Roadha Mihaaru
އަދިވެސް އީގަލްސް އަށް ޕްރެޝަރު އެބައޮތް: މޯހަން

އަދިވެސް އީގަލްސް އަށް ޕްރެޝަރު އެބައޮތް: މޯހަން

15 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން މޮޅުވުމަކީ ހިތްހަމަޖެހުމެއް ނަމަވެސް އީގަލްސް އަށް އަދިވެސް ޕްރެޝަރު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން މޮޅުވުމަކީ ހިތްހަމަޖެހުމެއް ނަމަވެސް އީގަލްސް އަށް އަދިވެސް ޕްރެޝަރު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މި ފަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލި އީގަލްސް ލީގުގައި ފުރަތަމަ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވަނިކޮށް ހަމަނޭވައެއް ލެވުނީ އެންމެ ފަހުން ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 3-2 އިން މޮޅުވެގެންނެވެ. ރަނގަޅު ލީޑެއްގައި އޮތް ނަމަވެސް އެ މެޗުގެ ފަހުކޮޅު އީގަލްސް އަށް ދިޔައީ ޕްރެޝަރު ކޮށެވެ.

ފުރަތަަމަ މޮޅަށް ފަހު އީގަލްސް އިން އިތުބާރު ބޮޑުކޮށް މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާއިރު، މޯހަން ދެކޭގޮތުގައި އަދިވެސް އެ ޓީމަށް އޮތް ޕްރެޝަރު ވަކި ކުޑައެއް ނޫނެވެ. ފަސް މެޗު ކުޅެފައިވާއިރު ގްރީން ސްޓްރީޓްސް ހަ ވަނައިގައި ފަސް ޕޮއިންޓާ އެކު އޮތްއިރު، ހަތް ވަނައިގައި އީގަލްސް އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

"ޕްރެޝަރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް މި އޮތީ ހަގީގަތުގައި. މިހާރު މިކަމުން އަރައިގަންނަން ވަރަށް ބޮޑު ޕްރެޝަރެއް މި އޮތީ. ކުރިއަށް މި އޮތް މެޗު ކާމިޔާބުކުރުމަކީ މި ވަގުތަށް ލިބޭނެ ހިތްހަމަޖެހުމެއް. އެއީ ވެސް އެކީގައި ލިބޭނެ ހިތްހަމަޖެހުމެއް ނޫން،" މޯހަން ބުންޏެވެ.

"މި ގޮތުގައި ހެން އަޅުގަނޑަށް ހީވަނީ ލީގުގެ ބޮޑުބައި ކުޅެން ޖެހޭނީ. ގިނަ މެޗުތަކަކުން ޖައްސަޖައްސައިގެން ގިނަ ކާމިޔާބީތަކެއް ހޯދައިގެން ނޫނީ ހިއެއްނުވޭ މިއިން ހިސާބުން އަރައިގަނެވޭނެހެން."

އީގަލްސް އެކޭ އެއްގޮތަށް ގްރީން ސްޓްރީޓްސް ވެސް ލީގުގައި ފުރަތަމަ މޮޅު ހޯދި އެންމެ ފަހުން ކުޅުނު މެޗުގަ އެވެ. ދެ ޓީމު ވެސް ފުރަތަމަ މޮޅާ އެކު މި މެޗަށް އަންނައިރު، މޯހަންގެ ނަޒަރުގައި އީގަލްސް އިން ގްރީން ސްޓްރީޓްސްގެ އެޓޭކުގައި އެ ތިބި ހަލުވި ކުޅުންތެރިންނާ މެދު ސަމާލުވާން ޖެހެ އެވެ.

ގްރީން ސްޓްރީޓްސް ބަލިކޮށްގެން އީގަލްސް އަށް ތާވަލުގެ ކުރިއަށް ޖެހިލުމުގެ ފުރުސަތު އޮތުމުން މޯހަން ހުރީ އެ ވިސްނުމުގައި ވެސް ކުރިއަށްދާން ބޭނުންވެފަ އެވެ.

"(ގްރީން ސްޓްރީޓްސް ބަލިކުރުމަކީ) އުނދަގޫ ކަމެއް ވެސް ނޫން. ނުކުރެވޭ ވަރުގެ ކަމެއް ވެސް ނޫން. (އީގަލްސް) ތިނަކަށް ވެސް އަރާ ހިސާބުގައި މި އިނީ. މާ ގެޕް (ފަރަގު) ބޮޑު ބޮޑެއްކޮށް ނޫން މި އުޅެނީ. އެއް ވަނަ ދެ ވަަނަ ނަގާފައި ވަރަށް ގާތްކޮށް މި އޮތީ ޓީމުތައް. މި ވަގުތަށް ބަލާއިރު އަޅުގަނޑުމެންނަށް ކޮންމެ މެޗަކީ ވެސް ފައިނަލެއް،" މޯހަން ބުންޏެވެ.

އީގަލްސް އިން ސީޒަން ފެށީ ބިދޭސީ އެއްވެސް ކުޅުންތެރިއަކު ނުލަ އެވެ. މިހާތަނަށް އީގަލްސް އިން ޓީމު ލިސްޓުގައި ޖެހި ހަތަރު ބިދޭސީ ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިއަކު ޓީމާ ގުޅި މެޗުތަކުގައި ވެސް ކުޅެފި އެވެ. އެ ކުޅުންތެރިންގެ ފަރާތުން އެންމެ ބޮޑަށް ފެންނަނީ ޓީމުގެ ކޮމްބިނޭޝަނާ ނުގުޅޭ މައްސަަލަ އެވެ. މޯހަން ބުނީ އެއީ އެކުގައި ރަނގަޅު ޕްރީ ސީޒަނެއް ފުރިހަމަނުކުރާތީ ދިމާވާ މައްސަލައެއް ކަމަށާއި އެކަންކަމަށް ހައްލެއް ހޯދަން މަހެއް ދެމަހެއް ވަރު ވެސް ނަގާފާނެ ކަމަށެވެ.

އަނިޔާއާ ހެދި އާއި އެ ނޫން ވެސް އެކި ހާލަތްތަކުގެ ސަބަބުން އީގަލްސް އަށް ގިނަ ކުޅުންތެރިންތަކެއް ސީޒަންގެ މިހާ ކުރީކޮޅުގައި ވެސް ބޭނުންކުރެވިފައިވުމަކީ ދިގު ސީޒަނަކާ ކުރިމަތިލާއިރު ކުޅުންތެރިން މެޗު ހާލަތުގައި ވަޒަންކޮށްލުމަށް ލިބުނު ފުރުސަތެއް ކަމަށާއި ސީޒަނުގެ ފަހު ކޮޅަށްދާއިރު އޭގެ ފައިދާތަކެއް ނެގޭނެ ކަމަށް މޯހަން ގަބޫލުކުރެ އެވެ.

ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތަކުގެ ތެރެއިން ނިސްތާރު (ކ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތަކުގެ ތެރެއިން ނިސްތާރު (ކ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ އެންމެ ފަހުން ކުޅުނު މެޗުން މޮޅުވުމުގެ އިތުރުން ދެން ހިތްހަމަޖެހޭ އަނެއް ސަބަބަކީ ބަލިނުވެ ތިން މެޗު ފުރިހަމަކުރެވިފައިވުމެވެ. އަދި އީގަލްސްގެ މައްޗަށް ކުރިހޯދައިފިނަމަ ގްރީން ސްޓްރީޓްސް އަށް ތިން ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ނިސްތާރު ހުރީ އެ އޭގެ ބޭނުންހިފުމުގެ އުއްމީދުގަ އެވެ.

"އަޅުގަނޑުމެން މީނީ ތިން ޕޮއިންޓް ނަގައިގެން ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ވެސް ވަރަށް ބޮޑުކޮށް. އީގަލްސް ވެސް މާ ފަހަތުގައެއް ވެސް ނޫން މި އޮތީ. ވަރަށް ވާދަވެރިކޮށް މި އޮތީ އެހެންވީމަ،" ނިސްތާރު ބުންޏެވެ. "އަޅުގަނޑުމެން ޑްރޯ އަކަށް ވިސްނައިގެން ނުނުކުންނާނަން. ބައެއް ފަހަރު ބައެއް ބޮޑެތި ޓީމުތަކާ އެއްކޮށް ތަންކޮޅެއް އުނދަގޫވެދާނެ. އިރާދަކުރެއްވިއްޔާ އަބަދުވެސް މޮޅަކަށް ނުކުންނާނީ."

އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ނިސްތާރު ވަނީ އީގަލްސްގައި މަސައްކަތްތަކެއް ކޮށްފަ އެވެ. ނިސްތާރު ބުނީ ޒުވާން ކުޅުންތެރިންނަށް އިސްކަންދީގެން ކުޅޭ ސިސްޓަމަށް ބަލާއިރު ގްރީން ސްޓްރީޓްސް އާއި އީގަލްސްގައި އޮތީ އެއް މޮޑެލް އެއް ކަމަށެވެ. ސީޒަން ފެށިއިރު އީގަލްސް އިން އެއްވެސް ބިދޭސީ ކުޅުންތެރިއެއް ނެތި ކުޅުނު ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާތީ އެއީ ވެސް ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި ނިސްތާރު ދެކެ އެވެ.

އީގަލްސް އާއި ގްރީން ސްޓްރީޓްސް މި ވަގުތު ބައްޓަންވެފައި އޮތްގޮތުން ދެ ޓީމުން ވެސް ނަތިޖާ ނެރެން ބަރޯސާވާނެ އެއް ބަޔަކީ ބިދޭސީ ކުޅުންތެރިންނެވެ. ނިސްތާރު ބުނީ ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު ލީގުގެ އެހެން ޓީމުތަކަށް ނެތް އެޑްވާންޓޭޖެއް ގްރީން ސްޓްރީޓްސް އަށް އެބައޮތް ކަމަށާއި އެއީ ދިވެހި ފުޓްބޯޅަ އަށް ފަރިތަ ބިދޭސީ ކުޅުންތެރިން ތިބުން ކަމަށެވެ.

"އާ (ބިދޭސީ) ކުޅުންތެރިން ނަގައިގެން އެ ރިސްކު ނަގާކަށް އެހާ ބޭނުމެއް ނޫން. ގްރީން ސްޓްރީޓްސް އަށް ލިބޭ ވަރަށް ރަނގަޅު އެޑްވާންޓޭޖެއް އެއީ ދިވެހި ކުޅުންތެރިން ދަންނަ ފޮރިން ޕްލޭޔަރުން ތިބުމަކީ،" ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.