Roadha Mihaaru
އީގަލްސް އާއި ގްރީން އެއްވަރު

އީގަލްސް އާއި ގްރީން އެއްވަރު

16 އެޕްރީލް 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބު ގްރީން ސްޓްރީޓްސް އާއި ކްލަބު އީގަލްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބު ގްރީން ސްޓްރީޓްސް އާއި ކްލަބު އީގަލްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މުހައްމަދު ނާއިމް އީގަލްސް އަށް ލީޑު ހޯދައިދީފައިވަނިކޮށް، ގްރީން ސްޓްރީޓުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަބްދުﷲ ޔާމީން (ޔާނު) ޖެހި ލަނޑުންނެވެ.

އަނިޔާގެ ގިނަ މައްސަލަތަކާއެކު މެޗަށް ނުކުމެ، ގްރީނަށް ސްޓްރީޓްސް އަށް މެޗުން ޕޮއިންޓެއް ލިބުމުން، އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ހުރީ ހިތްހަމަޖެހިފަ އެވެ.

"ޕޮއިންޓެއް ލިބުނީތީ އަލްހަމްދުﷲ. ދެން އަޅުގަނޑުމެން އުންމީދު ކުރިން މިއަށްވުރެ ރަނގަޅު ރިޒަލްޓަކަށް މި މެޗުގައި،" މެޗށް ފަހު ވާހަކަ ދައްކަމުން ނިސްތާރު ބުންޏެވެ. "ބަލި ނުވުން އެއީ ހިތްހަމަޖެހުމަކީ."

މެޗުގެ 14 ވަނަ މިނިޓުގައި ނާއިމް ލަނޑު ޖެހީ އީގަލްސް އަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އީގަލްސް އަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ ހައިޝަމް ހަސަން (ބިޑި) ގްރީންގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ގްރީންގެ ޑިފެންޑަރު މުހައްމަދު ސާއިފް ވެއްޓިގެންފައި ބޮލުން ދިފާއު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ބޯޅައިން ޖެހުމުންނެވެ. އީގަލްސްގެ ޕެނަލްޓީ ނާއިމް ގޯލަށް ވައްދާލީ ގޯލުގެ މެދުން، މަތީ ދާގަނޑަށެވެ. ނާއިމް ފޮނުވާލި ބާރު ޕެނަލްޓީ ދިފާއު ކުރަން ގްރީންގެ ކީޕަރު ސާގިބް ހަނީފަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ. ފުރަތަމަ ހާފުގައި، އީގަލްސްގެ ލުބުނާންގެ ކީޕަރު ތޯހާ މުހައްމަދު ގްރީނަށް ޓެސްޓްކޮށްލެވުނީ އެންމެ ފަހަރަކު އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ހަސަން ނަޒީމް (ޗޯޓް) ފޮނުވާލި ބޯޅަ ދިޔައީ ސީދާ ކީޕަރު ތޯހާގެ އަތަށެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅު ގްރީންގެ އަހްމަދު ނާހިލް އިބްރާހިމް، އީގަލްސްގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ފޮނުވާލަން އަންސަރު އިބްރާހިމް (އަންކޮ) އަށް ފުރުސަތު ލިބުނެވެ. އެހެންނަމަވެސް އޭނާގެ ފައިގައި ބޯޅަ ލައްވާ ނުލުމުން، އެ ފުރުސަތު ވަނީ ބޭކާރުވެފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ގްރީންގެ ހަމަލާތައް ވަރުގަދަ ކުރަން އެ ޓީމުން މަސައްކަތް ކުރި އެވެ. ދެ ވަނަ ހާފު ފަށައިގެން ގްރީންއަށް ލިބުނު ކޯނަރެއްގައި ނުރައްކާ ކުރަން ފުރުސަތު ލިބުނެވެ. އަންސަރު ނެގި ކޯނަރު މިސްރުގެ ޑިފެންޑަރު ސައްޔިދު މުހައްމަދު (ރާމޯސް) އަށް ރަނގަޅު ފުރުސަތެއް ތަނަވަސްވި އެވެ. އެހެން ނަމަވެސް އޭނާ އަށް ބޯޅަ ކޮންޓްރޯލް ނުކުރެވި، އޭނާގެ ފައިދަށުން އެ ބޯޅަ ދިޔައީ ބޭރަށެވެ. މެޗުގެ 54 ވަނަ މިނެޓުގައި އީގަލްސްގެ އޭރިއާ ބޭރުން، އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން، ގްރީނުން އީގަލްސްގެ ގޯލަށް ނުރައްކާކުރި އެވެ. ގްރީންގެ ހަލީލް ޖަމާލް އޭރިއާގެ ބޭރުގައި ހުރި ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އަށް ނަގައިދިން ބޯޅަ، ރިލޭ ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް، އެ ބޯޅަ ޖެހުނީ އީގަލްސްގެ ޑިފެންޑަރު ހައިޝަމްގެ ގައިގަ އެވެ. ހައިޝަމްގެ ގައިގައި ޖެހިފައި ދިޔަ ބޯޅަ ގޯލާ ދިމާލަށް ފޮނުވާލުމަށް ގްރީންގެ މުހައްމަދު ޖައިލަމް (އޮގީ) އަދި އަންކޮ އަށް ލިބުނު ނަމަވެސް، ބޭނުން ހިފޭ ގޮތެއްނުވި އެވެ. ގްރީނަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރިތާ ފަސް މިނެޓުގެ ތެރޭގައި، ޔާން ހިލޭޖެހުމަކުން ކާމިޔާބުކުރި ލަނޑުންނެވެ. އީގަލްސްގެ އޭރިއާގެ އަރިމަތިން އެ ޓީމުގެ ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް)، ޔާން އަށް ފައުލު ކުރުމުން ދިން ހިލޭ ޖެހުން އޭނާ ވަނީ ގޯލްގެ ހަނިކަނަށް ވައްދާލައިފަ އެވެ. ޔާނު ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ އީގަލްސްގެ އިމްރާން ނަޝީދު (އިންމަ)ގެ ފައިގައި ޖެހިފަ އެވެ.

އޭގެ ފަހުންވެސް ޔާނު އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އޭނަ ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ތޯހޯ ވެއްޓިގެންފައި ދިފާއު ކުރި އެވެ. ދެ ވަނަ ހާފުގައި ގްރީންގެ ހަމަލާތައް ގިނަ ނަމަވެސް، އީގަލްސް އަށް ވެސް ވަނީ ލަނޑު ޖަހާނެ ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. މެޗުގެ 78 ވަނަ މިނެޓްގައި ހަސަން ރާއިފް އަހްމަދު (ހަންނަ) ގްރީންގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ލިބުނީ ނާއިމަށެވެ. ގްރީންގެ ސާއިފް ކައިރިން ނައްޓާލައި، ނާއިމް ފޮނުވާލި ބޯޅަ ކީޕަރު ސާގިބް އަތުގައި ޖެހިފައި އެ ބޯޅަ ގޯލާ ދިމާލަށް ދިޔަ ނަމަވެސް، ދެ ވަނަ ފަހަރަށް ސާގިބް ވަނީ އެ ބޯޅަ ހިފައިފަ އެވެ.

އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) މެޗަށް ފަހު ބުނީ މިރޭގެ މެޗަކީ އޭނާގެ ޓީމަށް ތިން ޕޮއިންޓް ހޯދޭނެ ވަރުގެ މެޗެއް ކަމަށެވެ. ޕޮއިންޓަކުން ފުއްދާލަން ޖެހުމުން ހިތްހަމަ ނުޖެހޭކަމަށް ޝާޒް ބުންޏެވެ.

"އީގަލްސްއަށް ގަދަ ހައެއްގެ ތެރޭގައި ޔަގީން ކަމާއެކު ހިފަހައްޓާ ލެވޭނީ މި މެޗުން ތިން ޕޮއިންޓް ހޯދިގެން (އެކަން ހާސިލު ނުވީމަ) އުނދަގޫ ކަމެއް އެއިނީ. ދެން އޭއެފްސީ ކަޕަށް ތައްޔާރުވެފައި އިންދާ ލީގުގެ މެޗު ކުޅެން ޖެހުނީމަވެސް އެބަހުރި އުނދަގޫ ތަކެއް."

ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް އެވެ.