކަށް ބަރޯސާ ވުމަކީ މިނިވަން އިގްތިސާދެެއްގައި ކޮށްގެން ވާނެ ކަމެއް ނޫން -- ފައިލް ފޮޓޯ: މިހާރު

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަރު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، އިންޑިއާގައި ކޮވިޑްގެ ހާލަތު ބޮއްސުންލާފައި އޮތް އިރު ވެސް އެކަމުގައި ފިޔަވަޅެއް އެޅުމަށް ރާއްޖެއިން ޖެހިލުން ވެގެން އުޅެނީ ވެސް މިފަދަ ޒަރޫރީ ކަންކަމުގައި އިންޑިއާ އަށް ބަރޯސާވެފައި އޮތްލެއް ބޮޑުކަމުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް މި އެނގެނީ މިޑްލް އީސްޓަށް އިންޑިއާއިން ދާ އެންމެން ވެސް ކަރަންޓީނުގެ މުއްދަތު ހަމަ ކުރަން މި ތިބެނީ ރާއްޖޭގައިކަން. އެހެންވީމަ އގްތިސާދީ ކަންކަމުގައި މާބޮޑަށް ބަރޯސާވުމުގެ ސަބަބުން ބައިލެޓްރަލް ކަންކަމުގައި ވެސް ގޮތް ނިންމަން ދަތިވެގެން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ދަނޑުވެރިކަން ފުޅާ ކުރަންވީ

ރާއްޖެއަކީ ނިސްބަތުން ބިން މަދު ގައުމެކެވެ. އަދި ހާއްސަކޮށް ދަނޑުވެރިކަން ކުރެވޭނެ ފަދަ ބިންތައް ގުދުރަތީ ގޮތުން އޮތީ މަދު ރަށެއްގަ އެވެ. އެހެން ނަމަވެސް ރާއްޖޭގައި ވެސް ހެއްދޭނެ އެތައް ބާވަތެއްގެ ކާބޯތަކެތި އެބަ ހުއްޓެވެ. މިފަދަ ތަކެތި ބަލައި އެފަދަ ތަކެތި އުފެއްދުމަށް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށް ފަޒީލް ވިދާޅުވި އެވެ.

މި ސަރުކާރުން ވެސް ވަނީ ދަނޑުވެރިކަން ފުޅާ ކުރުމުގެ ގޮތުން އެކަމަށް ހާއްސަ ކުންފުންޏެއް އުފައްދާފަ އެވެ. އެގްރޯނެޓްގެ މަސައްކަތްތަކުން ވެސް ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރަން އިތުރު ފުރުސަތު ލިބޭނެ އެވެ. މިވަގުތު ވެސް 1،500 ދަނޑުވެރިން ވަނީ އެ ކުންފުނީގައި ރަޖިސްޓްރީވެ ކޮންޓްރެކްޓް އުސޫލުން ދަނޑުވެރިކަން ކުރަމުންނެވެ.

"އޮޅު އަލަ ފަދަ ތަކެއްޗަކީ ދެކުނުގެ އަތޮޅުގައި ވަރަށް ބޮޑަށް އުފެއްދޭނެ ތަކެތި. މިފަދަ ބާވަތްތައް ބަލާއި ފަޅު ރަށްތައް ވެސް ދަނޑުވެރިކަމަށް ހާއްސަކުރަންވީ،" ފަޒީލް ވިދާޅުވި އެވެ.

އިންޑިއާ އަކީ އަބަދު ވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. ވަރަށް ގިނަ އެހީތައް މި ކޮވިޑްގެ ތެރޭގައި ވެސް ވެއްޖެ އެވެ. އެކަމަކު، އިގްްތިސާދީ މާހިރުން ކުރައްވާ ސުވާލަކީ މި އެވެ؛ ބޮޑު ކާރިސާއެއް އެ ގައުމަށް ކުރިމަތިވެއްޖެ ނަމަ އަޅުގަނޑުމެންގެ ބެކަޕަކީ ކޮބައިހެއްޔޭ އެވެ؟ އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ކިތަންމެ ހެވަސް، އަދި ކަންކަން ބަރާބަރަށް ކޮށްދިނަސް، ކަމެއް ލައިގަންނާނީ ބުނެފައެއް ނޫނެވެ. އެހެންވެ، ރައްކާތެރިވެ ތިބުން މުހިންމެވެ.