Roadha Mihaaru
އޮބާމާ އަށް ނައިކީން ހެދި ބާސްކެޓް ބޫޓެއް ވިއްކާލަނީ

އޮބާމާ އަށް ނައިކީން ހެދި ބާސްކެޓް ބޫޓެއް ނީލަމެއްގައި ވިއްކާލަނީ

11 ފެބުރުއަރީ 2021

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ބާސްކެޓްބޯޅަ އަށް ދެއްވާ ޝައުގުވެރިކަމާ ހެދި އޭނާ އަށް ހާއްސަކޮށްގެން ނައިކީން އުފެއްދި ބޫޓެއް ނީލަމެއްގައި ވިއްކާލަން ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ބާސްކެޓްބޯޅަ އަށް ދެއްވާ ޝައުގުވެރިކަމާ ހެދި އޭނާ އަށް ހާއްސަކޮށްގެން ނައިކީން އުފެއްދި ބޫޓެއް ނީލަމެއްގައި ވިއްކާލަން ހަމަޖެހިއްޖެ އެވެ.

ދެހާސް ނުވައެއްގައި ނައިކީން އުފެއްދި ހައިޕަޑަންކް ބާސްކެޓް ބޫޓް ނީލަމުގައި ވިއްކައިލާ އިރު ފެށޭ އަގަކީ 25،000 ޑޮލަރު (385,000ރ.) އެވެ. މި ނީލަން އިންތިޒާމުކުރަނީ އެމެރިކާގެ އޮކްޝަން ހައުސް ސޮދަބީޒް އިންނެވެ.

އޮބާމާ އަށް ހާއްސަކޮށްގެން އުފެއްދި ބާސްކެޓް ބޫޓްގައި ނަމްބަރު "44" އާއި ރައީސްގެ ސިއްކަ "ސީލް އޮފް ދަ ޕްރެޒިޑެންޓް އޮފް ޔުނައިޓެޑް ސްޓޭޓްސް" ހިމަނާފައިވެ އެވެ. ބޫޓްގައި "44" ހިމަނާފައި ވަނީ އޮބާމާ އަކީ އެމެރިކާގެ 44 ވަނަ އަހަރަށް ރައީސަށް ވުމުންނެވެ.

ނީލަމެއްގައި ކުރިން ވަނީ އޮބާމާ ޔުނިވަސިޓީ ތައުލީމުގެ ދުވަސްވަރު ބާސްކެޓް ކުޅުއްވަން ބޭނުންކުރެއްވި ޖާޒީ ވެސް ވިއްކާލައިފަ އެވެ. މޭމަތީގައި "ޕެނަހޯ 23" ޖަހާފައިވާ އެ ޖާޒީ މިދިޔަ އަހަރު ވިކުނީ 192،000 ޑޮލަރު (2,956,800ރ.) އަށެވެ.

ވިއްކައިލާ ބޫޓާ ބެހޭ ގޮތުން ސޮދަބީޒް އިން ބުނީ އެ ބޫޓަކީ ނައިކީން އޮބާމާ އަށް ހާއްސަކޮށްފެން އުފެއްދި ނަމޫނާ ބޫޓެއް ކަމަށާއި އެއަށް މިހާރު 12 އަހަރު ވިޔަސް ބޫޓް ހުރީ ވަރަށް ރަނގަޅު ހާލަތުގައި ކަމަށެވެ.

އޮބާމާ ހާއްސަކޮށްގެން އުފެއްދި ބޫޓް ވިއްކައިލާ ނީލަން ހުޅުވާނީ ހުކުރު ދުވަހު އެވެ.