06 އެޕްރީލް 2024
ގިނަ މީހުން ތަފާސްހިސާބު ބޭނުންކުރަނީ، މަސްތުގެ ހާލުގައި ހުރި މީހަކު، މަގުމައްޗަށް އަލިކުރުމަށް ޖަހާފައިވާ ހޮޅިދަނޑިއެއް ބޭނުން ކުރާ ބީދައިން، ކޮށްޅަށް ހުރުމަށް އެހީ ހޯދުމަށެވެ. އެ މައުލޫމާތުން އަލިކަން ފޯރުކޮށްދިނުމުގެ ނިޔަތުގައެއް ނޫނެވެ.
ގިނަ މީހުން ތަފާސްހިސާބު ބޭނުންކުރަނީ، މަސްތުގެ ހާލުގައި ހުރި މީހަކު، މަގުމައްޗަށް އަލިކުރުމަށް ޖަހާފައިވާ ހޮޅިދަނޑިއެއް ބޭނުން ކުރާ ބީދައިން، ކޮށްޅަށް ހުރުމަށް އެހީ ހޯދުމަށެވެ. އެ މައުލޫމާތުން އަލިކަން ފޯރުކޮށްދިނުމުގެ ނިޔަތުގައެއް ނޫނެވެ.
ރަނގަޅުގޮތުގައި ތަފާސްހިސާބުގެ ބޭނުންކުރުމުގައި ހިފަހައްޓަން ޖެހޭ އަސާސީ ސިފަތަކެއް ހުރެއެވެ. މަންޒަރު ދުށުމަށް ބޭނުންކުރާ ކެމެރާގައި އަޅުވަނީ ކޮންކަހަލަ ލެންސެއްތޯ ކަނޑައެޅުމަކީ، މުހިންމު އަސާސީ ސިފައެކެވެ.
ޓޫރިޒަމް މިނިސްޓްރީއިން ލިބެން ހުރި އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު، މާޗް 27 ގެ ނިޔަލަށް ރާއްޖެ އައީ 33،926 އިންޑިޔާ ޓޫރިސްޓުންނެވެ. ނިމިދިޔަ 2023 ގެ މި މުއްދަތުގައި 209،198 އިންޑިޔާ ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރި އެވެ. އެހެންކަމުން ރިޔާސީ އިންތިހާބަށް ފަހު މި ހިނގާ މުއްދަތުގައި އިންޑިޔާ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރާ އަދަދު ބޮޑު ތަނުން، 83 ޕަސެންޓް މަދުވެއްޖެއެވެ.
ކެމެރާގެ މެކްރޯލެންސް ނައްޓާލުމުން ފެންނަނީ ތަފާތު މަންޒަރެކެެވެ. ވޭތުވެދިޔަ ފަސް އަހަރުގެ (2019-2023) ތަފާސްހިސާބުން (ޗާޓް 1) ފެންނަނީ، އިންޑިޔާ މީހުން ރާއްޖެ އަށް ޒިޔާރަތް ކުރާ އަަދަދުތަކަށް، މި ފަސް އަހަރު ތެރޭގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މަންޒަރެވެ. ކޮވިޑާ ގުޅިގެން، 2020ގައި ވަރަށް ބޮޑަށް މަދުވުމަށްފަހު، 2021 ގައި ކުއްލިއަކަށް އާދަޔާ ހިލާފަށް އިތުރުވިތަން ފެނެއެވެ. އަދި 2021 އިން ފެށިގެން، ރާއްޖެއަށް ޒިޔާރަތް ކުރި އިންޑިޔާ ޓޫރިސްޓުން، މަދުވާން ފަށާފައިވާ ކަމަށް ތަފާސްހިސާބު ބުނެއެވެ.
އިންޑިއާ ޓޫރިސްޓަކު ލަގެޖު ހިފައިގެން އެއާޕޯޓުން ބޭރަށް ނުކުންނަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ކޮވިޑަށް ފަހު ގައުމުތައް މަޑުމަޑުން ހުޅުވެމުންދިޔައިރު، އިންޑިޔާ ރައްޔިތުން މެދުއިރުމަތީގެ ވަޒީފާތަކަށް އަނބުރާ ދިޔުމުގައި، ރާއްޖޭގައި 14 ދުވަސް މަޑުކުރުމުން، ލިބުނު ލުއިކަން، މިއީ 2021ގެ އަދަދުތައް އެހާބާރަށް ކުރިއަރައިގެން ދިޔަ ސަބަބު ކަމުގައި ޔަގީން ކުރެވެއެވެ. މެދުއިރުމަތީގެ ވަޒީފާ އަށް ދިޔުމަށް، ވަގުތީ ގޮތުން ހުޅުވުނު 'ދޮރު' ބަންދުވުމުން، އިންޑިޔާ ރައްޔަތުން ރާއްޖެ އަށް ޒިޔާރަތް ކުރާ މިންވަރު، 2021 އިން ފެށިގެން ވަނީ މަދުވާން ފަށައިފަ އެވެ.
ނަމަވެސް، އިލްމީ ގޮތުން މަޢުލޫމާތު މުއްސަނދި ކުރުމުގެ ނިޔަތުގައި، ޓްރެންޑެއް އެސްޓަބްލިޝް ކުރުމަށް ބޭނުން ނަމަ، ބޮޑު މަންޒަރު ފެންނާނީ، ވައިޑް އެންގަލް ލެންސެއް އެޅުވުމުންނެވެ.
ވޭތުވެދިޔަ 10 އަހަރު (2104-2023) ގެ ތެރޭގައި އިންޑިޔާ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރި އަދަދުތަކަށް ވިސްނާލުމުން، (ޗާޓް 2) ދެތިން ކަމެއް ފާހަގަކުރެވެއެވެ.
ހ- ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އާންމު ޓްރެންޑެއްގެ ގޮތުގައި ރާއްޖެ އަށް ޒިޔާރަތް ކުރާ އިންޑިޔާ ޓޫރިސްޓުންގެ އަދަދު ޖުމްލަ ގޮތެއްގައި، މަޑުމަޑުން މައްޗަށް ދަމުން ދިޔަކަން.
ށ- މިގޮތަށް މައްޗަށް ދިޔަ ޓްރެންޑަށް 2018ގެ އިންތިޚާބަށް ފަހު އިތުރު ހަލުއި ކަމެއް ލިބި، އެވަރެޖް 4.5 ޕަސެންޓްގައި ކުރިއަރަމުން އައި އިންޑިޔާ ޓޫރިސްޓުންގެ ޕަސެންޓް، 9.7 އަށް ބަދަލުވިކަން.
ނ- ކޮވިޑާ ގުޅިގެން ދަށްވުމާއި، އިންޑިޔާ ރައްޔަތުން މެދުއިރުމަތީގެ ވަޒީފާ އަށް ދިޔުމުގެ އިންތިޒާމު ހަމަޖެހުނު ގޮތުން، 2020 އަދި 2021 ގައި ހާއްސަ ހާލަތްތަކެއް ދިމާވިކަން.
ރ. ހާއްސަ ހާލަތު ނިމުމުން، 2021 އިން ފެށިގެން އިންޑިޔާ ޓޫރިސްޓުންގެ އަދަދު ވަނީ މަދުވާން ފަށައިފައިކަން
މި އަހަރުގެ މާޗް 27އާ ހަމައަށް ލިބެން ހުރި ތަފާސްހިސާބުގެ މައްޗަށް އެކަނި ބުރަވެ، އިންޑިޔާ މީހުން ރާއްޖެއަށް ޒިޔާރަތް ކުރާ އަދަދު ވަރަށް ބޮޑު ތަނުން ދަށްވެއްޖެ ކަމަށް ބުނަން ފަސޭހައެއް ނޫނެވެ.
ރާއްޖެ އައި އިންޑިއާ ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްލައިގެން--- ފޮޓޯ: ނިޝާން އަލީ/މިހާރު
ދެހާސް އަށާރައިގައި ރިޔާސީ އިންތިހާބަށް ފަހު، އިންޑިޔާ މީހުން އަންނަ އަދަދުގެ ޕަސެންޓް އިތުރުވިއެވެ. މިހާރު މި ފެންނަނީ 2023ގެ އިންތިހާބަށް ފަހު، އޮޑި އަނބުރާ ހޭރިޔާ ކުރުމުން އަންނަ ބަދަލެއްތޯ، 2021 އިން ފެށިގެން އިންޑިޔާ ޓޫރިސްޓުން މަދުވާން ފަށާފައިވާ ނިސްބަތުގެ ނަތިޖާތޯ، ނުވަތަ ދެ ސަބަބު މަސްހުނިވީތޯ، ކަނޑައަޅަން އަދި އަވަހެވެ. ވަކިގޮތެއް ނިންމަން ހެކި ދޭނެ ތަފާސްހިސާބުތަކެއް އަދި ނުނުކުމެއެވެ.
އިންޑިޔާގެ ޓޫރިސްޓުން އަންނަ އަދަދު މަދުކަމަށް ބުނެދޭ ތަފާސްހިސާބުތަކުގައި، މާޗް މަހުގެ ނިޔަލަށް ރާއްޖެއައި ޖުމްލަ ޓޫރިސްޓުންގެ އަދަދު 14.2 ޕަސެންޓުން އިތުރުވެފައިވާ ކަމަށް ވެސް ލިޔެފައިވެއެވެ. މީގެ އިތުރުން އޮޕަރޭޓް ކުރާ އެނދުގެ އަދަދު 1،487 އިން އިތުރުވެފައިވާ އިރު ވެސް، ކެޕޭސިޓީ ޔޫޓިލައިޒޭޝަން ރޭޓް 72.5 ޕަސެންޓުން 76.4 ޕަސެންޓުން އިތުރުވެފައިވާ ކަމަށް ވެސް ލިޔެފައިވެއެވެ.
އެހެންކަމުން، އިންޑިޔާގެ ޓޫރިސްޓުން މަދުވުމުގެ ސަބަބުން، ޓޫރިޒަމަށާއި އިގުތިސާދަށް ގެއްލުންތަކެއް ލިބިއްޖެކަމަށް ބުނަނީ ތަފާސްހިސާބަކުން ދައްކާތީކަމެއް ނުވަތަ، ރަމަލު އިލްމުގެ ކުޅަދާނަ ކަމުން ކަމެއް ކަނޑައަޅަން އުނދަގުލެވެ.
ސިޔާސީ ވެރިން ސިޔާސީ ޕްލެޓްފޯމްތަކުގައި ދައްކަނީ ސިޔާސަ ވާހަކަ ކަމުގައި މިއަދު ހުރިހާ ދިވެހިން ވެސް ދަނެއެވެ. އެހެނަސް، ނޫސް، މަޖައްލާތަކުން، މީސްތަކުންގެ މައުލޫމާތު މުއްސަނދި ކުރުމަށް ގަސްދު ކުރާ ނަމަ، ތަފާސްހިސާބު ބޭނުންކުރުމުގެ އަސާސްތަކަށް ވިސްނުން މުހިންމެވެ.
ލިޔަން ބޭނުންވާ ސުރުހީ އަށް ބަރުދަން ލިބޭނެ މިންވަރަށް އެކަނި، ތަފާސްހިސާބުގެ ބޭނުން ކުރުމަށް ޓަކައި ކެމެރާގެ ލެންސް ހިޔާރު ކުރާ ނަމަ، ނިޔަތް ރަނގަޅު ކަމަކަށް ނުބުނެވޭނެއެވެ. އެ ހާލަތުގައި ތަފާސްހިސާބުގެ ބޭނުން އެކުރަނީ، މަސްތުގެ ހާލުގައި ހުންނަ މީހަކު ހޮޅިދަނޑިއެއް ބޭނުންކުރާ ފަދައިން، ކައްތިރިއެއްގެ ގޮތުގަައެވެ. ކިޔުންތެރިޔާގެ މައުލޫމާތު މުއްސަނދި ކޮށްދިނުމުގެ މަގުސަދަކު ނޫނެވެ.
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާގެ އެހީއަކީ ވަރަށް ބޮޑު ލުޔެއް: ހަލީލް
ޑިޖިޓަލްއިގްތިސާދެއް ބިނާކުރަން އިންޑިއާގެ އެހީ ބޭނުންވޭ
މާލީ ދަތިކަމުގައި ރާއްޖެއަށް އެހީވާން އިންޑިއާ ތައްޔާރު
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާގެ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
ކުރީގެ ސަރުކާރުން 54 ބިލިއަންގެ ލޯނު ނެގި: ފިނޭންސް
އިންޑިއާގެ ދަރަނިން މި އަހަރު އާ މަޝްރޫއެއް ނުހިންގާނެ