Roadha Mihaaru
ވެލެންސިއާ ވަރުގަދަ ވިޔަސް ބިރެއް ނެތް: މޯހަން

ވެލެންސިއާ ވަރުގަދަ ވިޔަސް ބިރެއް ނެތް: މޯހަން

04 ޖެނުއަރީ 2021

މި ފަހަރުގެ ސީޒަނަށް ފެންވަރު ރަނގަޅު ކުޅުންތެރިން ގެނެސް ވެލެންސިއާ އޮތީ ވަރަށް ވަރުގަދަކޮށްފައި ކަމަށާއި އެކަމަކު އެ ޓީމާ ދެކޮޅަށް މިއަދު ހަވީރު ކުޅޭ މެޗުގައި ބޭނުންވާ ގޭމް ކުޅެން ބިރުން އުޅޭކަށް ނުޖެހޭ ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި ފަހަރުގެ ސީޒަނަށް ފެންވަރު ރަނގަޅު ކުޅުންތެރިން ގެނެސް ވެލެންސިއާ އޮތީ ވަރަށް ވަރުގަދަކޮށްފައި ކަމަށާއި އެކަމަކު އެ ޓީމާ ދެކޮޅަށް މިއަދު ހަވީރު ކުޅޭ މެޗުގައި ބޭނުންވާ ގޭމް ކުޅެން ބިރުން އުޅޭކަށް ނުޖެހޭ ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މި ފަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލި އީގަލްސްގެ ލީގު ރެކޯޑް ރަނގަޅެއް ނޫނެވެ. ލީގުގެ ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ޓީސީ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ބަލިވިއިރު، އެންމެ ފަހުން ދަ ގްރާންޑޭއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

"ވެެލެންސިއާ މި ފަހަރު މި ފެންނަނީ ވަރަށް ގަދަކޮށް. ރާއްޖޭގައި ތިބި މޮޅެތި ގިނަ ކުޅުންތެރިންތަކެއް ގެންގޮސްގެން ވަރަށް ވަރުގަދަ ޓީމެއް ހަދާފައި އޮތީ. މިހާތަނަށް ކުޅުނު ތިން މެޗުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައި. އަދި ބައިކޮޅަށް ގޯލެއް ވެސް ނުވަދޭ. (އީގަލްސް އަށް) ކާމިޔާބުވާނެ ކަމުގެ އެ އަޒުމު އެބައޮތް. (ވެލެންސިއާގައި) ވިސްނަން ޖެހޭ ކުޅުންތެރިން ވެސް އެބަހުރި. އޭގެ މާނަ އަކީ އަޅުގަނޑުމެން ބިރުން އުޅޭނެ ވާހަަކައެއް ނޫން. އަޅުގަނޑުމެންގެ ފެންވަރުގައި ކުޅެވޭތޯ ނުކުންނާނީ،" ވެލެންސިއާއާ ބެހޭގޮތުން މޯހަން ބުންޏެެވެ.

ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވެފައިނުވާތީ މޯހަން ވަނީ ލީގަށް ކުރާ އުއްމީދު ދޫކޮށްލައިފަ އެވެ. އޭނާގެ ނަޒަރުގައި އީގަލްސް އަށް ގެއްލޭނެ އެއްޗެއް މިހާރު ލީގުން ނެތެވެ. އެހެންވެ މެޗުތަކުގައި އޭނާގެ ވިސްނުން ހުރީ އިންޑިވިޖުއަލް ކުޅުންތެރިން ކުރިއަރުވައި އާ ކުޅުންތެރިންތަކަކަށް މަސައްކަތްކޮށްދީގެން ސީޒަނުގެ އެހެން މުބާރާތްތަކަށް ތައްޔާރުވުމެވެ.

"ލީގަކަށް ނޫން މި ވިސްނަނީ އެހެން ނަމަވެސް ލީގުގެ ދެވެން އިން ހިސާބަކަށް ދާން މަސައްކަތްކުރާނަން. ކޮންމެހެން ލީގު ކާމިޔާބުކުރާކަށް އެ ކަހަލަ ވިސްނުމެއް ނެތް. މިހާރު ގެއްލޭނެ އެއްޗެއް ނެތް. އާ ކުޅުންތެރިން ޓްރައި ކުރެވޭނެ. ދެން ލީގު ނޫނަސް ފޯކަސް ކުރަން ދެ މުބާރާތް އެބައޮތް ހަގީގަތުގައި. އާ ކުޅުންތެރިން މި ކަހަލަ ވަރުގަދަ މެޗުތަކުގައި ޕްރެޝަރެއް ނުދީ ވަޒަންކޮށްލަން ލިބުމަކީ ދެން ހުރި މުބާރާތްތަކަށް ޓީމު ދެނެގަންނަން ވެސް ލިބޭ ފުރުސަތެއްގެ ގޮތަށް ދެކެނީ،" މޯހަން ބުންޏެވެ.

މީގެ ދެ އަހަރެއް ކުރިން އީގަލްސްއާ ހަވާލުވި މޯހަން ބުނީ އެ ޓީމުގައި އޭނާ އަށް ދެމިހުރެވޭނެ ކަމުގެ ޔަގީންކަން ކްލަބްގެ މެނޭޖްމަންޓުން ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ހާލަތު ވަރަށް ގޯސްނަމަ ޓީމަށް ރަނގަޅު ގޮތް ވިސްނާފައި ކްލަބް ދޫކޮށްލުން ވެސް އެއީ އޮތް ގޮތެއް ކަމަށާއި އެކަމަކު ފެންނަ ފެނުމަށް ބަލާއިރު އެއީ ވަރަށް ދުރުގައި އޮތް ކަމެއް ކަމަށް އޭނާ ބުންޏެވެ.

ވެލެންސިއާގެ ޕްރެކްޓިހުގެ ތެރެއިން އާތީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާގެ ޕްރެކްޓިހުގެ ތެރެއިން އާތީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ އޭނާގެ ނަޒަރުގައި އީގަލްސް ޓީމަކީ މިދިޔަ ފަސް އަހަރަށް ބަލާއިރު ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ޓީމެއް ކަމަށާއި އެއީ މާޒިޔާ ފަދަ ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ވަރުގަދަ ޓީމުތަކުގެ ތެރޭގައި އަޅުގަނޑު ކައުންޓްކުރަން މާޒިޔާ ދެން އީގަލްސް. މާ ބޮޑަށް ވެލެންސިއާ ޕޮއިންޓް ޓޭބަލްގައި ޓީމުތައް އޮތް ހިސާބަށް ނުބަލާނެ. އެއީ ޗެރިޓީ ޝީލްޑް މެޗު މިސާލަކަށް ބަލަންޖެހޭ. ޒުވާން ޓެލެންޓް އޮވެ އެންމެ ރަނގަޅު ފުޓްބޯޅައެއް މިދިޔަ ފަސް އަހަރެއްގެ ތެރޭގައި ކުޅުނު ޓީމު އީގަލްސް އަކީ،" އާތީ ބުންޏެވެ.

މެޗަކަށް ފަހު މެޗެއް ވެލެންސިއާ އިން ކުޅުން ރަނގަޅުކުރަމުން އައުމަކީ ހިތްހަމަ ޖެހުމެއްގެ ގޮތުގައި ފާހަގަކޮށް އާތީ ބުނީ ލީގުގައި އެހެން ޓީމުގެ ހާލަތަށް އެ ޓީމުން މާ ބޮޑަށް ނުބަލާނެ ކަމަށެވެ.

"ވެލެންސިއާ ކުރިއަށްދިއުމުގައި ނުޖެހޭ ކަންނޭނގެ އެހެން ޓީމުތަކަށް ވާ ގޮތް ބަލާކަށް. މެޗެއް ކުޅޭއިރު އެ ޓީމެއްގެ ސްޓްރޯންގް ޕޮއިންޓްސް އާއި ވީކް ޕޮއިންޓްސް އެނަލައިޒްކޮށްގެން ކަންނޭނގެ މީގެ ވާނީ. ޕޮއިންޓް ޓޭބަލް ބަލައިގެން އެ ޓީމު ޕްލޭޔަރުންނަށް ބަލައިގެން އެހެން ނޫން މި ރެޑީވަމުން މި އަންނަނީ. އަޅުގަނޑުމެން އަބަދުވެސް އިހުތިރާމްކުރަން އެހެން ޓީމުތަކަށް،" މާޒިޔާގެ ކޯޗު ބަދަލުވުމުގައި ވެލެންސިއާ އަށް މީގެ އެޑްވާންޓޭޖެއް ނެގިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން އާތީ ބުންޏެވެ.

ވެލެންސިއާގެ ފޯވާޑް ލައިނުގައި ތިބި އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަކީ ތަޖުރިބާ އާއި ހުނަރަށް ބަލާއިރު ލީގުގެ އެންމެ ރަނގަޅު ފޯވާޑް ލައިންކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އާތީ ބުނީ އީގަލްސްގައި އޮތީ ވެސް އާދައިގެ ފޯވާޑް ލައިނެއް ނޫން ކަމަށެވެ.

ލީގުގައި ރޭ މާޒިޔާ އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެއްވަރުވުމުން ވެލެންސިއާ އަށް އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގަން ވަނީ ފުރުސަތު ލިބިފަ އެވެ. ވެލެންސިއާ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.