Roadha Mihaaru
މައިކްރޮސޮފްޓުން 19.7 ބިލިއަނަށް ނިއުއާންސް ގަނެފި

މައިކްރޮސޮފްޓުން 19.7 ބިލިއަން ޑޮލަރަށް ނިއުއާންސް ކޮމިއުނިކޭޝަން ގަނެފި

14 އެޕްރީލް 2021

އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ސްޕީޗް ޓެކްނޮލޮޖީ އަށް ހާއްސަ ކުންފުނި ނިއުއާންސް ކޮމިއުނިކޭޝަންސް 19.7 ބިލިއަން ޑޮލަރަށް މައިކްރޮސޮފްޓަށް ވިއްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ސްޕީޗް ޓެކްނޮލޮޖީ އަށް ހާއްސަ ކުންފުނި ނިއުއާންސް ކޮމިއުނިކޭޝަންސް 19.7 ބިލިއަން ޑޮލަރަށް މައިކްރޮސޮފްޓަށް ވިއްކާލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ކުންފުނީގެ މި މުއާމަލާތް ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ނިއުއާންސް 19.7 ބިލިއަން ޑޮލަރަށް މައިކްރޮސޮފްޓުން ގަނެފައި ވާއިރު މިއީ އެ ކުންފުނިން މިހާތަނަށް ދެ ވަނަ އަށް ކުރި އެންމެ ބޮޑު މުއާމަލާތެވެ. މަޝްހޫރު ލިންކްޑްއިން 2016 ވަނަ އަހަރު މައިކްރޮސޮފްޓުން ގަތީ 26 ބިލިއަން ޑޮލަރަށެވެ.

ނިއުއާންސަކީ އެ ކުންފުނީގެ ޑްރެގަން ސޮފްޓްވެއާ އަށް މަޝްހޫރު ކުންފުންޏެކެވެ. އެއީ އަޑު ދެނެގަންނަ ސޮފްޓްވެއާއެކެވެ. ޑްރެގަން އަކީ އެ ދާއިރާ އިން މިހާތަނަށް އެންމެ ފާހަގަކޮށްލެވޭ ސޮފްޓްވެއާ އެވެ. ޑީޕް ލާނިންގެ އެހީގައި ޔޫޒަރުންގެ އަޑު/ސްޕީޗް ޓްރާންސްކްރައިބްކޮށް އޭގެ ސައްހަކަން ވަރަށް ރަނގަޅަށް ކަށަވަރުކޮށްދެ އެވެ.

މި ޓެކްނޮލޮޖީގެ ލައިސަންސް މިހާތަނަށް ނިއުއާންސް އިން ބައެއް ހިދުމަތްތަކަށް ވެސް ދީފައިވެ އެވެ. އެޕަލްގެ ޑިޖިޓަލް އެސިސްޓަން، ސިރީ އަކީ އޭގެ ތެރެއިން އެކައްޗެކެވެ. އެކަމަކު ސިރީގައި ޑްރެގަން ސޮފްޓްވެއާ އެޕަލް އިން ކިހާ ވަރަކަށް ބޭނުން ކުރާ ކަމެއް މިހާތަނަކަށް ސާފެއް ނޫނެވެ.

މައިކްރޮސޮފްޓުން ނިއުއާންސް ގަތުމުގެ މައިގަނޑު މަގުސަދަކީ އެ ކުންފުނިން ސިއްހީ ދާއިރާ އަށް ފޯރުކޮށްދޭ ވޮއިސް ރިކޮގްނިޝަން އިތުރަށް ތަރައްގީކޮށް ފުޅާކުރުމެވެ.

މެޑިކަލް ކޮންސަލްޓޭޝަންތަކުގެ އިތުރުން ޑިޖިޓަލް ޓްރާންސްކްރިޕްޝަން އަކީ މި ފަހަކަށް އައިސް ކުންފުނިތަކުގެ ބޯޑް މީޓިންތަކާއި ޔުނިވަސިޓީ ލެކްޗާ ދިނުން ފަދަ ކަންކަމުގައި ވެސް ވަރަށް ބޮޑަށް ބޭނުން ހިފަމުން އަންނަ ޓެކްނޮލިޖީއެކެވެ. އެހެންވެ މައިކްރޮސޮފްޓުން ނިއޯންސް ގަތުން ވެގެން ދާނީ ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް ޓްރާންސްކްރިޕްޝަނަށް ބޮޑު ބަދަލެއް ގެނުވާނެ ކަމަކަށެވެ.

ނިއުއާންސް ކޮމިއުނިކޭޝަންސް އަކީ މީގެ 29 އަހަރު ކުރިން ވުޖޫދަށް އައި ކުންފުންޏެކެވެ.