03 ފެބުރުއަރީ 2021
ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމުން އިސްތިއުފާ ދިންތާ ހަތަރު ދުވަސް ފަހުން ކްލަބް އީގަލްސްއާ ހަވާލުވާން ނިންމީ އެ ކްލަބަކީ ފުޓްބޯޅަ ކެރިއަރާ ވެސް ގުޅިފައިވާ ޓީމެއްގެ އިތުރުން ކޯޗިންގައި ކުރިއަށްދާން ބަލާއިރު ވެސް ބޭނުންވެފައި ހުރި ފުރުސަތަކަށްވާތީ ކަމަށް ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމުން އިސްތިއުފާ ދިންތާ ހަތަރު ދުވަސް ފަހުން ކްލަބް އީގަލްސްއާ ހަވާލުވާން ނިންމީ އެ ކްލަބަކީ ފުޓްބޯޅަ ކެރިއަރާ ވެސް ގުޅިފައިވާ ޓީމެއްގެ އިތުރުން ކޯޗިންގައި ކުރިއަށްދާން ބަލާއިރު ވެސް ބޭނުންވެފައި ހުރި ފުރުސަތަކަށްވާތީ ކަމަށް ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ޓީސީގެ ކޯޗުކަމުން އިސްތިއުފާދިން ޝާޒް އީގަލްސްއާ ހަވާލުވީ އާދިއްތަ ދުވަހު އެވެ. ޝާޒް ބުނީ އީގަލްސްއާ ހަވާލުވާން ބޭނުންވި އެންމެ ބޮޑު ސަބަބަކީ އެ ޓީމުގައި އޮތީ ވަރަށް ރަނގަޅު ސްކޮޑެއްގެ އިތުރުން ކޯޗިން ސްޓާފުން ވެސް ރަނގަޅުވުމުން ކަމަށެވެ. ހާއްސަކޮށް އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ)ގެ މަސައްކަތްތައް ފާހަގަކުރާ ކަމަށް ޝާޒް ބުންޏެވެ.
އީގަލްސްގެ އިން ހުށަހެޅުން ލިބުނުތާ ގަޑިއިރެއްހާއިރު ތެރޭގައި ހުރިހާ ކަމެއް ނިމިގެންދިޔަ ކަމަށާއި މިއީ ހަގީގަތުގައި އޭނާ ބޭނުންވެފައި ހުރި ކަހަލަ ހުށަހެޅުމެއް ކަމަށް ޝާޒް ބުންޏެވެ.
"އަސްލު (އެހާ އަވަހަށް އެނބުރި އަންނަން) އެއްބަސްވީ އޮފާ އައި ކްލަބްގެ ގޮތުން. އެހެން ކްލަބެއް ނަމަ ވަގުތުތަކެއް ނެގުމުގެ ފުރުސަތު އެބައޮތް. އޭއެފްސީ ކަޕްގައި ވެސް ވާދަކުރަން ޖެހިފައިވާއިރު އީގަލްސް އަށް ކޯޗެއްގެ މުހިއްމުކަން އޮތީ ބޮޑުވެފައި. އެ ވިސްނުމުގައި ބަލާއިރު އީގަލްސް އަށް ނޫނެކޭ ބުނުމަކީ ދިވެހި ފުޓްބޯޅަ އަށް ވެސް ނޫނެކޭ ބުނުން ކަމަށްވާނީ،" ޝާޒް ބުންޏެވެ.
"އީގަލްސް އަކީ ކެރިއަރާ ވެސް ގުޅިފައި އޮތް ޓީމެއް. ހަގީގަތުގައި ކުޅެން ފެށީ އީގަލްސްގައި. އީގަލްސް އަކީ އެ ގޮތަށް ބަލާއިރު ވެސް ފަރިތަ ޓީމެއް،"
ޓީސީން ވަކިވާން ޖެހުނު ސަބަބުތަކުގެ ވާހަކަ މި ވަގުތު ދެއްކުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ޝާޒް ގަބޫލުކުރެ އެވެ. އެކަމަކު ފުޓްބޯޅައިގައި މުސްތަގުބަލުގައި އެ ވާހަކަތައް ދައްކަންޖެހޭ ދަނޑިވަޅުގައި އެކަން ކުރާނެ ކަމަށް ޝާޒް ބުންޏެވެ. ޝާޒް ބުނީ ޓީސީއާ ވެސް ހަވާލުވީ އެ ޓީމު ވަރަށް އުނދަގޫ ފައްތަރެއްގައި އޮއްވައި ކަމަށާއި އީގަލްސް އިން ވެސް ލީގުގެ ފުރަތަމަ ބުރުގައި ތަޖުރިބާކުރަން ޖެހުނު ކަންތައްތަކަށް އޭނާގެ ފަރާތުން ކޮންމެވެސް ކުރިއެރުމެއް ހޯދައިދެވޭނެ ކަމަށެވެ.
"ލީގަށް ނުކުތީ ވަރަށް ބޮޑު އުއްމީދަކާ އެކު ހަގީގަތުގައި އެކަން ކުރުމުގެ ފުރުސަތު ގެއްލިގެންދިޔައީ ދިއުމަށް ފަހު އަނެއްކާ ވެސް އެ ފުރުސަތު (އީގަލްސް ގައި) ހުޅުވުނީ. ހުރިހާ އުއްމީދެއް އޮތީ އޭރުގެ ކްލަބާ އެކު. ނަަމަވެސް އެކަން އެގޮތަށް ހާސިލްނުވުމަކީ އެކަން ނުކުރެވުމެއް ނޫން. އެހެންވީމަ ޗެލެންޖިން އަކީ ވަރަށް ކުރާހިތްވާ ކަމެއް. މިއީ އަނެއް ޗެލެންޖް ކުރީ ވެސް ނެގީ ޗެލެންޖެއް. ޔޫތު ޓީމަކާ އެކު އެ ލެވަލަށް ގެންދަން. މި ދަނޑިވަޅުގައި ވެސް ވަރަށް އުނދަގޫކަމެއް މުބާރާތެއްގެ ތެރޭގައި ޓީމެއް ކުޅެމުންދާއިރުގައި ހަވާލުވުމަކީ ފަސޭހަކަމެއް ނޫން،" ޝާޒް ބުންޏެވެ.
މީގެ ހަތް އަހަރެއްހާ ދުވަސް ކުރިން ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އީގަލްސްގައި ޒުވާން ކުޅުންތެރިން ހިމެނޭ ގޮތަށް ޓީމެއް ބިނާކޮށް ތިރިން ކުޅޭ ޕާސިން ފުޓްބޯޅަ އަކަށް އެ ޓީމު އަހުލުވެރިކުރި އެވެ. ސާންތީ ދިޔަ ފަހުން ދެން އެ ޓީމާ ހަވާލުވި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް އެ މަސައްކަތް ކުރިއަށްގެންދިޔަ އެެވެ. ޝާޒް ބުނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމާ ރީތި ފުޓްބޯޅަ ކުޅެން އީގަލްސްގައި އެ އޮތް ސަގާފަތް ކުރިއަށްގެންދަން އޭނާ ވެސް އިސްކަންދޭނެ ކަމަށެވެ.
އީގަލްސް މިއަދު ހަވީރު ކުޅޭ މެޗުގައި ނުކުންނާނީ އެ ޓީމާ އެކު މި ސީޒަން ފެށި ކޯޗު މޯހަން މި ވަގުތު ހުރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ. އީގަލްސްގައި ހުރެ މޯހަން ވަނީ މި ސީޒަނުގައި ސަސްއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުން އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގައި ކުޅުނު ސަސް އިން ވަނީ 1-0 އިން އީގަލްސް ބަލިކޮށްފަ އެވެ. މި މެޗަށް ނުކުންނައިރު ސަސް އެންމެ ފަހުން ކުޅުނު މެޗުން ވަނީ 2-0 އިން ކްލަބް ގްރީން ސްޓްރީޓްސް އަތުން ބަލިވެފަ އެވެ.
"ނަތީޖާ އަށް ވެސް ފޯކަސް ކުރަން. އެއީ ގާތްގާތުގައި ދެ ބަލިވުމަކީ ކޮންފިޑެންސަށް ވެސް އަސަރުކުރާނެ ކަމެއް. ކުޅުންތެރިންނަށް ވިސްނައިދެމުން މި އަންނަނީ މިއީ ދިގު ސީޒަނަކަށް ވެފައި ބައިވަރެއް ގޮތްގޮތްވާނެ ކަން. އެޓްލީސްޓް ބަލިނުވެ ޕޮއިންޓެއް ހޯދުން. އީގަލްސް އާއި މާޒިޔާ އަތުން ޕޮއިންޓެއް ނެގުމަކީ ވެސް ކާމިޔާބެއް އެ ގޮތަށް ބެލުމަކީ ގޯހަކަށް ނުވާނެ،" އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޯހަން ބުންޏެވެ.
މޯހަން ބުނީ އޭނާ އީގަލްސްގައި ހުރެ ބަލިވުމަކީ މައްސަލައެއް ކަމަށާއި އެ ޓީމުން ވަކިވާން ޖެހުނު އެންމެ ބޮޑު ސަބަބަކީ ވެސް ކުރިން ނުވާ ވަރަށް މި ސީޒަނުގައި ބަލިވުމުން ކަމަށެވެ.
"އެއީ ދުރުވާން ޖެހުނު އެއް ސަަބަބު. ދެން މިހާރު ހަވާލުވެ މި ހުރީ މުޅިން އެެހެން ކަހަލަ ޕްރޮޖެކްޓެއް. މީކީ މި ސީޒަނަކަށް ނޫން މި ތައްޔާރުވަނީ. މި ސީޒަނުގައި އެންމެ ބޮޑު ކަމަކަށް މި އޮތީ ސަވައިވްކުރުން. ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ މި ޓީމުގެ ކުޅުންތެރިންނަށް ވެސް މުސްތަގުބަލުގައި. މިހާރު މި އަންނަ ބަލިތަކަކީ މާ ބޮޑު މައްްސަލައެއް ނޫން. ކަމެއް ފައްޓައިގެން ކުރިއަށްދެވެނީ ކިހާ ހިސާބަކަށްތޯ ބަލާލުން ވެސް މުހިއްމު. އެ މަސައްކަތް މިހާރު މި ކުރަނީ،" މޯހަން ބުންޏެވެ.
ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގައި މަސައްކަތްކުރި މޯހަން ބުނީ އޭނާ ގަބޫލުކުރާގޮތުގައި ސަސް އަކީ މި ވަގުތު ލީގުގައި އޮތް އެންމެ އާދައިގެ ޓީމު ކަމަށެވެ.
"އެއީ ހަގީގަތް. އެ އޮޅުވާލަން ކޮންމެހެން މަސައްކަތް ކުރާނެ ކަމެއް ވެސް ނެތް ކަންނޭނގެ. އެެއާ އެކީގައި އަޅުގަނޑުމެން ނުކުންނާނީ. އަޅުގަނޑު ވިސްނަނީ ރީތި ފުޓްބޯޅައެއް ކުޅެގެން ނަތީޖާ ނެރެން. އެހެން މީހުން އެހެން ގޮތަކަށް ވިސްނައިފާނެ. މި ވަގުތު ކުރަން ޖެހޭ އެންމެ ބޮޑު މަސައްކަތަކީ ލިބޭ ފުރުސަތުތަކުން ގޯލެއް ޖެހޭތޯ ބެލުން،" މޯހަން ބުންޏެވެ.
ލީގުގެ ހަތް ވަނައިގައި އޮތް އީގަލްސް އާއި ހަ ވަނައިގައި އޮތް ސަސް އަށް ވަނީ އަށް މެޗުން އަށް ޕޮއިންޓް ލިބިފަ އެވެ. މިއަދުގެ މެޗުން މޮޅުވާ ޓީމަކަށް ހަ ވަނަ މަގާމުގައި ލީޑެއް ލިބޭނެ އެވެ. މެޗު ފަށާނީ 16:05 ގަ އެވެ.
ޝާޒްގެ ފުރަތަމަ މެޗު، މޯހަން ކުރީގެ ޓީމާ ދެކޮޅަށް
މޯހަން މަޑުމަޑުން ގޮސް ގެއްލެނީތަ؟
ބައްޕަގެ ޓީމާ ދެކޮޅަށް ވެސް ނުކުތީ މޮޅުވާން: މޯހަން
ސަސް ގަދަ ހަޔަކަށް ވަންނަންޖެހޭ: މޯހަން
ސަސް ބަލިކޮށް އީގަލްސް ފަސް ވަނަ އަށް
ލީގު ނުފެށި ކްލަބްތައް ކެތްތެރިކަން ކޮޅުންލަނީ!
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ފުޓްބޯޅައާ މެދު ފުންކޮށް ވިސްނަން ކްލަބްތަކުން އެދެފި
އީގަލްސްގެ ކޯޗަކަށް ޝާޒް