Roadha Mihaaru
މައިކްރޮސޮފްޓުގެ މުވައްޒަފުންގެ ބޯނަސް: 1500 ޑޮލަރު

މައިކްރޮސޮފްޓްގެ މުވައްޒަފުންނަށް 1،500 ޑޮލަރުގެ ބޯނަހެއް

10 ޖުލައި 2021

މިދިޔަ އަހަރުން ފެށިގެން ކޮވިޑް-19އާ ހެދި ކުރިމަތިލާން ޖެހިފައިވާ އުނދަގޫތަކާ ހެދި މައިކްރޮސޮފްޓުން މުވައްޒަފުންނަށް "ޕެންޑެމިކް ބޯނަސް" ގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1،500 ޑޮލަރު ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުން ފެށިގެން ކޮވިޑް-19އާ ހެދި ކުރިމަތިލާން ޖެހިފައިވާ އުނދަގޫތަކާ ހެދި މައިކްރޮސޮފްޓުން މުވައްޒަފުންނަށް "ޕެންޑެމިކް ބޯނަސް" ގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1،500 ޑޮލަރު ދޭން ނިންމައިފި އެވެ.

ބޯނަހެއް ދޭން ނިންމިކަން މުވައްޒަފުންނަށް އިންޓާނަލް މެމޯއަކުން އެންގީ މައިކްރޮސޮފްޓްގެ ޗީފް ޕީޕަލް އޮފިސަރު ކެތުލީން ހޯގަން އެވެ. އޭނާ ވިދާޅުވީ މުވައްޒަފުންނަށް ހަދިޔާއެއްގެ ގޮތުގައި ދޭ 1،500 ޑޮލަރުގެ ބޯނަހަކީ ޕޭންޑެމިކް ދަތި އުނދަގޫ ހާލަތިގެ ތެރޭގައި ވެސް މުވައްޒަފުން ކުރި މަސައްކަތުގެ ވަޒަންކުރުމުގެ ގޮތުން ދެވޭ އެއްޗެކެވެ.

މި ބޯނަސް އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ތަންތަނުގައި މަސައްކަތްކުރާ މައިކްރޮސޮފްޓްގެ މުވައްޒަފުންނަށް ވެސް ދޭނެ އެވެ. އެކަމަކު ބޯނަސް ލިބޭނީ ކޯޕަރޭޓް ވައިސް ޕްރެޒިޑެންޓަށް ވުރެ ދަށް ލެވެލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އޭގެ ތެރޭގައި ދާއިމީ އަދި ވަގުތީ މުވައްޒަފުން ވެސް ހިމެނެ އެވެ.

މައިކްރޮސޮފްޓްގެ މުވައްޒަފުންތަކެއް.

މައިކްރޮސޮފްޓްގެ މުވައްޒަފުންތަކެއް.

މައިކްރޮސޮފްޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 175،500 އަށް ވުރެ ގިނަ އެވެ. އެކަމަކު މި ފަހަރު މި ދޭ ބޯނަސް އެ ކުންފުނީގެ ދަށުން ހިންގާ ލިންކްޑްއިން އާއި ގިޓްހަބް އަދި ޒެނީމެކްސްގެ މުވައްޒަފުންނަކަށް ނުލިބޭނެ އެވެ.

މުވައްޒަފުންނަށް ދޭ 1،500 ޑޮލަރުގެ ބޯނަހަށް މައިކްރޮސޮފްޓުން ގާތްގަނޑަކަށް 200 މިލިއަން ހޭދަކުރާނެ އެވެ. އެ ކުންފުނި މިދިޔަ މަހު ވަނީ ދެ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ވެފަ އެވެ.

މައިކްރޮސޮފްޓްގެ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމި އިރު މިދިޔަ އަހަރު ފޭސްބުކުން ވެސް ދާއިމީ ކޮންމެ މުވައްޒަފަކަށް 1،000 ޑޮލަރުގެ ބޯނަހެއް ދީފައިވެ އެވެ. އަދި އެމެޒޯން އިން އެ ކުންފުނީގެ ފްރޮންޓްލައިން މަސައްކަތްތެރިންނަށް ހޮލިޑޭ ބޯނަހުގެ ގޮތުގައި 300 ޑޮލަރު ދީފައިވެ އެވެ.