Roadha Mihaaru
މެސީ އެންމެ ގިނަ ގޯލު ޖެހި ބޫޓް 100،000 ޑޮލަރަށް

މެސީ އެންމެ ގިނަ ގޯލު ޖެހި ބޫޓް 100،000 ޑޮލަރަށް ވިއްކާލަނީ

20 އެޕްރީލް 2021

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލައިނަލް މެސީ، އެއް ޓީމަކަށް މިހާތަނަށް އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް ހެދި އިރު އެރި ތާރީހީ ހާއްސަ ބޫޓް ނީލަމެއްގައި ވިއްކައިލަން ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލައިނަލް މެސީ، އެއް ޓީމަކަށް މިހާތަނަށް އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް ހެދި އިރު އެރި ތާރީހީ ހާއްސަ ބޫޓް ނީލަމެއްގައި ވިއްކައިލަން ހުޅުވާލައިފި އެވެ.

ޗެރިޓީއަކަށް އެހީވާން 100،000 ޑޮލަރަށް ބޫޓް ވިއްކާލަނީ ކްރިސްޓީޒް އޮކްޝަން ހައުސް އިން ހޯމަ ދުވަހު ފެށި ނީލަމުގަ އެވެ. އެ ނީލަން މި މަހުގެ 30 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. ބޫޓް ވިއްކައިލަނީ ސްޕެއިންގެ ބާސެލޯނާގެ ހިބްރޯން ޔުނިވަސިޓީ ހޮސްޕިޓަލްގެ އާޓް އެންޑް ހެލްތު ޕްރޮޖެކްޓް އޮޕް ވޮލް އަށް އެހީވުމަށެވެ.

އެ ޗެރިޓީ އަށް އެހީވާން ވިއްކައިލާ މެސީގެ ބޫޓަކީ އޭނާ ބާސެލޯނާ އަށް 644 ވަނަ ގޯލް ޖެހި އިރު އަރައިގެން އިން ބޫޓެވެ. އެއީ ޑިސެމްބަރު 22، 2020 ގައި ބާސެލޯނާ އާއި ރިއާލް ވެލަޑޯލިޑް ބައްދަކުރި މެޗްގަ އެވެ.

އެ ބޫޓް ވިއްކައިލުމާ ބެހޭ ގޮތުން މެސީ ބުނީ އެއީ އޭނާގެ ކެރިއަރުގެ އެތައް ހަނދާންތަކަކާއި އެތައް ކާމިޔާބީއަކާ ގުޅިފައިވާ ބޫޓެއް ކަމަށާއި ބޫޓް ވިއްކައިލަނީ އެއިން އަގުހުރި ހިދުމަތެއް ކުރުމުގެ ނިޔަތުގައި ކަމަށެވެ. އެހެންވެ ކުޑަކުދިންގެ ސިއްހަތަށް މަސައްކަތްކުރާ ޗެރިޓީއަކަށް އެހީވާން ބޫޓް ވިއްކައިލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

"މިކަމުގައި ޝާމިލުވާ އެންމެންނާއި މިކަމަށް ސަޕޯޓްކޮށްދޭ އެންމެންނަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން،" ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީ ބުންޏެވެ. "އަހަރެން އުންމީދުކުރަން ބޫޓް ނީލަމުގައި ވިއްކައިލަން ކުރާ މި ކުރާ މަސައްކަތަކީ ހޭލުންތެރިކަމަށް ވެސް ކުރެވޭ ކަމަކަށް ވާނެ ކަމަށް."

ވިއްކައިލާ ބޫޓްގެ ދެ ކިބައިގައި މެސީގެ ސޮއި ވެސް ހިމަނާފައިވާ އިރު އޭނާގެ އަންހެނުން އެންޓޮނެލާ ރޮކޫޒާ އާއި ތިން ކުދިން ކަމަށްވާ ތިއާގޯ އާއި މާޓިއޯ އަދި ސީރޯގެ ނަމާއި އުފަން ދުވަސް ވެސް ޖަހާފައިވެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމްތަކުގެ ކުރީގައި ގުނައިލެވޭ ބާސެލޯއާނާ، މިހާރު އުމުރުން 33 އަހަރުގެ މެސީ ގުޅުނީ އުމުރުން އެންމެ 13 އަހަރުގަ އެވެ. އަދި ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމަށް އޭނާ ކުޅެން ފެށީ އުމުރުން 17 އަހަރުގައި 2004 ގަ އެވެ.